Roadha Mihaaru
އަހަރު ނިމުނުއިރު 3.9 ބިލިއަން ރުފިޔާ ޗާޕްކުރި

މިދިޔަ އަހަރު ނިމުނު އިރު 3.9 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި

10 ޖެނުއަރީ 2023

މިދިޔަ އަހަރު ނިމުނު އިރު ސަރުކާރުން އެދިގެން އިތުރަށް ފައިސާ ޗާޕުކުރި ވަރު 3.9 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ނިމުނު އިރު ސަރުކާރުން އެދިގެން އިތުރަށް ފައިސާ ޗާޕުކުރި ވަރު 3.9 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުން 3.9 ބިލިއަން ރުފިޔާ އިތުރަށް ނެގިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކަނި ވެސް 2.1 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި އެވެ. [ފައިސާ ޗާޕްކުރުމުގެ މާނައަކީ ފައިސާ އިތުރަށް ނެގުން ނުވަތަ އޯވަޑްރޯ ކުރުމެވެ.]

ސަރުކާރުން އަންނަނީ 2020 އިން ފެށިގެން، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕުކުރެވޭނެ ލިމިޓެއް ކަނޑައަޅައިފަ އެވެ. އަދި އެ ލިމިޓަށް މި އަހަރުގެ ނިޔަލަށް ފައިސާ ނެގޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ޕީބީއޭ އިން ހައްދެއް ނެތި އޯވާޑްރޯކުރުމަކީ، 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު ކަމެކެވެ. އެކަމަކު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ނެގުން 2014 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ހަރަދުތައް މެނޭޖް ކުރާނެ އިތުރު ގޮތެއް ނެތުމުން ސަރުކާރުން އަނެއްކާ ވެސް ފައިސާ ޗާޕުކުރަން ނިންމީ އެވެ.

ފައިސާ އިތުރަށް ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ ނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު ދަށްވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މި އަހަރުގެ ބަޖެޓާ ގުޅިގެން އެމްއެމްއޭއިން ދިން ލަފާގައި ވެސް ފާހަގަކޮށްފައިވެ އެވެ.

މި އަހަރަށް ދައުލަތުން ކަނޑައަޅާފައި ވަނީ 42 ބިލިއަން ރުފިޔާ އެވެ. މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ޖަހާފައިވާ އަދަދަށް ދައުލަތުގެ އާމްދަނީ ލިބިއްޖެ ނަމަ ބަޖެޓް ޑެސިފިޓް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 8.4 ބިލިއަން ރުފިޔާގަ އެވެ. އެހެން ނަމަވެސް އެ އަދަދުތައް ހާސިލުނުވެއްޖެ ނަމަ، ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ޖެހޭނީ އިތުރަށް ދަރަނި ނަގައިގެންނެވެ. ދައުލަތުގެ ދަރަނި މިއަހަރު ނިމޭ އިރު ހުންނާނެ ކަމަށް ލަފާކުރަނީ 113 ބިލިއަން ރުފިޔާގަ އެވެ.