Roadha Mihaaru
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އެއާބަސް ގަމަށް

ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އެއާބަސްގެ ދަތުރުތައް ގަމަށް

04 ޑިސެމްބަރ 2022

ސްކޫލުތަކުގެ މި އަހަރުގެ ފުރަތަމަ ޗުއްޓީ ބަންދާ ދިމާކޮށް ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެއާބަހުގެ ދަތުރުތައް ފަށަން މޯލްޑިވިއަން އެއާލައިނުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްކޫލުތަކުގެ މި އަހަރުގެ ފުރަތަމަ ޗުއްޓީ ބަންދާ ދިމާކޮށް ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެއާބަހުގެ ދަތުރުތައް ފަށަން މޯލްޑިވިއަން އެއާލައިނުން ނިންމައިފި އެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރު އެގްޒެކެޓިވް އަހުމަދު މުޝްއިލް ސޮބާހު މިއަދު ވިދާޅުވީ، ޗުއްޓީ ދުވަސްވަރާ ދިމާކޮށް 8 ދުވަހެއްގައި އެއާބަސް އޭ 320 ގެ ދަތުރުތައް ގަމަށް ކުރާނެ ކަމަށެވެ. އޭގެ ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކަށް އައްޑޫން މާލެ އަށް އަދި މާލެ އިން އައްޑު އަށް ދެވޭނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުތައް އިތުރުކުރަން ނިންމީ، ޓިކެޓް ބުކިން އަށް ބަލައި އެ ދުވަސްވަރު އިތުރަށް މީހުން ފުރާނެ ކަމަށް ބެލެވޭތީ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. ގަމަށް އެއާބަހުގެ ދަތުރުތައް ބާއްވާނީ މި މަހުގެ 15، 17، 22، 24 ،29، 30 އަދި އަންނަ ޖެނުއަރީ މަހުގެ 5 އާއި 7 ވަނަ ދުވަހު އެވެ. އެ ދުވަސްތަކުގައި އެއާބަހުން އައްޑު އަށް ދަތުރުތައް ކުރާނީ ރޭގަނޑު އެވެ. މާލެ އިން އައްޑު އަށް ފްލައިޓް ފުރާނީ ރޭގަނޑު 7:25 ގަ އެވެ. އައްޑޫން މާލެ އަށް ބޯޓު އަންނާނީ ރޭގަނޑު 9:35 ގަ އެވެ.

މި އަހަރުގެ ފުރަތަމަ ޓާމަށް ސްކޫލުތައް ބަންދު ކުރާނީ މި މަހުގެ 23 ގަ އެވެ. ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އަންނަ ޖެހުއަރީ 8 ގަ އެވެ.

އާންމު ގޮތެއްގައި ގަމަށް ކޮންމެ ދުވަހަކު ވެސް މޯލްޑިވިއަންގެ 4-5 ފްލައިޓް ދަތުރު ކުރެ އެވެ.

މިދިޔަ ދުވަސްތަކުގައި ވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގަމުގެ އިތުރުން އެހެން ސަރަހައްދުތަކަށް ކުރާ ދަތުރުތައް ވެސް މޯލްޑިވިއަން އިން އިތުރު ކުރެ އެވެ.

ޗުއްޓީއާ ދިމާކޮށް އަންނަ ޑިމާންޑަށް ހައްލު ހޯދަން މޯލްޑިވިއަން އިން ވަނީ އޭޓީއާރު މަރުކާގެ ބޯޓެއް ވެސް ގެނެސް ބޭނުން ކުރަން ފަށައިފަ އެވެ.