Roadha Mihaaru
ބަގީގެ ހިދުމަތުގައި ކަައުންސިލް އިހުމާލުވެއްޖެ:މިނިސްޓްރީ

ބަގީގެ ހިދުމަތް ދިނުމުގައި ކައުންސިލުން އިހުމާލުވާތާ 8 އަހަރު ވެއްޖެ: ޓްރާންސްޕޯޓް

29 ސެޕްޓެމްބަރ 2022

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭ ކުންފުންޏަށް ގަވައިދުގެ ދަށުން ފަހިކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމުގައި މިދިޔަ 8 އަހަރު ވެސް މާލެ ސިޓީ ކައުންސިލުން އިހުމާލު ވެފައިވާކަން ފާހަގަކުރެވޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭ ކުންފުންޏަށް ގަވައިދުގެ ދަށުން ފަހިކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމުގައި މިދިޔަ 8 އަހަރު ވެސް މާލެ ސިޓީ ކައުންސިލުން އިހުމާލު ވެފައިވާކަން ފާހަގަކުރެވޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު އެހެން ވިދާޅުވީ، ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ހަވާލު ކޮށްފައިވާ "ނައިންޓީ ނައިން ހޯލްޑިން" އިން އެކަން އެންމެ ރަނގަޅަށް ނުކުރާ ކަމަށް ބުނެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ.

އެ ކުންފުންޏަށް އެ އަވަށުން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ އަށް އަމަލުކުރަން ނުޖެހޭ ކަމަށް އަންގައި، އެ ކޯޓުން ވަނީ މިދިޔަ މަހުގެ 31 ގައި ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.

ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ "މިހާރު" އަށް ވިދާޅުވީ ސިޓީ ކައުންސިލުން ކޮށްދޭންޖެހޭ ކަންކަން ކޮށްނުދީގެން "ނައިންޓީ ނައިން ހޯލްޑިން" އެތައް ސިޓީއެއް، މިދިޔަ ދުވަސްތަކުގައި އެ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރެގިއުލޭޓްކުރާ ބައެއް. މުޅި މައްސަލަ އަށް ބަލާއިރު ވަރަށް ސާފުކޮށް އެނގެން އެބައޮތް ސިޓީ ކައުންސިލުން އެ ގަވައިދަށް އިހުމާލު ވެފައިވާކަން. މިދިޔަ ހުރިހާ ދުވަހަކު އެ ކަން އޮތީ އެހެން. ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ހަވާލުކުރީ ބަސް ސްޓޮޕްތަކާއި ބަސް ރޫޓުތައް ވެސް ހަދަން ޖެހޭ ގޮތަށް. ބަސް ސްޓޮޕްތަކާއި ބަސް ރޫޓުތަކުގެ ޗާޓެއް ހެދީ އެ ބޭނުމަށް. އެކަމަކު އެ ކަން ކުރަން ސިޓީ ކައުންސިލުން 'ނައިންޓީ ނައިން ހޯލްޑިން' އަށް ކަންކަން ފަހި ނުކޮށްދޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް" އޭނާ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވިގޮތުގައި ގަވައިދާ އެއްގޮތަށް އަމަލު ކުރުމަކީ ސިޓީ ކައުންސިލް ފަދަ ދައުލަތުގެ މުއައްސަސާއަކުން ކުރަން މަޖުބޫރު ކަމެކެވެ.

"އަޅުގަނޑުމެންނާ ހަމަ އަށް ވެސް ދޭތެރެދޭތެރެއިން މި ޝަކުވާ އައިސްފައި އެބަހުރި. ކަމެއް ގޯސްކޮށް އުޅޭ ނަމަ އެ ކަން ރަނގަޅު ކުރަން ޖެހޭނެ ސިޓީ ކައުންސިލުން. ގަވައިދަށް އަމަލު ކޮށްފައި ދެން އެހެން ކަންކަމާ އުޅެން ޖެހޭނީ. އަޅުގަނޑުމެން ދެކޭ ގޮތުގައި ސިޓީ ކައުންސިލުން އެބަޖެހޭ ފުރަތަމަ ގަވައިދަށް ނޫނީ އެއްބަސްވުމުގައިވާ ކަންކަން ކުންފުންޏަށް ކޮށްދޭން."

ސައުދުﷲ ވިދާޅުވީ، ގަވައިދަށް އަމަލު ނުކުރާ ނަމަ ދެން އަޅަންޖެހޭ ފިޔަވަޅެއް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަޅާނެ ކަމަށެވެ.

ކައުންސިލްގެ އެއްބާރުލުން ނުލިބޭތާ 8 އަހަރު!

"ނައިންޓީ ނައިން ހޯލްޑިން" އިން މި މަހުގެ 11 ގައި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ފޮނުވި ސިޓީއެއްގައި ބުނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމުގެ ގަވާއިދުގައި ދަށުން ވަކި ރޫޓަކުން ހިދުމަތް ދިނުމަށް އޮތަސް، އޭރުގެ ކައުންސިލުން ބަގީ ހުއްޓި ހެދުމަށް ވަގުތު ބޭނުންވާ ކަމަށް ބުނެ، ވަގުތީ ގޮތުން ކޯލް ސެންޓަރު މެދުވެރިކޮށް އެ ހިދުމަތް ފެށުމަށް އެންގުމުން އެގޮތަށް ހިދުމަތް ފެށީ ކަމަށެވެ.

