Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މޯޑް: ރީތި ހަށިގަނޑެއް، އެހާމެ ނަމޫނާ ދިރިއުޅުމެއް

މޯޑް: ރީތި ހަށިގަނޑެއް، ނަމޫނާ ދިރިއުޅުމެއް

20 ޖެނުއަރީ 2023

"ރާއްޖޭގެ އެންމެ ރީތި އެއް ހަށިގަނޑުގެ ވެރިޔާ."

ހުސެއިން ހަބީބް ހުސެއިން ހަބީބް

"ރާއްޖޭގެ އެންމެ ރީތި އެއް ހަށިގަނޑުގެ ވެރިޔާ."

ބޮޑީ ބިލްޑިން އެތުލީޓް މުހައްމަދު މޫސާ (މޯޑް)ގެ ތައާރަފަކީ މިއީ އެވެ.

އެކަމަކު މިހާވަރުން ނިންމާލެވޭ ވަރަށް ވުރެ އޭނާގެ ވާހަކަ މާ ބޮޑެވެ. ކުޅިވަރުގެ ސްޓޭޖުގައި ހޯދި ކާމިޔާބުތަކާއި ގެއަށް ގެންދިޔަ އެވޯޑްތަކަށް ވުރެ ކުޑަ ނޫން ނުވަތަ އެއަށް ވުރެ ވެސް ބޮޑު ކާމިޔާބެއް އޭނާގެ ދިރިއުޅުމުގައި ހާސިލުކޮށް، އަންނަނީ ދަމަހައްޓަމުންނެވެ.

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ ބޮޑީ ބިލްޑިން ކެޓަގަރީން ރަން މެޑަލް ހޯދައި، މިސްޓަ އޭޝިއާގެ ފައިނަލުގައި މޭފުއްޕާފައި އޭނާގެ ހަށިގަނޑުގެ ވަރުގަދަކަން ދެއްކިޔަސް، ހަގީގަތުގައި މި މުހައްމަދަކީ ހިތްތިރި މަޑުމައިތިރި އަދި އޯގާތެރި މީހެކެވެ.

އޭނާގެ ވާހަކަ ދެއްކުމުގައި ހުރި މަޑުމައިތިރިކަމާއި އިހުތިރާމުގެ ސިފަ "މިހާރު" އަށް ދިން މި އިންޓަވިއުގައި ވެސް ފާހަގަވި އެވެ.

ކިތަންމެ ދައްކަން ބޭނުން ނުވިޔަސް ނުވަތަ އެކަން ގަބޫލުކުރަން ބޭނުން ނުވިޔަސް ހަގީގީ "ޕްރޮފެޝަނަލިޒަމް" އާއި "އެތުލީޓިސިޒަމް" ގެ ސިފަތައް ރާއްޖޭގެ ގިނަ އެތުލީޓުންގެ ކިބައިގައި ނެތެވެ. އާންމު ދިރިއުޅުމުގައި ވެސް މިވެނި މީހަކީ ނަމޫނާއެކޭ ބުނާ ވަރުގެ އެތުލީޓުން ރާއްޖޭގައި މަދެވެ. އަރަމުން އަންނަ އުމުރުން ހަގު އެތުލީޓުންނަށް މިވެނި ސީނިއާ އެތުލީޓަކު ދައްކާފައި "އެއީ ނަމޫނާ އަކަށް ބަލަން ރަނގަޅު އެތުލީޓެކޭ" ބުނާވަރުގެ އެތުލީޓުން ވެސް މަދެވެ.

އެ ސިފަ އާއި އެ ގަދަރު ލިބިފައި ތިބި މަދު ދިވެހި އެތުލީޓުންގެ ލިސްޓްގެ އެންމެ ކުރީ ސަފުން ޖާގަ ލިބޭ އެއް އެތުލީޓަކީ މޯޑް އެވެ.

