Roadha Mihaaru
ނަގުދު ފައިސާ ބޭނުންކުރާ ވަރު އިތުރުވެއްޖެ

ނަގުދު ފައިސާ ބޭނުންކުރާ ވަރު އިތުރުވެއްޖެ

04 ސެޕްޓެމްބަރ 2024

ނަގުދު ފައިސާ ދައުރުވާ ވަރު ނުވަ ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ނަގުދު ފައިސާ ދައުރުވާ ވަރު ނުވަ ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ޕޭމެންޓް ބުލެޓިންގައިވާ ގޮތުން 2022 ވަނަ އަހަރުން 2023 ވަނަ އަހަރަށް ދައުރުވާ ފައިސާގެ އަދަދު 3.7 ބިލިއަނުން 4 ބިލިއަނަށް ވަނީ އިތުރުވެފަ އެވެ. އެމްއެމްއޭ އިން ބުނީ، މިދިޔަ އަހަރު ދަށް އަދަދުތަކުގެ ފައިސާ އަށް އޮތް ޑިމާންޑު އިތުރުވި ކަމަށެވެ. ވަކި ލާރި އަށް އޮތް ޑިމާންޑު ވެސް 5.8 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. ވަކި ލާރި ދައުރުވި ވަރު ވަނީ 79.8 މިލިއަނުން 84.4 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ބުނީ، މި ބަދަލުގެ މައިގަނޑު ސަބަބަކީ ކޮވިޑަށް ފަހު އަނެއްކާ ވެސް ކޭޝް-ލެސް ހިދުމަތްތަކުގެ އިތުރަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ނަގުދު ފައިސާ އަށް މީހުން ބަދަލުވާތީ ކަމަށެވެ.

އޭޓީއެމްތައް މެދުވެރކޮށް މިދިޔަ އަހަރު ފައިސާ ނެގި ވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އޭޓީއެެމް ތަކުން 9.2 މިލިއަން ރުފިޔާ ނަގާފައިވެ އެވެ. އޭޓީއެމްތަކުން 2022 ވަނަ އަހަރު ނަގާފައިވަނީ 9.16 މިލިއަން ރުފިޔާ އެވެ.

ނަގުދު ފައިސާ ބޭނުން ކުރާ ވަރު އިތުރުވި ނަމަވެސް، ޗެކުން ކުރާ މުއާމަލާތްތަކުގެ އަދަދު ވަނީ 19 ޕަސެންޓު ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު ޗެކު މެދުވެރިކޮށް 56 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވެ އެވެ. އެއީ 465،000 ޗެކެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 69 ބިލިއަން ރުފިޔާގަ އެވެ. އެއީ 577،000 ޗެކެވެ.