Roadha Mihaaru
ޗައިނާގެ ޖެޓްތައް ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް

ޗައިނާގެ ޖެޓްތައް ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް

01 މާޗް 2023

ޗައިނާގެ ގިނަ އަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް ވަދެ، ޖެއްސުންކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތައިވާނުން މިއަދު ބުނެފި އެވެ.

ޗައިނާގެ ގިނަ އަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް ވަދެ، ޖެއްސުންކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތައިވާނުން މިއަދު ބުނެފި އެވެ.

ތައިވާންގެ ދިފާއީ ވުޒާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޗައިނާގެ ޖޭ-10 މަރުކާގެ ހަނގުރާމަތީ މަތިންދާބޯޓުތަކެއް، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަދެ އުޅުނީ ތައިވާންގެ ހުޅަނގުދެކުނުގައި އޮންނަ ވައިގެ ދިފާއީ ސަރަހައްދަށެވެ. އެ ބޯޓުތައް ދަތުރުކުރީ ތައިވާނަށް ވުރެ ބޮޑަށް ޗައިނާއާ ކައިރިން ކަމަށް ވެސް ތައިވާނުން ބުންޏެވެ.

އެހެން ވިޔަސް، އެއްވެސް ބޭނުމެއް ނެތި ޗައިނާ އިން ހިންގާ މިފަދަ އަމަލުތަކަކީ، ތައިވާނަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާ ކަންތައް ކަމަށް ތައިވާނުން ބުނެ އެވެ. އެ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކި ވަގުތުތަކުގައި، ޗައިނާގެ 19 މަތިންދާބޯޓެއް ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަދެ އުޅުނެވެ.

ތައިވާންގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޗައިނާގެ ބޯޓުތައް ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަނުމާ ގުޅިގެން، ތައިވާންގެ ވައިގެ ދިފާއީ ނިޒާމުތައް ތައްޔާރީ ހާލަތަށް ގެނައެވެ. އަދި ހަނގުރާމަމަތީ މަތިންދާބޯޓުތައް ކުއްލި ހާލަތަކަށް ތައްޔާރުވެ މަނަވަރުތައް ވެސް ކަނޑުމައްޗަށް ނުކުތުމުގެ އަމުރު ނެރުނެވެ.

މިއަދު ހެނދުނު ވެސް ޗައިނާގެ ވައިގެ ސިފައިންގެ ހަ މަތިންދާބޯޓާއި ޗައިނާގެ ކަނޑުގެ ސިފައިންގެ ތިން މަނަވަރެއް ތައިވާނާ ވަރަށް ކައިރިން ދަތުރުކޮށް އުޅުނު ކަމަށް ތައިވާނުން ބުނެ އެވެ. ނަމަވެސް އެއިން އެއްވެސް އުޅަނދެއް މިއަދު ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވެސް އަދި ކަނޑުގެ ސަރަހައްދަށް ވެސް ނުވަދެ އެވެ.

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާންގެ ވައިގެ ސަރަހައްދަށް ވަނުމުގެ މައްސަލަ މި ފެންމަތީވީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ޗައިނާ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް، ޗައިނާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހުރަސްއެޅުމުން، އެމެރިކާ އާއި ޗައިނާގެ މަސްރަހު ހޫނުވެފައި ވަނިކޮށެވެ.

ޗައިނާގެ ފަރާތުން ކުރިމަތިވާ އަސްކަރީ ނުރައްކާތައް އިތުރުވަމުން ދާތީ، ތައިވާނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ގައުމުގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ އެފް-16 މަރުކާގެ މަތިންދާބޯޓުތަކުގެ ފެންވަރު މަތިކުރުމަށެވެ. އަދި އެމެރިކާ އިން އިތުރު 66 މަތިންދާބޯޓު ގަތުމަށް ވެސް ތައިވާނުން ވަނީ ނިންމައިފަ އެވެ.