Roadha Mihaaru
ނަޝީދުގެ ޖަވާބު: ޕީޕީއެމް، އިބޫއާއެކު ވެސް ނުހުންނާނެ

ނަޝީދުގެ ޖަވާބު: ބަލިވެއްޖިއްޔާ ޕީޕީއެމް ވެސް އިބޫއާއެކު ވެސް ނުހުންނާނަން

16 ޖެނުއަރީ 2023

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ މަނިކުފާނު ބަލިވެއްޖެ ނަމަ ވާދަވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީޕީއެމާއެކު ވެސް ނުހުންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ މަނިކުފާނު ބަލިވެއްޖެ ނަމަ ވާދަވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީޕީއެމާއެކު ވެސް ނުހުންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު އެ ޖަވާބު ދެއްވީ ކެމްޕެއިނަށް ބައެއް ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި އާންމުންގެ ބަޔަކާއެކު ބޭއްވެވި ބައްދަލުވުމެއްގައި ދެންނެވި ސުވާލަކާ ގުޅިގެންނެވެ. ޕްރައިމަރީން ބަލިވެއްޖިއްޔާ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ޕީޕީއެމާއެކު ތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ، ޕީޕީއެމާއެކު ނުހުންނަވާނެ ކަމީ "ސަތޭކައިން ސަތޭކައިގެ ކަމެއް" ކަމަށެވެ.

"..އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހާއެކު ނުހުންނާނަން،" ނަޝީދު ވިދާޅުވި އެވެ.

އޭގެ މާނައަކީ ކޮބައިތޯ ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ، "އަހަރެން އެކަނި ގޮސް ގޭގައި ހުރީމާ ނިމުނީ ނޫންހޭ" އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، އެމްޑީޕީން 39،000 މީހުން ވަކިކުރީ އެ މަނިކުފާނަށް ވޯޓު ދީފާނެތީ އެވެ. ކަނޑާލި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނުގެ މަންމާފުޅު އާބިދާ އަހުމަދާއި ބޭބޭ ޑރ. އިބްރާހިމް ނާޝިދު އަދި ކުރީގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ބޭބެ އަރިހުގައި އަލުން ޕާޓީއާ ގުޅިވަޑައިގަންނަވަން ދެންނެވިޔަސް އެ ކަން ކުރައްވާނެ ކަމާ މެދު ވެސް ނަޝީދު ސުވާލު އުފެއްދެވި އެވެ. ވިދާޅުވީ، ޕާޓީން ކަނޑާލި މީހުންގެ ތެރެއިން ބޮޑު ޕަސެންޓެއް އެނބުރި އެމްޑީޕީއާ ނުގުޅޭނެ ކަމަށެވެ.

އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުުގެ ރައީސް ވާދަކުރައްވާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގައި ދެ ފެކްޝަންގެ ފޯރިގަދަ އެވެ.ި

މި ވާދަވެރި ކެމްޕެއިންގައި ނަޝީދު ކުރިން ވިދާޅުވެފައި ވަނީ ޕްރައިމަރީ އަށް ކުރިމަތިލެއްވީ ނާކާމިޔާބުވާނެ ކަމަށް ބައްލަވައިގެން ނޫން ކަމަށެވެ.

ނަޝީދު، މިއަދު މެންދުރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީނަށް ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. ވިދާޅުވީ ޔާމީނަކީ "ކިޔަވައިގެން ހުރި، ތަންދޮރު ދަންނަ" ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި ޔާމީނާ އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕެއިން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމާއި ޔާމީނާ މެދު އެއްވެސް ރުޅިވެރިކަމެއް އެ މަނިކުފާނުގެ ނެތް ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ވެސް އެ މަނިކުފާނަށް މަރުހަބާ ދެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނަޝީދު ވަނީ މި ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީގެ އެތެރޭގެ މި ބޮޑު އިންތިހާބުގައި ހިޔާލުތަފާތުވުންތަކާއި ފާޑުކިއުންތައް ހޫނުވެފައިވާއިރު، ޕްރައިމަރީ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ އެކުގައި އަލުން މަސައްކަތް ނުކުއްރެވޭނެ ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން ދެކެ އެވެ.