Roadha Mihaaru
ބާ ކައުންސިލުން ނަގާނެ ފީތައް އިއުލާނުކޮށްފި

އަންނަ އަހަރުން ފެށިގެން ބާ ކައުންސިލުން ނަގާނެ ފީތައް އިއުލާނުކޮށްފި

29 ޑިސެމްބަރ 2022

ބާ ކައުންސިލުން ދޭ ހިދުމަތްތަކަށް އަންނަ އަހަރުން ފެށިގެން އެ ކައުންސިލުން ނަގާނެ ފީތައް މިއަދު އިއުލާނުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ބާ ކައުންސިލުން ދޭ ހިދުމަތްތަކަށް އަންނަ އަހަރުން ފެށިގެން އެ ކައުންސިލުން ނަގާނެ ފީތައް މިއަދު އިއުލާނުކޮށްފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައި ބާ ކައުންސިލަށް ފައިސާ ހޯދޭނެ އިތުރު ގޮތްތަކެއް ބަޔާންކޮށްފައިވެ އެވެ. އެއީ ބާ ކައުންސިލު ހިންގުމަށް ބޭނުންކުރާ ފައިސާ އެވެ.

ގާނޫނު އިސްލާހުކޮށްފައިވާއިރު، ބާ ކައުންސިލުން މިއަދު ވަނީ އެ ކައުންސިލުން ހިދުމަތްތަކަށް ނަގަން ހަމަޖެހިފައިވާ ފީތައް އިއުލާނުކޮށްފަ އެވެ. ބާ ކައުންސިލުން ބުނި ގޮތުގައި އެ ފީތައް ނަގަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ބާ ކައުންސިލުން ނަގަން ހަމެޖެހިފައިވާ ފީތައް:

• ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭއިރު 2000ރ.

• ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭއިރު 2000ރ.

• ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭއިރު 1500ރ.

• ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުން އަދި އާ ކުރުން 2000ރ.

• ލޯ ފާމް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީއަށް 2000ރ.

• ލީގަލް ޕްރެކްޓިސް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީ 1000ރ.

• ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ކާޑު ހެދުމަށް އަދި އާކުރުމަށް 500ރ.

• ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލިގެން އަލުން ހެދުން 1000ރ.

• ގާނޫނީ ވަކީލުކަމުގެ ހުއްދަ ޓްރާންސްލޭޝަން 1000ރ.

• ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން 1000ރ.

• އެކްސްކޯގެ އިންތިހާބުގެ އިދާރީ ފީ 5000ރ.

ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައި، ބާ ކައުންސިލަށް ފައިސާ ހޯދޭނެ އިތުރު ހަތަރު ގޮތެއް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކައުންސިލަށް ވަކީލުން ދޭ ޗަންދާ އާއި ބާ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީ ނަގައިގެންނާއި ބާ ކައުންސިލުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުންނާއި އެ ކައުންސިލުން އެހެނިހެން ހަރަކާތްތައް ހިންގައިގެން އާމްދަނީ ހޯދޭނެ ކަމަށް ބުނެފައިވެ އެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ވެސް ބާ ކައުންސިލުން ވަނީ އެ ކައުންސިލަށް ލިބޭ ބަޖެޓު ކުޑަކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.