އެކަމަށް ހެކި ދެނީ، 25 އަހަރު ކުރިން އޭނާ ގޮށްޖެހި އަލަތު ކައިވެނީގައި މިއަދާ ހަމައަށް ވެސް ދެމި ހުރި އޭނާގެ އަންހެނުން އާމިނަތު ޝަބާނާ އެވެ. އޭނާ ބުނި ގޮތުގައި އެ ދެމަފިރިންގެ ދިރިއުޅުމުގައި ދެގޮތެއް ނުވެ ކުރިއަށް ދެވުމުގެ އެންމެ ބޮޑު ސަބަބަކީ މޯޑްގެ ކެތްތެރި ސިފަތައް ކަމަށެވެ.

މޯޑް އާއި އޭނާގެ އަންހެނުން ޝަބާނާ (ކ) އަދި އެ ދެމަފިރިންގެ ހަގު ދަރިފުޅު

މޯޑް އާއި އޭނާގެ އަންހެނުން ޝަބާނާ (ކ) އަދި އެ ދެމަފިރިންގެ ހަގު ދަރިފުޅު

ކ. މާފުށީގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން، މޯޑް ރަން މެޑަލް ހޯދައި މިސްޓަ އޭޝިއާގެ ފައިނަލުން ޖާގަ ހޯދުމުން، މާފުށީ ސްކޫލްގެ ހޯލް ތެރޭގައި އުފަލުން ފެންކަޅިވެފައި ހުރި ޝަބާނާގެ ތައުރީފާއި ޝުކުރު މޯޑް އަށް ބަންޑުން ވަނީ އެ ހަޔާތުގައި ވަފާތެރި ކަމުގައި ދެމެހެއްޓި އިތުބާރުގެ ސަބަބުންނެވެ.

"ވަރަށް ވަރަށް ވަރަށް ކެތްތެރި މީހެއް. ވަރަށް ފްރީޑަމް ލައިފެއް މިހާތަނަށް ވެސް އަޅުގަނޑުމެން ވޭތު މި ކުރީ. އެއީ މޯޑް އަޅުގަނޑަށް ކުރާ އިތުބާރުން އަދި އަޅުގަނޑަށް ވެސް މޯޑް އަށް އެ އިތުބާރު އޮންނާތީ،" ދެ ދަރިންގެ މަންމަ ބުންޏެވެ.

"ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ވެސް ކުދިކުދި މައްސަލަ ޖެހޭނެ. އެކަމަކު ދަރިއެއްގެ ކުރިމަތީގައި އެކަހަލަ އެއްވެސް ކަމެއް ދުވަހަކު ވެސް ފާޅުވިޔަކަ ނުދެން. މޯޑް އަކީ މަޑުމަތިރި މީހެއްވީމަ އެކަހަލަ ހާލަތުގައި ވެސް މާފަށް އެދިގެން މާފުކޮށްގެން މައްސަލަ ހައްލު ކުރޭ."

ފުލުހުންގެ ވަޒީފާގައި 29 ވަނަ އަހަރު ގުނަމުންދާ، މޯޑް، 46، ބުނި ގޮތުގައި އޭނާގެ އެއްވަނަ އާއި ދެވަނަ އަދި ތިންވަނަ އަކީ ވެސް އޭނާގެ އާއިލާ އެވެ. ކުޅިވަރު ކެރިއާ އަންނަނީ އެއަށް ފަހު އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާގައި އެންމެ މޮޅު ބޮޑީ ބިލްޑަރުގެ އެވޯޑާއެކު މޯޑް ފޮޓޯ އަކަށް ހުއްޓިލައިގެން

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާގައި އެންމެ މޮޅު ބޮޑީ ބިލްޑަރުގެ އެވޯޑާއެކު މޯޑް ފޮޓޯ އަކަށް ހުއްޓިލައިގެން