"އަޅުގަނޑުމެން ހިދުމަތް ފެށީ ވީހާ ވެސް އަވަހަކަށް ގަވާއިދާއި އެއްގޮތަށް ހިދުމަތް ދިނުމުގެ ކަންކަން ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން އޭރުގެ މާލޭ ސިޓީ ކައުންސިލުގެ އިސްވެރިން ދެއްވުމުންނެވެ،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވިޝާމް ސޮއިކުރައްވާފައިވާ އެ ސިޓީގައިވެ އެވެ.

ބަގީ ދަތުރުކުރާނެ މަގުތައް ކަނޑައަޅާނީ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށް ގަވާއިދުގައި ބުނެފައި އޮންނައިރު، އެ ކައުންސިލުން ގަވާއިދުގައި ބުނާ އެއްވެސް ކަމެއް ކޮށްފައި ނުވާތީ، ވިލިމާލޭގެ ބައެއް އިސް ފަރާތްތަކާއެކު އެ އަވަށުގެ ޕޮލިސް ސްޓޭޝަންގައި ބައްދަލުކޮށް، ރޫޓެއް ކަނޑައަޅައި، އެކަން މިނިސްޓްރީ އަށް ލިޔުމަކުން އެންގުމުން، އެ ރޫޓްގައި ހިދުމަތް ކުރިއަށް ގެންދަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

އެކަމަކު ރޫޓް ކުރަހައިދޭން ސިޓީ ކައުންސިލުގައި އެދުމުން ވެސް އެކަން ކޮށްދީފައި ނުވާ ކަމަށް ނައިންޓީ ނައިން ހޯލްޑިން އިން ބުނެ އެވެ.

ވިލިމާލޭގެ މަގެއް މަތިން އަންހެނަކު ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން ހިނގާފައި ދަނީ: އެ އަވަށުގައި ބަގީގެ ހިދުމަތް މިހާރު ދެމުންދާ ގޮތާ މެދު އާންމުންގެ ޝަކުވާ ބޮޑު -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލިމާލޭގެ މަގެއް މަތިން އަންހެނަކު ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން ހިނގާފައި ދަނީ: އެ އަވަށުގައި ބަގީގެ ހިދުމަތް މިހާރު ދެމުންދާ ގޮތާ މެދު އާންމުންގެ ޝަކުވާ ބޮޑު -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އެހެން ނަމަވެސް މިވީ 8 އަހަރު ދުވަހު އެކަމަށް އެދި އަޅުގަނޑުމެން ފޮނުވި 25 އަށް ވުރެ ގިނަ ސިޓީ އަށް މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ދައުރަކުން ޖަވާބެއް ލިބިފައި ނުވާ ކަމުގައި ވަރަށް ހިތާމައާ އެކު ދަންނަވަމެވެ،" އެ ސިޓީގައިވެ އެވެ.

އެގޮތަށް ކަންތައް ހިނގާފައި އޮތް ނަމަވެސް، ސިޓީ ކައުންސިލުން ރޫޓެއް ނެތި އެ ހިދުމަތް ދިނުމަށް މިނިސްޓްރީގެ އިއުތިރާޒު ނެތް ކަމަށް ބުނެ، މި އަހަރު މާޗު 13 ގައި އެ ކައުންސިލަށް ސިޓީއަކުން އަންގާފައި ވާތީ އެއީ އާންމުކޮށްފައިވާ ގަވާއިދަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ނައިންޓީ ނައިން ހޯލްޑިން އިން ބުންޏެވެ. ރޫޓެއް ނެތި އެ ހިދުމަތް ދިނުމަކީ ގެއްލުން ބޮޑު އަދި ދާއީމީކޮށް ކުރެވޭނެ ކަމަކަށް ނުފެންނާތީ ގަވާއިދާ އެއްގޮތަށް އެ ހިދުމަތް ދިނުމުގައި މިނިސްޓްރީގެ އެއްބާރުލުން ދިނުމަށް ވެސް ބުންޏެވެ.

އެ ސިޓީގެ ޖަވާބުގައި، ޓްރާސްޕޯޓް މިނިސްޓްރީން މި މަހުގެ 25 ގައި "ނައިންޓީ ނައިން ހޯލްޑިން" އަށް ފޮނުވި ސިޓީއެއްގައި ބުނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ޒިންމާތަކަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތަކެއް ކަމަށާއި އެ ގަވާއިދުގެ ދަށުން މިނިސްޓްރީ އަށް ލާޒިމްކުރާ ކަންތައްތައް އެ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

"ތިޔަ ކުންފުންޏާ މާލޭ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް އެ ކައުންސިލުން އަމަލުކުރަމުންދާ ނަމަ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައްސަލަ ހައްލުކުރުމަށް ދަންނަވަމެވެ،" އެ ސިޓީގައިވެ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފެބްރުއަރީ 10، 2014 ގައި އެކުލަވާލާފައިވާ ގަވައިދުގައިވާ ގޮތުން ނަމަ ބަގީ ހުއްޓިތައް ހަދާނީ މާލެ ސިޓީ ކައުންސިލުންނެވެ. އެ ތަންތަން އެ ކައުންސިލުން ކަނޑައަޅަން ޖެހެނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ލަފާގެ މަތިން ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.

