Roadha Mihaaru
ދަނގެތީގެ މަރުހަބާ މާ ބޮޑަށް ވެސް ތަފާތު!

ސިޔާސީ ހަރަކާތެއް، އެކަމަކު ދަނގެތީގެ މަރުހަބާ މާ ބޮޑަށް ވެސް ތަފާތު!

24 ޖެނުއަރީ 2023

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެންމެ ތަފާތު އެއް ރަށަކަށް ވީ އދ. ދަނގެއްޗެވެ. އެ މަނިކުފާނު މި ރަށަށް މިއަދު މެންދުރު ވަޑައިގަތުމުން ކީ ފިނިފެންމަލުގެ މަރުހަބާއެކެވެ. ހުރިހާ ގޮތަކުން ވެސް ރަށުން ދެއްކީ ތަފާތު ކަމެވެ. އެއްބައިވަންތަ ކަމެވެ. ސިޔާސީ ހަރަކާތަކަށް ވުރެ ބޮޑަށް ދެއްކީ ސަގާފީ ކަންކަމެވެ.

ފާތިމަތު އަޖްފާން އދ. ދަނގެތިން ފާތިމަތު އަޖްފާން

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެންމެ ތަފާތު އެއް ރަށަކަށް ވީ އދ. ދަނގެއްޗެވެ. އެ މަނިކުފާނު މި ރަށަށް މިއަދު މެންދުރު ވަޑައިގަތުމުން ކީ ފިނިފެންމަލުގެ މަރުހަބާއެކެވެ. ހުރިހާ ގޮތަކުން ވެސް ރަށުން ދެއްކީ ތަފާތު ކަމެވެ. އެއްބައިވަންތަ ކަމެވެ. ސިޔާސީ ހަރަކާތަކަށް ވުރެ ބޮޑަށް ދެއްކީ ސަގާފީ ކަންކަމެވެ.

ރައީސް ވަޑައިގެންނެވިއިރު، ޕާޓީގެ ކުލައިން ފޮތި ދަމައިގެން ޖަހާފައިވާ ދިދަތައް ބަނދަރުގެ އެއްކޮޅުން އަނެއް ކޮޅަކަށް ނެތެވެ. އެމްޑީޕީއަށްޓަކައި ރަށް ޒީނަތްތެރި ކޮށްފައި އޮތް ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ކެމްޕެއިނަށް ރަށްރަށަށް އަރާވަޑައިގަންނަވާއިރު، ބަނދަރުމަތިން އާންމުކޮށް އިވޭ އެ މަނިކުފާނުގެ ކެމްޕެއިންގެ ލަވައެއް ވެސް ދަނގެއްޗަކުން ނީވުނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ސަގާފީ ހެދުމުގައި ނުކުތް ކުދިންނާ، އެ މަނިކުފާނު ސަލާމް ކުރައްވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ސަގާފީ ހެދުމުގައި ނުކުތް ކުދިންނާ، އެ މަނިކުފާނު ސަލާމް ކުރައްވަނީ.

އެމްޑީޕީގެ ރީނދޫ ކުލައިގެ ފޮތިން ހަދާފައިވާ ހައެއްކަ ދިދަ ދަނގެތީގެ ބައެއް ހިސާބުތަކުން ފެންނަން ހުއްޓަސް ގިނައީ ދިވެހި ގައުމީ ދިދަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ކެމްޕެއިނަށް ވަޑައިގެންނެވި ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް އިދިކޮޅު ސަޕޯޓަރުން ބަނދަރު މައްޗަށް އެއްވެ ނުރުހުން ފާޅުކޮށް ހެދިޔަސް ދަނގެތި އެ ކަމުގައި ވެސް ތަފާތެވެ. އިދިކޮޅުގެ އެއްވެސް ހަރަކާތެއް ނެތެވެ. އިދިކޮޅު ޕާޓީ ޕީޕީއެމުން ބޭނުންކުރާ ކުލައިގެ ފޮތިކޮޅެއް ވެސް ރަށުގެ މަގެއްގެ މަތިން ފެންނާކަށް ނެތެވެ.

