Roadha Mihaaru

ސްޓޮކް މަދުވުމުން 100 ރުފިޔާގެ ނޫޓު އަލުން ޗާފުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ރަން ދިހަ ފަހެއް" ނޫޓު ސީރިސްގައި ހިމެނޭ 100ރ. ގެ ނޫޓު، ސްޓޮކް މަދުވުމުން އަލުން ޗާޕްކޮށްފި އެވެ.

ސްޓޮކް މަދުވުމުން 100 ރުފިޔާގެ ނޫޓު ޗާޕުކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

13 ޖެނުއަރީ 2025

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ރަން ދިހަ ފަހެއް" ނޫޓު ސީރިސްގައި ހިމެނޭ 100ރ. ގެ ނޫޓު، ސްޓޮކް މަދުވުމުން އަލުން ޗާޕްކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ، ދައުރުވާ ފައިސާގެ ސްޓޮކަށް މިމަހުގެ 19 ގައި އެ ފައިސާ ނެރޭނެ ކަމަށެވެ. މިއީ އާންމު އުސޫލުން އެމްއެމްއޭ އިން ދައުރުވާ ނޫޓު މަދުވުމުން ކުރަމުން އަންނަ ކަމެކެވެ. އެންމެ ފަހުން ސްޓޮކް މަދުވެގެން 100ރ. ގެ ނޫޓު ބާޒާރަށް ނެރުނީ ސެޕްޓެމްބަރު 2018، ގަ އެވެ.

އެމްއެމްއޭ އިން ބުނީ މި ނޫޓުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ކަމަށެވެ. އަދި މި ނޫޓުގައި ތާރީހެއްގެ ގޮތުގައި ޖަހާފައިވަނީ ޖުލައި 7، 2024 އެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 100 ރުފިޔާގެ ނޫޓުގެ ދެފުށުގައ،ި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ އެވެ. ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާ އެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، އެމްއެމްއޭ އިން އާ ނޫޓެއް ތައާރަފް ކުރީ ޖެނުއަރީ 26، 2016 ގަ އެވެ. އެ ނޫޓު ހެދީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު، ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.