Roadha Mihaaru
ވެލިގަނޑު ރިސޯޓު ހިއްކުން މަޑުޖައްސައިލަން އަންގައިފި

މައްސަލަ ހޫނުވެ، ވެލިގަނޑު ރިސޯޓު ހިއްކުން މަޑުޖައްސައިލަން އަންގައިފި

18 އޯގަސްޓް 2021

އއ. އަތޮޅު މަޑިވަރު ފަޅުގައި ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި، ހިއްކައިގެން ހަަދާފައިވާ ވެލިފިނޮޅު ކިޔާ ރަށް ބޮޑު ކުރަން ފަޅު ހިއްކާ މަޝްރޫއު މަޑުޖައްސައިލަން އީޕީއޭ އިން އަންގައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އއ. އަތޮޅު މަޑިވަރު ފަޅުގައި ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި، ހިއްކައިގެން ހަަދާފައިވާ ވެލިފިނޮޅު ކިޔާ ރަށް ބޮޑު ކުރަން ފަޅު ހިއްކާ މަޝްރޫއު މަޑުޖައްސައިލަން އީޕީއޭ އިން އަންގައިފި އެވެ.

ވެލިގަނޑު ރިސޯޓުން ފަޅު ފުންކުރަން ކުރިން ކޮނުނު އިރު، ނެގި ވެލި އަޅައިގެން އުފެއްދި ވެލިފިނޮޅު އިތުރު ދެ ހެކްޓަރަށް ހިއްކައި ބޮޑުކޮށް، ތޮށިލާން ނިންމީ ރިސޯޓުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭނެ ތަންތަން އިމާރާތް ކުރުމަށެވެ.

އީއައިއޭ ހަދައި އީޕީއޭ އިން ހުއްދަ ނަގައިގެން އެ މަސައްކަތް ކުރުމުގެ ތެރޭގައި އެ ސަރަހައްދުގެ ފަރުތަކަށާއި ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުން ވާތީ ރަސްދޫގެ ކައުންސިލާއި އެ ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ދެކޮޅަށް މިދިޔަ ދެ ތިން ދުވަހު އެ ރަށުގެ ބައެއް މީހުން މުޒާހަރާ ވެސް ކުރި އެވެ.

ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އީޕީއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހިއްކުމުގެ މަސައްކަތުގެ ސަބަބުން ވެލިގަނޑު ރިސޯޓުގެ ފަޅުން ވެއްޔާއި ކިސަޑު ދަތުރުކޮށް، ކައިރީގައިވާ ފަރުތަކަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާ ކަމުގެ ޝަކުވާތަކެއް ލިބިފައި ވާތީ، އޭގެ އަސަރު ކުޑަކުރުމަށް، މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސައިލަން އަންގާފައިވާ ކަމަށެވެ.

ވެއްޔާއި ކިސަޑު ހިމެނޭ ސެޑިމެންޓް ޕްލޫމްތައް ކައިރި ފަރުތަކަށް ދަތުރުކުރުމުން ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވާން ދިމާވެ އެވެ. އަދި މަސްތައް ފަދަ ދިރުންތައް މަދުވެ ކަނޑު އަޑީގެ ރީތިކަން ގެއްލި ދެ އެވެ.

ވެލިފިނޮޅު ހިއްކުމަށް ވެލި ނަގާނެ ސަރަހައްދާއި ވަގުތީ ބެޑް ހަދާނެ ތަން ދައްކުވައިދޭ ކުރެހުމެއް -- ފޮޓޯ: އީއައިއޭ

ވެލިފިނޮޅު ހިއްކުމަށް ވެލި ނަގާނެ ސަރަހައްދާއި ވަގުތީ ބެޑް ހަދާނެ ތަން ދައްކުވައިދޭ ކުރެހުމެއް -- ފޮޓޯ: އީއައިއޭ

ވެލިފިނޮޅު ހިއްކަން ވެލި ނަގަން ނިންމާފައި ވަނީ ހިމާޔަތް ކޮށްފައިވާ މަޑިވަރު ސަރަހައްދުގެ ދެކުނުން ފަޅުގެ ބަޔަކުންނެވެ. ފަޅު ހިއްކަން ވަގުތީ ފާލަމެއްހެން ދިގު ވެލި ބެޑެއް ހިއްކައިގެން، އެތަނަށް މެޝިނަރީ ގެންގޮސް ކޮންނަން ފެށެމުން މިހާރު ވެސް ފަރުތަކާއި ދިރުންތަކަށް ގެއްލުން ވެފައިވާ ކަމަށް ގެސްޓް ހައުސް އަދި ޑައިވިން ވިޔަފާރިތައް ކުރާ ފަރާތްތަކުން ބުނެ އެވެ. ހިއްކަން ވެލި ނަގައި އެ ސަރަހައްދުގައި އޮންނަ ފިނޮޅެއް ނައްތައިލި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