އެ ގަވައިދުގައިވާ ގޮތުން ނަމަ ބަގީގެ ހިދުމަތް ދޭނެ ރޫޓާއި ބަގީ ހުއްޓި ޖަހާނެ ތަންތަނާއި ބަގީގެ ހުއްޓި ވެސް ޖަހަން ޖެހެ އެވެ.

"ޓްރާންސްޕޯޓުގެ ގަވައިދާއި އަޅުގަނޑުމެންނާއި ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު އެބަ އެނގޭ ބަގީ ހުއްޓި ކަނޑައެޅުމާއި ބަގީ ރޫޓު ހެދުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއްކަން. އަޅުގަނޑުމެން އެދިއެދި އެ ކަމެއް ނުކޮށްދިން. ގަވައިދާއި އެއްބަސްވުމުން ވެސް އެނގޭ އެއީ ޓެކްސީގެ ހިދުމަތް ދޭ ގޮތަށް ދޭންޖެހޭ ހިދުމަތެއް ނޫންކަން. އެއީ ވަކި ގަޑިތަކެއް ކަނޑައެޅިގެން ބަގީ ހުއްޓިތަކެއް ހަދައިގެން އެ ތަންތަނަށް ބަގީ މަޑުކޮށްގެން ދޭން ޖެހޭ ހިދުމަތެއްކަން،" ނައިންޓީ ނައިން ހޯލްޑިންގެ ގާނޫނީ ވަކީލު މުހައްމަދު ޝިފާޒު ވިދާޅުވި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން އަމިއްލަ އަށް ދޭން ނިންމައި، އެ ކަމަށް ބޭނުންވާ އުޅަނދުތައް ހޯދަން ވެސް މިދިޔަ ހަފުތާގައި އިއުލާނުކޮށްފައިވެ އެވެ. ކައުންސިލުން އަމިއްލަ އަށް އެ ހިދުމަތް ދޭން ފަށަނީ "ނައިންޓީ ނައިން ހޯލްޑިން" އިން އެ ހިދުމަތް ދޭ ގޮތާ މެދު އާންމުން ހިތްހަމަނުޖެހޭތީ އެވެ.

ނަމަވެސް ނައިންޓީ ނައިން ހޯލްޑިންގެ ގާނޫނީ ވަކީލު ޝިފާޒު ވިދާޅުވީ، ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް އެ ކުންފުންޏާ ހަވާލު ކޮށްފައި ވަނީ "އެކްސްކްލޫސިވް" ކޮށް ކަމަށް ވާއިރު، ސިޓީ ކައުންސިލުން އަމިއްލަ އަށް ނަމަވެސް އެ އަވަށުގައި ބަގީގެ ހިދުމަތް ދިނުމަކީ ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލަ އާއި ކޯޓުގެ ވަގުތީ އަމުރާ ވެސް ހިލާފު ކަމެއް ކަމަށެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭތީ، "ނައިންޓީ ނައިން ހޯލްޑިން" އަށް އެ އަވަށުން "ސަބްސިޑީ ލޭންޑް" ގެ ގޮތުގައި ދެ ބިމެއް ދީފައިވީ ނަމަވެސް އެ ތަނުން އެއް ބިމުން މިހާރު ވަނީ ކުލި ނަގަން ފަށާފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ތަނުން އެއް ބިމުގައި ހިންގަނީ ގެސްޓް ހައުސްއެކެވެ. އަނެއް ބިން ބޭނުންކުރަނީ ގަރާޖާއި ބަގީތައް ބާއްވާ ތަނެއްގެ ގޮތުގަ އެވެ.

އެ ބިންތައް އަތުލުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ކޯޓުގައި އެދިފަ އެވެ.

"އެއީ ޓޫރިޒަމް މިނިސްޓްރީއާއެކު ވަކި އެގްރިމަންޓެއް ހަދައިގެން އަޅުގަނޑުމެން ބޭނުންކުރާ ބިމެއް. މީރާ އަށް ކުލި އެބަދައްކާ. އަޅުގަނޑުމެންގެ ސުވާލަކީ ޓޫރިޒަމް މިނިސްޓްރީއާއެކު ވަކި އެގްރިމަންޓެއް ހަދާފައިވާއިރު ސިޓީ ކައުންސިލުން އެއްބަސްވުން ނުވަތަ އެ ބިމަށް އެ ކައުންސިލަށް ވެރިގަނެވޭނީ ކިހިނެއްހޭ؟،" ވަކީލު ޝިފާޒު ސުވާލު ކުރެއްވި އެވެ.