Roadha Mihaaru
ރަށްރަށުގައި ވެސް ސައިކަލު ޓެކްސީގެ ޚިދުމަތް ފަށަނީ

ރަށްރަށުގައި ވެސް ސައިކަލު ޓެކްސީގެ ޚިދުމަތް ފަށަނީ

31 ޖެނުއަރީ 2017

ސައިކަލު ޓެކްސީގެ ހިދުމަތަށް މާލޭން ލިބުނު ތަރުހީބަށް ބަލާފައި ރަށްރަށުގައި ވެސް އެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސައިކަލު ޓެކްސީގެ ހިދުމަތަށް މާލޭން ލިބުނު ތަރުހީބަށް ބަލާފައި ރަށްރަށުގައި ވެސް އެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެތަނުގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު މާލޭގައި ފެށި ސައިކަލް ޓެކްސީގެ ހިދުމަތަށް މިހާތަނަށް އައިއިރު ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، ރަށްރަށުގައި ވެސް އެ ހިދުމަތް ދިނުމަށް އެދެމުން އަންނާތީ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނިގޮތުގައި ސައިކަލް ޓެކްސީގެ ހިދުމަތް ކޮންމެ ރަށެއްގައި ވެސް ދެވިދާނެ އެވެ. އެކަމަކު އެ ހިދުމަތް ދިނުމަށް 20 ސައިކަލު ހިމެނޭ ގޮތަށް، ޓެކްސީ ސެންޓަރެއް އުފައްދައި އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި އެއަށް ފަހު ހިދުމަތް ދޭން ޖެހޭނީ ޓްރާންސްޕޯޓް އޮތޯރިޓީން އެކަމަށް އެކުލަވާލާފައިވާ ގަވައިދާ އެއްގޮތަށެވެ.

ސައިކަލު ޓެކްސީގެ ހިދުމަތް ރަށްރަށުގައި ފެށުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ނާފިޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސައިކަލު ޓެކްސީގެ ހިދުމަތް ރަށްރަށުގައި ފެށުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ނާފިޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު މިއޮތީ ގަވައިދުތައް ވެސް ހެދިފައި. ސައިކަލުގައި ހުންނަން ޖެހޭ ޝަރުތުތަކާ އެއްޗެހި ވެސް ކަނޑައަޅާފައި. ރަށްރަށުގައި ހާއްސަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި އަދި ޓެކްސީގެ ހިދުމަތް ނުދޭ ރަށްރަށުގައި މިހާރު މިކަން ކުރިއަށް ގެންދެވޭނެ،" ނާފިޒު ވިދާޅުވި އެވެ.

ސައިކަލު ޓެކްސީގެ ހިދުމަތް ދޭން ޖެހެނީ 10ރ. އަށް ވުރެ ބޮޑު ނުވާނެ ގޮތަށެވެ. އަދި އެ ހިދުމަތް ދޭ މީހުންނަކީ ކުށުގެ ރެކޯޑު ނެތް އަދި ސިއްހީ އެއްވެސް މައްސަލައެއް ނުހުންނަ މީހުންނަށް ވާން ޖެހެ އެވެ.

ނާފިޒު ވިދާޅުވީ މާލޭގައި މި ހިދުމަތް އަދި ދެނީ އެންމެ ކުންފުންޏަކުން ނަމަވެސް، ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ކުރިއަށް އޮތް ތަނުގައި ކޮންމެ ބަޔަކަށް ވެސް މި ހިދުމަތް ދެވިދާނެ ކަމަށެވެ. އަދި ކާރު ހޯދަން މިހާރު ދިމާވާ ދަތިތައް ކުޑަވެ، ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މާލޭގައި ސައިކަލު ޓެކްސީގެ ހިދުމަތް ދެމުން އަންނަ "ސްކޫޓެކްސީ"ން މި ހިދުމަތް ފެށީ 20 ސައިކަލާ އެކުގައި ނަމަވެސް މި ވަގުތު ބޭނުން ކުރަމުން އަންނަނީ ފަސް ސައިކަލެވެ. އެ ކުންފުނީގެ ޚިދުމަތް ހޯދަން ގުޅަންޖެހެނީ 8080 އަށެވެ. އެކަމަކު ފޯނުކޮށްގެން ޚިދުމަތް ފޯރުކޮށްދޭން އަދި ދެ ހަަފުތާވަރު ނަގާނެ ކަމަށް އެ ސެންޓަރުން ބުނެ އެވެ.