Roadha Mihaaru
"ވޯޓުލުން ދިޔައީ އޮމާންކޮށް، މާބޮޑު ޝަކުވާއެއް ނެތް"

ވޯޓުލުން ދިޔައީ އޮމާންކޮށް، މާބޮޑު ޝަކުވާއެއް ނެތް: އިލެކްޝަންސް

06 މެއި 2017

މުޅި ރާއްޖޭގައި މިއަދު ބޭއްވި ލާމަރުކަޒީ އިންތިހާބުގެ ހުރިހާ ކަމެއް ވެސް ޖުމްލަކޮށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި އިންތިހާބާ ގުޅޭ ގޮތުން ކަން ބޮޑުވާ ވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މި ރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މުޅި ރާއްޖޭގައި މިއަދު ބޭއްވި ލާމަރުކަޒީ އިންތިހާބުގެ ހުރިހާ ކަމެއް ވެސް ޖުމްލަކޮށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި އިންތިހާބާ ގުޅޭ ގޮތުން ކަން ބޮޑުވާ ވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މި ރޭ ބުނެފި އެވެ.

އިންތިހާބާ ގުޅޭ ގޮތުން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ވޯޓު ލާން ފެށި އިރު ބައެއް ފޮށިތަކުގައި ކުދިކުދި މައްސަލަތައް ދިމާވި ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމެއް ހައްލުކުރެވި އިންތިހާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ، ކޮމިޝަނުން ތައްޔާރުވި ގޮތަށް އޮމާންކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިކުދި ހިތްހަމަނުޖެހުންތަކެއް ހުއްޓަސް ޖުމްލަކޮށް ހުރިހާ ކަމެއް ވެސް ދިޔައީ އޮމާންކޮށް،" އަކްރަމް ވިދާޅުވި އެވެ.

އިންތިހާބުގައި ވޯޓުލާ ގަޑި އިތުރުކުރުމަކީ މި އިންތިހާބުގައި އެންމެ ހިތްހަމަނުޖެހުން އަމާޒުވި މައްސަލަކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވީ، އެކަން އެ ގޮތަށް ކުރީ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާއި އިންތިހާބުގައި ވޯޓުލާން ކިޔޫ ޖެހިފައި ތިބި މީހުންގެ ނިސްބަތަށް ބަލާފައި ކަމަށެވެ. އެ ކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށާއި މުއްދަތު އިތުރުކުރީ ކޮމިޝަނަށް ގާނޫނީ ގޮތުން ކުރެވިދާނެ ކަމަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

އިލެކްޝަނުން މިހެން ބުނި ނަމަވެސް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބުނެފައިވާ ގޮތުން، ވޯޓުލުން ކުރިއަށް ދަނިކޮށް، އެ ކޮމިޝަނަށް އެ ނިންމުން ނުނިންމޭނެ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅޭ ޝަކުވާގެ ގޮތުގައި މިއަދު އިރު އޮއްސުމާ ހަމަ އަށް ހުށަހަޅާފައި ވަނީ 50 ޝަކުވާ އެވެ. އޭގެ ތެރޭގައި ގިނައީ ތޮއްޖެހިގެން ވޯޓުލާން ޖެހޭތީ ވަގުތު އިތުރު ކޮށްދިނުމަށާއި މޮނިޓަރުންނަށް ފާސް ނުލިބުމާއި ބައެއް މީހުންނަށް ވޯޓު ނުލެވުން ފަދަ ޝަކުވާތައް ކަމަށް ވިދާޅުވި އެވެ.

"ކަންބޮޑުވާން ޖެހޭ ވަރުގެ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައެއް ނެތް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އަދި ސާފުނުވާ ކަމަށެވެ.