"އަބަދުވެސް އިސްކަންދެން އެ މީހުން [އަނބިދަރީން] ގެ ކަންކަން އެންމެ ފުރަތަމަ ވެސް އިސްކުރަން. އެ މީހުންނަށް ދޭން ޖެހޭ ހިދުމަތް ފުރިހަމަ ކުރެވިއްޖެތޯ ބަލަން. މުބާރާތަކަށް ރާއްޖެއިން ބޭރަށް ގޮސް ހުންނައިރު ވެސް ބަލަން ކަންކަން ފުރިހަމަކޮށްދެވިފަ ހުރިތޯ. އެ މީހުންނަށް ކޮށްދޭން ޖެހޭ ކަމެއްވިއްޔާ އެކަމެއް ފުރިހަމަކޮށްފަ އެހެން ކަމަކާ އުޅެން ވާނީ،" ފުލުހުންގެ ސަބް އިންސްޕެކްޓަރުގެ މަގާމު އަދާ ކުރަމުން އަންނަ މޯޑް ބުންޏެވެ.

މިދިޔަ އަހަރު މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ބޮޑީ ބިލްޑިންގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދި މޯޑް ބުނީ މުބާރާތްތަކުގައި އޭނާ އަށް ވާދަކުރެވޭނީ އަނބިދަރިންގެ ކަންކަން ހަމަޖައްސައިދީ އެ ފިކުރުން ދުރުވެ ހުރުމުން ކަމަށެވެ.

"އަނބިދަރީންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށް ދެވުނީމަ ސްޓޭޖަށް އަރައި ޕާފޯމް ކުރަން ވެސް ފަސޭހަ ވަނީ ކަމެއް ފުރިހަމަ ނުކޮށްދެވި އޮވެގެން އެކަމާ ފިކުރު ކުރާކަށް އޭރު ނުޖެހޭނެ. ހިތްހަމަޖެހިގެން ހުރެވޭނެ،" މިދިޔަ މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި މޯޑް ބުންޏެވެ.

ޝަބާނާ އާއި މޯޑް އަދި އެދެމަފިރިގެން ދަރިފުޅު

ޝަބާނާ އާއި މޯޑް އަދި އެދެމަފިރިގެން ދަރިފުޅު

ބޮޑީ ބިލްޑް ކުރުމަކީ ކެއުމުގެ ވަކި އާދަތަކެއް ހިފަހައްޓައި އެކަން ގައިގައި ހަރުލައްވަން ޖެހޭ ކަމެކެވެ. ބޮޑީ ބިލްޑިންގެ ތެރެއަށް 2013 ގައި ނުކުތް މޯޑް ބުނީ، އޭރު ކެއުމަށް ކުއްލިއަކަށް ގެނައި ބަދަލުން އުނދަގޫތަކެއް ހުރި ނަމަވެސް ފަހުން އެކަމަށް ހޭނި އޭނާ އާދަވީ، ހީ ކުރި ވަރަށް ވުރެ އަވަހަށް ކަމަށެވެ.

އޭނާ އަކީ އޭގެ ކުރިން ވެސް ގަވާއިދުން ކަސްރަތުކޮށް ފަލަވިޔަ ނުދީ ދަމަހައްޓަން މަސައްކަތް ކުރި މީހެކެވެ. އެކަމަކު އޭރު ބޮޑީ ބިލްޑް ކުރާކަށް އޭނާ ނުވިސްނަ އެވެ. ބޮޑީ ބިލްޑްގެ ތެރެއަށް އޭނާ ނެރެދީ، މަގު ދައްކައި ދީ، ކޯޗުކޮށްދީ ހެދީ ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކޯޗު އަބްދުލް ހަސީބެވެ.

ހަސީބަށް ފެނުނީ އެންމެ ދުވަހެއް ވެސް ވައްޓާނުލައި ގަވާއިދުން ކަސްރަތުކުރަން ޖިމަށް އަންނަ މީހެކެވެ. ގަޑިއަށް ހާޒިރުވުމުގައި ހުރި ހަރުދަނާކަން ފެނުމުން ހަސީބު ހުށަހެޅީ ބޮޑީ ބިލްޑިންގެ ތެރެއަށް މޯޑް ވަނުމަށެވެ.

