Roadha Mihaaru
ހުސޭނުބޭގެ އެއް ގާތިލު، ޑޮކްޓަރުގެ ލަފާގެމަތިން ގެއަށް

ހުސޭނުބޭގެ އެއް ގާތިލު، ޑޮކްޓަރު ލަފާގެ މަތިން ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފި

16 ޖެނުއަރީ 2023

ހއ. ހޯރަފުށީގައި ރަހީނު ކޮށްގެން އުޅެނިކޮޮށް މަރުވި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި ހިމެނޭ އެކަކު، ޑޮކްޓަރު ލަފާގެ މަތިން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހއ. ހޯރަފުށީގައި ރަހީނު ކޮށްގެން އުޅެނިކޮޮށް މަރުވި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި ހިމެނޭ އެކަކު، ޑޮކްޓަރު ލަފާގެ މަތިން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ހުސޭނުބޭ 2010 ވަނަ އަހަރު މަރުވީ އޭނާގެ ގެއިން ވައްކަން ކުރުމަށްޓަކައި ރަހީނު ކޮށްފައި ހުއްޓާ ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ.

އެ މައްސަލާގައި ހއ. ހޯރަފުށީ ޅޮހީގެ މުހައްމަދު ލަތީފާއި އެ ރަށު ސޯސަންވިލާ ނުއުމާން އަބްދުﷲ އާއި އެ ރަށު އުންމީދީ މަންޒިލް އަހުމަދު އިބްރާހިމްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، އެ ތިން މީހުން އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު އެވެ.

އޭގެ ތެރެއިން ޑޮކްޓަރުގެ ލަފާގެ މަތިން ގޭބަންދަށް ބަދަލުކުރީ ނުއުމާނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާގެ ގެ އަށް ބަދަލުކުރީ ޑޮކްޓަރުންގެ ލަފާގެ މަތިން ވަގުތީ ގޮތުން ކަމަށެވެ.

"އެ މުއްދަތު ހަމަވުމުން އޭނާގެ ހާލަތު ރިއާޔަތް ކުރުމަށް ފަހު ގޮތެއް ނިންމާނެ،" ޔުސްރީން ވިދާޅުވި އެވެ.

އެކަކު ގޭބަންދަށް ބަދަލުކޮށްފައި ވާއިރު ހުސޭނުބެ އަށް ބޮޑުބޭބެ ކިޔާ ލަތީފްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު އަދަބެއް ދަށު ކޯޓުން އިއްވީ ގޯސްކޮށް ކަމަށް ވެސް 2021 ވަނަ އަހަރު ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ލަތީފްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، އެކަމަކު އޭނާގެ އުމުރަށް ޖަލަށް ލާން ކަނޑައަޅާފައިވާ އަދަބު ބާތިލް ކުރުމާއެކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުޑަކޮށްފަ އެވެ.