Roadha Mihaaru
ޔާމީންގެ ނަން ނެތި އިންތިހާބު ނޯންނާނެ: އަދުރޭ

ޔާމީންގެ ނަން ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތެއް ނުދޭނަން: އަދުރޭ

30 ޑިސެމްބަރ 2022

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވި، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ނެތި، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވި، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ނެތި، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީން މިނިވަންކުރަން ގޮވާލައި، މިއަދު މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑު ހިނގާލުމެއް ދަނީ ބާއްވަމުންނެވެ.

މާލޭގައި ބޭއްވި ހިނގާލުން ޕީޕީއެމް އޮފީސް ކުރިމަތިން ހަވީރު ފެށިއިރު އެ ހިނގާލުމުގެ އިސް ސަފުގައި އިދިކޮޅުގެ އިސްވެރިން ތިބީ "ހަރާން ހުކުމް ބާތިލުކުރޭ، ރައީސް ޔާމީން މިނިވަންކުރޭ" ލިޔެފައިވާ ބެނާއެއް ހިފަހައްޓައިގެންނެވެ.

އޭގެ ތެރޭގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އަބްދުއްރަހީމާއި ޣައްސާން މައުމޫނާއި މުހައްމަދު ސައީދާއި ރެޑްވޭވް ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.

ދިވެހި ދިދަ އާއި ޕީޕީއެމްގެ ދިދަ ހިފައިގެން އިދިކޮޅުގެ ހިނގާލުމުގެ ބައިވެރިން ތިބީ މޭމަތީގައި ޔާމީން މިނިވަންކުރަން ލިޔެފައިވާ ކަޅު ކުލައިގެ ޓީޝާޓްގަ އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ހިނގާލުން މާލޭގައި ބާއްވާފައި ވަނީ ފުލުހުންގެ ހުއްދައާ އެކުގަ އެވެ.

އެ ހިނގާލުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް އޮތް ތާއީދު މިއަދުގެ ހިނގާލުމުން ވަރަށް ސާފުވާ ކަމަށާއި އެ މަނިކުފާނަށް އެ ތާއީދު އޮތްކަން އިންޑިއާ އަށް ވެސް އެނގޭ ކަމަށެވެ.

އެހެންވެ، ޔާމީން ޖަލަށް ލާފައި ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެރިވުމަށް އެ މަނިކުފާނަށް ފުރުސަތު ނުދޭން ކަމަަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ދިވެހިން ތިބީ ދޫދޭ ގޮތަކަށް ނޫން ކަމަށާއި ޔާމީންގެ ނަން ނެތި އިންތިހާބު ބާއްވަން ވެސް ފުރުސަތު ނުދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ މަންޒަރު މާ ރީއްޗަށް ފެންނަ ކަމަށާއި ޔާމީނަށް އޮތް ތާއީދު އިންޑިއާއަށް އެނގޭ. އެހެންވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ނުދޭންވެގެން ޖަލަށް ލާފައި އެ އޮތީ. ދިވެހިން ބުނީ ޔާމީންގެ ނަން ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމުން ބާއްވާ ހިނގާލުން.-- ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމުން ބާއްވާ ހިނގާލުން.-- ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރަކީ އިންސާފު ހޯދައިދޭން އައި ބައެއް ނަމަވެސް ކުރާކަމަކީ ޔާމީނަށް އަނިޔާ ދިނުމެވެ. ޔާމީނަށް ދިން އަނިޔާގެ ހަނދާންތައް އާކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ 2019 ގައި ވެސް ޔާމީނާ ދިމާކޮށްލީ މަޖިލިސް އިންތިހާބު ގާތްވެފައިވަނިކޮށް ކަމަށާއި ހެކި ނައްތާލަފާނެ ކަމުގެ ބިރަށް ކަމަށް ބުނެ ހައްޔަރުކުރިޔަސް އެ ފަހަރު ވެސް ދޫވީ ކޯޓުން ދޫކޮށްލުމުން ކަމަށެވެ.

އޭގެ ފަހުން، އެމަނިކުފާނަށް ކުރި ފަސް އަހަރުގެ ހުކުމަކީ ވެސް "ހަރާން" ހުކުމެއް ކަމަށާއި ދެ އަހަރަށް ވުރެ ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު އަނެއްކާ ވެސް މިނިވަންވީ ސްޕްރީމް ކޯޓުގެ ހުކުމް ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން މާލޭގައި ބާއްވާ ހިނގާލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ބައިވެރިވަނީ--

އިދިކޮޅުން މާލޭގައި ބާއްވާ ހިނގާލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ބައިވެރިވަނީ--

އެކަމަކު ސަރުކާރުން ދިން އަނިޔާތަކަށް ބެލުމެއް ނެތި ޔާމީން އަނެއްކާ ވެސް ސިޔާސީ ކަންކަމަށް ނިކުމެވަޑައިގެންނެވީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ނަގާލަން ފެށީމަ ނިކުތް ހަމައެކަނި ލީޑަރަކީ ޔާމީން. އެކަމާ ކެތްނުވެގެން އަނެއްކާ ހަރާމް ހުކުމެއް ކުރީ -- އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ޔާމީނަށް ދެމުންދާ އަނިޔާތަކަށް މައާފެއް ނެތް ކަމަށެވެ. އެމަނިކުފާނު ވަރަށް އަވަހަށް މިނިވަންކޮށް، ރައްޔިތުންނާ ދާދި އަވަހަށް ބައްދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ހިޔާނާތްތެރިވެގެން ނުތިބެވޭނެ. ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާނެ،"

އަބްދުއްރަހީމް ވިދާޅުވާ ގޮތުގައި މި ހުރިހާ އަނިޔާއެއްގެ ނަތީޖާއަކަށް ވާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޔާމީން ކާމިޔާބު ކުރެއްވުމެވެ.

ޔާމީން ޖަލަށްލި ފަހުން އިދިކޮޅު ޕީޕީއެމުން ދަނީ ކޮންމެ ދުވަހަކު ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. ޕީޕީއެމާއި ޕީއެންސީގެ ސެނެޓުން ވަނީ ޔާމީން މިނިވަންކޮށް، ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ފާސްކޮށްފަ އެވެ.