Roadha Mihaaru

ޓީމުން ޖާގަ ލިބޭތޯ ރަޝްފޯޑް ހާއްސަ ތަމްރީނުތަކެއް ހަދަނީ

މެންޗެސްޓާ (ޖެނުއަރީ 21) – މެންޗެސްޓާ ޔުނައިޓެޑްގެ ޓީމުން ޖާގަ ލިބޭތޯ އެ ޓީމުގެ ފޯވާޑް މާކޯސް ރަޝްފޯޑް ހާއްސަ ތަމްރީނުތަކެއް ހަދަން ފަށައިފި އެވެ.

ޓީމުން ޖާގަ ލިބޭތޯ ރަޝްފޯޑް ހާއްސަ ތަމްރީނުތަކެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

21 ޖެނުއަރީ 2025

މެންޗެސްޓާ (ޖެނުއަރީ 21) – މެންޗެސްޓާ ޔުނައިޓެޑްގެ ޓީމުން ޖާގަ ލިބޭތޯ އެ ޓީމުގެ ފޯވާޑް މާކޯސް ރަޝްފޯޑް ހާއްސަ ތަމްރީނުތަކެއް ހަދަން ފަށައިފި އެވެ.

ޔުނައިޓެޑް ކޯޗު ރުބެން އަމޯރިމް ވަނީ ރަޝްފޯޑުން ޓީމުން އެކަހެރިކޮށްފަ އެވެ. އަމޯރިމް ކުރިން ބުނެފައި ވަނީ ރަޝްފޯޑަށް ފުރުސަތު ދޭނީ ހާލަތު ބަދަލުވެއްޖެކަމަށް، އޭނާ އަށް ގަބޫލު ކުރެވުމުން ކަމަށެވެ.

މިދިޔަ މަހު ކުޅުނު މެންޗެސްޓާ ޑާބީގެ މެޗުން ފެށިގެން ރަޝްފޯޑުން ޓީމުން އެކަހެރި ކުރީ ޓީމުގެ ޕްރެކްޓިހުގައި ވެސް އެކަށީގެންވާ ވަރަށް ކުރިއެރުން ނުފެންނާތީ ކަމަށް އަމޯރިމް ބުނެފައިވެ އެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު ނުވަ މެޗުން ވެސް އޭނާ އަށް ފުރުސަތު ދީފައެއް ނުވެ އެވެ.

ޓެލެގްރާފް ނޫހުން ބުނީ ޔުނައިޓެޑްގެ ޓީމުން ޖާގަ ހޯދުމަށް ކުރާ މަސައްކަތުގެދަށުން ރަޝްފޯޑް ހާއްސަ ތަމްރީނުތަކެއް ފަށާފައިވާ ކަމަށެވެ. އެ ތަމްރީނުތަކުގެ ބޭނުމަކީ އޭނާގެ ޕާފޯމަންސް މަތި ކުރުން ކަމަށް އެ ނޫހުން ބުންޏެވެ.

އެކަމަކު ރަޝްފޯޑް އެކަހެރި ކުރުމާ ގުޅިފައި އޮތީ ހަމައެކަނި ޓެކްނިކަލް ތަމްރީނުތަކެއް އެކަންޏެއް ނޫނެވެ. އޭނާގެ އެޓިޓިއުޑް ބަދަލު ކުރަން ވެސް ޖެހިފައިވާ ކަމަށް ޓެލެގްރާފުން ބުންޏެވެ.

އުމުރުން 27 އަހަރުގެ ފޯވާޑް ވިއްކާލުމަށް ޔުނައިޓެޑުން ދަނީ މަސައްކަތް ކުރަމުންނެވެ. ލޯނު އުސޫލުން އޭނާ ގެންދިއުމަށް ބޮރޫޝިއާ ޑޯޓްމެންޑުން މަސައްކަތް ކުރާ ކަމަށް ވެސް ޓްރާންސްފާ ހަބަރުތައް ބުނެ އެވެ.

އޭސީ މިލާނުން ވެސް ރަޝްފޯޑަށް ޝައުގުވެރިވާކަމުގެ އަޑުތައް މީގެ ކުރިން ފެތުރިފައި ވެއެވެ. އެކަމަކު އެ ޓްރާންސްފާ ހަމަޖެހޭ ގޮތެއް ނުވެ އެވެ.