އީޕީއޭގެ ބަޔާނުގައި ބުނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ސަރަހައްދުގެ ޓޫރިޒަމަށް ވެސް ގެއްލުން

ހިއްކުމުގެ މަޝްރޫއުގެ ސްޓޭކް ހޯލްޑާ ކޮންސަލްޓޭޝަނަށް މަޝްވަރާ ކުރީ ހަމައެކަނި އީޕީއޭ އާއި ވެލިގަނޑު ރިސޯޓުގެ މުވައްޒަފުންނާއި ފިޝަރީޒް މިނިސްޓްރީ އަދި މެރިން ރިސާޗް ސެންޓަރުގެ ބޭފުޅުންނާ އެވެ. ރަސްދޫގެ ކައުންސިލާއި އއ. އަތޮޅު ކައުންސިލާއި ސަރަހައްދުގެ ވެއްޓަށް ބަރޯސާ ވެފައިވާ ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ބަހެއް ނުހޯދަ އެވެ.

ރަސްދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ އަނިލް "މިހާރު" އަށް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ގެއްލުން ބޮޑީ ތިމާވެށި ހަލާކުވުމުގެ އިތުރުން އެ ސަރަހައްދުގެ ޑައިވިން ޕޮއިންޓުތައް ހަލާކުވެ ސަރަހައްދުގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރު ކުރާނެތީ އެވެ.

ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވެފައިވާ ރަސްދު އަށް ދާ ގިނަ ޓޫރިސްޓުންނަކީ އެ ރަށާ ކައިރީގައި ހުންނަ ޑައިވިން ޕޮއިންޓުތައް ބަލާލަން ދާ މީހުންނެވެ. އެ ތަންތަނުގެ ރީތިކަން އަބަދަށް ގެއްލިއްޖެ ނަމަ ރަސްދޫގެ ޓޫރިޒަމްގެ އިތުރުން ކައިރީގައި ހުރި އެހެން ރަށްރަށުގެ ޓޫރިޒަމާއި އެ ސަރަހައްދަށް ދަތުރުކުރާ ސަފާރީތަކަށް ވެސް ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލިފިނޮޅު ހިއްކަން ވެލި ކޮންނަން ހަދާފައިވާ ވަގުތީ ވެލި ބެޑް --

ވެލިފިނޮޅު ހިއްކަން ވެލި ކޮންނަން ހަދާފައިވާ ވަގުތީ ވެލި ބެޑް --

އަނިލް ފާހަގަ ކުރެއްވީ މީގެ ކުރިން ރަސްދޫގެ މީހުން ގޯތި ޒީނަތްތެރި ކުރުން ފަދަ ކަންކަމަށް މަޑިވަރު ފިނޮޅާ ދުރުން ވެލި ނެގުމުން، ވެލިގަނޑާއި މަޑިވަރާ ދޭތެރޭގެ އެއްވެސް ސަރަހައްދަކުން ވެލި ނެގުން މަނާ ކަމަށް އީޕީއޭއިން އެންގި އެންގުމެވެ. ނަމަވެސް، މިފަދަ ގެއްލުންދެނިވި މަޝްރޫއެއް ހިންގަން ރިސޯޓުން އެދުމުން އެކަމަށް ހުއްދަ ދިނުމަކީ އިންސާފުވެރި އަދި ހަމަޖެހޭ ވެސް ކަމެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ވެލިގަނޑު ރިސޯޓު ކައިރީގައި އޮންނަ މަޑިވަރު ފަޅު ސަރަހައްދު ސަރުކާރުން ހިމާޔަތް ކުރީ އޮކްޓޯބަރު 7، 2018 ގަ އެވެ. ހެމާހެޑް ޝާކް، އެންމަޑި، މާހުޅުނބު ލަނޑާ، އަދި ވެލާ ކަހަނބު ފެންނަ މި ސަރަހައްދަކީ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ ގެ ދަށުން 2016 ވަނަ އަހަރު ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ތަނެކެވެ.