Roadha Mihaaru
ހަލް އިންޝުއަރެންސް އެހެން ކުންފުނިތަކަށް ވެސް ދެވިދާނެ

ހަލް އިންޝުއަރެންސް އެހެން ކުންފުނިތަކުން ވެސް ކުރެވިދާނެ: ޓްރާންސްޕޯޓް

15 ޖެނުއަރީ 2017

ކަނޑު އުޅަނދުފަހަރުގެ އިންޝުއަރެންސް (ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް) ގެ ޚިދުމަތް ދިނުން އެލައިޑް އިންޝުއަރެންސާ ހަވާލުކޮށްފައި އޮތަސް އިންޝުއަރެންސްގެ ޚިދުމަތް ދޭ އެހެން ކުންފުނިތަކަށް ވެސް އެ ޚިދުމަތް ދެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކަނޑު އުޅަނދުފަހަރުގެ އިންޝުއަރެންސް (ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް) ގެ ޚިދުމަތް ދިނުން އެލައިޑް އިންޝުއަރެންސާ ހަވާލުކޮށްފައި އޮތަސް އިންޝުއަރެންސްގެ ޚިދުމަތް ދޭ އެހެން ކުންފުނިތަކަށް ވެސް އެ ޚިދުމަތް ދެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ އޮގަސްޓް މަހު ހަމަޖައްސާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑު އުޅަނދުތައް ދުއްވޭނީ އިންޝުއަރެންސްކޮށްގެން ކަމަށެވެ. އެ އިންޝުއަރެންސްގެ ޚިދުމަތް ދިނުން އެލައިޑް ކުންފުންޏާ ހަވާލުކޮށްފައިވާތީ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ހަލް އިންޝުއަރެންސްގެ ޚިދުމަތް ދެވޭނީ ހަމައެކަނި އެލައިޑަށް ކަމަށް ނިންމާފައި ނޯންނާނެ ކަމަށާއި ރަޖިސްޓްރީވެފައިވާ އިންޝުއަރެންސް ކުންފުނިތަކަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެލައިޑާ ދެމެދު އެއްބަސްވުމެއް އޮތުމަކީ އެހެން ކުންފުނިތަކުގެ އިންޝަރެންސް ބަލައިނުގަތުން ނޫން ކަމަށާއި އިންޝުއަރެންސް ކުރާނީ ކޮން ކުންފުންޏަކުންތޯ ނިންމުމަކީ އުޅަނދުތަކުގެ ވެރިފަރާތުގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ނާފިޒު ވިދާޅުވި އެވެ.

"ހަމައެކަނި މިތަނުން ގަބޫލުކުރާނީ އެލައިޑުން ދޭ ހަލް އެންޑް މެޝިނަރީ އިންޝުއަރެންސްއޭ ބުނެފައެއް ނޯންނާނެ. އޮޑިވެރިޔާ އަށް އެބައޮތް ރާއްޖޭގައި ތިބި އެހެން އިންޝުއަރެންސް ކުންފުނިތަކުގައި އިންޝުއާ ކުރުމުގެ ފުރުސަތު ވެސް. އެލައިޑާ ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު އޮތް އެއްބަސްވުމަކީ އެއްވެސް ފަރާތަކުން އެ ޚިދުމަތް ނުދޭ ހާލަތެއްގައި އެލައިޑް އިންޝުއަރެންސް އޮންނާނެ. އެކަމުގެ ގެރެންޓީއެއް މިއޮތީ ހޯދާފައި،" ނާފިޒު ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވި ގޮތުގައި އެ ޚިދުމަތް ދިނުން އެލައިޑާ ހަވާލުކުރީ ދެ ފަހަރަށް އިއުލާން ކުރުމުން ވެސް ކުރިމަތިލީ ހަމައެކަނި އެލައިޑުން ކަމަށް ވެފައި، އެހެން ކުންފުނިތަކަށް ވުރެ ހެޔޮ އަގުގައި އެ ޚިދުމަތް ދޭން އެލައިޑުން އެއްބަސްވުމުންނެވެ.

"އެލައިޑް އިންޝުއަރެންސް އާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު އެއްބަސްވީ އެ ކުންފުނިން މިހާރު އެ ޚިދުމަތް ދޭ އަގަށް ވުރެ 30 ޕަސެންޓް ހެޔޮކޮށް އެކަންކޮށް ދިނުމަށް. އެހެންވެ ސަރުކާރަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ވެސް އަދި އޮޑިވެރިންނަށް ވެސް އެންމެ ފަސޭހަ ގޮތަކަށް އެކަން ސަރުކާރުން ނިންމާފައި އޮތީ،" ނާފިޒު ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ އެ ޚިދުމަތް ދިނުން ހަމައެކަނި އެލައިޑަށް ދިނުމުން އެމްއެމްއޭ އިން އެކަމާ މެދު ސުވާލުކުރި ކަމަށާއި އެކަން ހިނގިގޮތް އެމްއެމްއޭ އަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ. އަދި އެކަމަށް އިއުލާން ކުރިފަހުން ވުޖޫދަށް އައި އިންޝުއަރެންސް ކުންފުނިތަކުން އެކަމާ މެދު ކަންބޮޑުވިޔަސް އެ ފަރާތްތަކަށް ވެސް އެ ޚިދުމަތް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.

"އިއުލާން ކުރިއިރު އުފަން ނުވާ ކުންފުނިތައް ވެސް އެބަތިބި. އަޅުގަނޑު އެ ބޭފުޅުންނަށް ވެސް ދަންނަވާނީ ކަންބޮޑުވާނެ ކަމެއް ނެތޭ. ވާދަވެރި މާހައުލެއްގައި އެކަން ކުރުމުގެ ފުރުސަތު އެބައޮތޭ ތި ބޭފުޅުންނަށް ވެސް،" ނާފިޒު ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވި ގޮތުގައި ކުރިން އިންޝުއަރެންސް ކޮށްފައި ހުރި ކަނޑު އުޅަނދުތަކުގެ އިންޝުއަރެންސް މުއްދަތު ހަމަވަންދެން އަލުން އިންޝުއަރެންސް ކުރާކަށް ނުޖެހޭނެ އެވެ. އެކަމަކު ކުރިން ކޮށްފައިވާ އިންޝުއަރެންސްގެ ތެރޭގައި ވެސް ހަލް އެންޑް މެޝިނަރީގެ ޕޮލިސީ ހިމެނެން ޖެހޭނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.