Roadha Mihaaru
ތައިވާންގެ ރިޒާވް ލަޝްކަރުގައި އަންހެނުން ބައިވެރިކުރަނީ

ތައިވާންގެ ރިޒާވް ލަޝްކަރުގައި އަންހެނުން ބައިވެރިކުރަނީ

18 ޖެނުއަރީ 2023

ތައިވާންގެ ރިޒާވް ލަޝްކަރުގައި ޚިދުމަތް ކުރަން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ދިނުމަށް ތައިވާންގެ އަސްކަރިއްޔާ އިން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

ތައިވާންގެ ރިޒާވް ލަޝްކަރުގައި ޚިދުމަތް ކުރަން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ދިނުމަށް ތައިވާންގެ އަސްކަރިއްޔާ އިން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

ތައިވާންގެ ރިޒާވް ލަޝްކަރުގައި އަންހެނުން ބައިވެރިކުރަން މި ފަށަނީ މުޅިން އަލަށެވެ. އެ ގައުމުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ހިލޭ ސާބަހަށް ރިޒާވް ލަޝްކަރުގައި ޚިދުމަތް ކުރަން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ހުޅުވައިލާނީ، މިއަހަރުގެ އެޕްރީލް މަހުން ފެށިގެންނެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ރިޒާވް ލަޝްކަރުގައި ބައިވެރިކުރާނީ ސިފައިންގެ ޚިދުމަތުގައި މީގެ ކުރިން އުޅުމަށް ފަހު އެއްވެސް މައްސަލައެއް ނުޖެހި ވަކިވެފައިވާ އަންހެނުންނެވެ. އެފަދަ 220 އަންހެނަކަށް ފުރަތަމަ ބުރުގައި ފުރުސަތު ދޭނެ ކަމަށާއި، އެކަމަށް އެދި ކުރިމަތިލާ އަންހެނުންނަށް ބާއްވާ ތަމްރީންތައް، މެއި މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް ތައިވާންގެ އަސްކަރިއްޔާ އިން ބުންޏެވެ.

ތައިވާންގެ ރިޒާވް ލަޝްކަރުގައި އަންހެނުން ބައިވެރިކުރަން މި ނިންމީ، އެ ގައުމުގެ ވަށައިގެން އޮތް ކަނޑާއި ވައިގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ފަރިތަކުރުންތައް އިތުރުކޮށް، މިނިވަންކަން އިއުލާންކުރުމަށް ކުރަމުން ދާ މަސައްކަތަށް ޗައިނާ އިން ހުރަސްތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މީގެ ކުރިން ތައިވާންގެ އަސްކަރިއްޔާ އިން ބުނެފައިވަނީ، ދެ ޖިންސުގެ ސިފައިން ރިޒާވް ލަޝްކަރުގައި ގެންގުޅޭހާ ގާބިލުކަމާއި ތަނަވަސްކަން އެ ގައުމުގައި ނެތް ކަމަށެވެ. ރިޒާވް ލަޝްކަރުން އަންހެނުންނަށް ފުރުސަތު ނުދޭ މައްސަލައިގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް ދާދި ފަހުން ވަނީ ހޫނު ބަހުސްތަކެއް ކޮށްފަ އެވެ.

އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ މީހުން ތުހުމަތުކުރާ ގޮތުގައި، ތައިވާންގެ ރިޒާވް ލަޝްކަރުން އަންހެނުންނަށް ފުރުސަތު ނުދިނުމަކީ، އަންހެނުންނާ މެދު ތަފާތު ކުރުމުގެ އަމަލެކެވެ. ނަމަވެސް ތައިވާން ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ތައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 72 އަހަރު ކުރިން ހިނގި ދާހިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ތައިވާން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.

މީގެ 73 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.

އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.