"ވަރަށް ޕަންޗުއަލް ގަޑިއަށް ފަރުވާތެރި މީހެއް. ކުޅިވަރުގެ ގިނަ މީހުންނާ އެކު ވެސް އަހަރެން ވެސް އުޅެން އެކަމަކު މިވަރުގެ ޑިސިޕްލިން މީހަކު އަހަރެން ނުދެކެން،" ކުރިން ފުޓްބޯޅަ ވެސް ކުޅުނު ހަސީބު ބުންޏެވެ.

މޯޑް އާއި ހަސީބް

މޯޑް އާއި ހަސީބް

ބޮޑީ ބިލްޑް ކުރަން ފެށުމުގެ ކުރިން ގަވާއިދުން ޖިމަށް ގޮސް ކަސްރަތު ކުރިއަސް މޯޑްގެ ކެއުމަށް އޭނާ ފުރަތަމަ މާ ބޮޑު ބަދަލެއް ނުގެނެ އެވެ. އޭރު ފޮނި އެއްޗިއްސާއި ތެލުލި އެއްޗިހި އަދި ކިރުގެ ބާވަތްތައް އޭނާ ބޭނުން ކުރެ އެވެ. އޭރު އޯޓްސް ވެސް ނަގަނީ ކިރާ އެކު އެވެ.

"މިހާރު އޯޓްސް ބޭނުން ކުރަނީ، ފެންފޮދެއް އަޅައިގެން،" މޯޑް ކިޔައިދިނެވެ.

ބޮޑީ ބިލްޑިންގެ ތެރެއަށް 2013 ގައި ވަދެ ފުރަތަމަ އަހަރު ވެސް ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި މޯޑް ބުނީ ކެއުމަށް ގެނައި ބަދަލާއެކު ދުވާލަކު ހަ ފަހަރު އޭނާ މީލް ނަގާ ކަމަށެވެ.

"އެންމެ ފުރަތަމަ ފެށިއިރު މީރު އެއްޗިހި ފެނުނީމަ ކާލާ ހިތްވޭ އެކަމަކު މިހާރު ނުވޭ އެކަހަލަ އެއްވެސް އުނދަގުލެއް ވެސް. ފޮނި އެއްޗިހި ތެލުލި އެއްޗިހި ކާހިތެއް ނުވޭ،" ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް ރަން މެޑަލް ހޯދި މޯޑް ބުންޏެވެ.

"މުބާރާތަށް ހަފުތާއެއްވީމަ ލޮނު ނުލައި ކާ އެއްޗިހި ބޭނުން ކުރަނީ."

މޯޑްގެ ކޮންމެ ދުވަހެއްގެ ކެއުން އަދި ވޯކް އައުޓް ސެޝަން

- ފަތިހު 5:30 ގައި ކާޑިއޯ

- ހެނދުނު 7 ޖަހާއިރު އޯޓްސް އަދި 10 ބިސް (ވައިޓް އެގް)

- މެންދުރު 11 ޖަހާއިރު ބާސްމަތީ ރައީސް، 250 ގްރާމް ޗިކަން ބްރެސްޓް ފެނުކައްކައިގެން އަދި ތަރުކާރީކޮޅެއް

- ދެގަޑިއިރު ބްރޭކެއް

-ވޯކްއައުޓް ދޮޅު ގަޑިއެއް ހާއިރުގެ (ކާޑިއޯ)

- ޕްރޮޓީން ޝޭކެއް

- ބްރޭކް ގަޑި

- މެންދުރުފަހު 1:30 ބާސްމަތީ ރައީސް އާއި ތަރުކާރީ އަދި ޗިކަން ބްރެސްޓް

- ބްރޭކެއް

- މެންދުރު 3 ޖަހާއިރު ވޯކްއައުޓް

- ރޭގަނޑު 8 ޖަހާއިރު ބަތް އަދި ފެނުކެއްކި ޗިކަން ބްރެސްޓް

- ރޭގަނޑު 10 ޖަހާއިރު 5 ވައިޓް އެގްގެ ހުދު ކަނި