އެންމެ ހާއްސަވީ ރަށުގެ އިޖުތިމާއީ މަރުކަޒަށް ހުރިހާ އުމުރުފުރައެއްގެ މީހުން ގައުމީ ހެދުމުގައި ނުކުމެ، ރައީސަށް ދެންނެވި ފިނިފެންމަލުގެ މަރުހަބާ އާއި ހުށަހަޅައި ދިން ސަގާފީ ޝޯ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ދަނގެތިން ހުށަހެޅި ސަގާފީ ހަރަކާތްތައް އެ މަނިކުފާނު ބައްލަވާލައްވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ދަނގެތިން ހުށަހެޅި ސަގާފީ ހަރަކާތްތައް އެ މަނިކުފާނު ބައްލަވާލައްވަނީ.

އެ ތަން ތައްޔާރުކޮށްފައި އޮތީ ކާބަފައިން އެންމެ ކުރީގައި ދިރިއުޅުނު ގޮތް ދައްކުވައިދޭ ގޮތަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިށީނދެވަޑައިގަތުމަށް ޒީނަތްތެރިކޮށްފައި ހުރީ އިހުޒަމާނުގެ އުނދޯއްޔެކެވެ. އިޖުތިމާއީ މަރުކަޒުގެ ދޮރުން ފެށިގެން އުނދޯއްޔާ ހަމައަށް ފިނިފެންމަލުގެ ފިޔައިން އޮތީ ދޫލައެއް އަޅައިފަ އެވެ.

އެ ތަނުން ދައްކުވައިދިން ސަގާފީ ކަންކަމުގެ ތެރޭގައި ބިންބި މުގުރުމާއި ހަނޑޫ ހޮވުމުން ގޮސް އޮއްވަޅުގޮނޑި ކުޅުމާއި ހަނު ދެމުމާއި ދައިން ފުނޑުމާއި ކިއްލި ތެޅުން ހިމެނެ އެވެ. ރަށްރަށުގައި ކަތީީބުން ތިބުމަށް ބޭނުންކުރާ އެނދެއްގައި ފިރިހެނަކު އަތު ފަންކަލެއް ހިފައިގެން ވިހުރުވާލައި އިނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިޖުތިމާއީ މަރުކަޒަށް ވަޑައިގެން، އެ އިން ކޮންމެ ސަގާފީ ހަރަކާތެއް ބައްލަވަމުން ގެންދެވިއިރު އެ ކަންކަން ތަފުސީލު ކޮށްދޭން މީހަކު ހުއްޓެވެ.

"މިއީ ގައުމީ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. އެއީ ރާއްޖޭގެ ރައީސް ވީމާ. ރެސްޕެކްޓް ކުރުމުގެ ގޮތުން މިކަން ކުރަނީ. ސިޔާސީ ކަމެއްގައި އަޔަސް އަޅުގަނޑުމެން ރައީސަކަށް ދޭންޖެހޭ ރެސްޕެކްޓް ދޭނަން،" ދަނގެތިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދަނގެތީގެ އިޖުތިމާއީ މަރުކަޒުގައި ތައްޔާރު ކޮށްފައިވާ އުނދޯލީގައި ރައީސް އިށީނދެވަޑައިގެން ފޮތެއް ވިދާޅުވަނީ.

ދަނގެތީގެ އިޖުތިމާއީ މަރުކަޒުގައި ތައްޔާރު ކޮށްފައިވާ އުނދޯލީގައި ރައީސް އިށީނދެވަޑައިގެން ފޮތެއް ވިދާޅުވަނީ.

އޭނާއަކީ އެމްޑީޕީގެ ސަޕޯޓަރަކަށް ނުވިޔަސް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ދޭންޖެހޭ ގަދަރާއި ކުރަން ޖެހޭ އިހުތިރާމަކީ އަބަދުވެސް ދަނގެތީގެ ހުރިހާ ރައްޔިތުން ވެސް ކުރަމުން އަންނަ ކަމެއް ކަމަށް ބުންޏެވެ.

"މި ރަށުގައި އޮންނާނެ ޖަމިއްޔާއެއް، ދިވެހި ވަންތަ ހަރަކާތްތަކަށް ހާއްސަ ކޮށްފައި. ރައީސަކު ވަޑައިގަންނަ ނަމަ ސިޔާސީ ކުލައަކަށް ނުބަލާނެ. ރެސްޕެކްޓް ކުރާނެ ވަޑައިގަންނަ އެންމެންނަށް ވެސް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އުޅުއްވި ކައުންސިލްގެ މެމްބަރު ފަޒްލާ އަހުމަދު ވިދާޅުވި އެވެ.

ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑަސް ކެމްޕެއިނަށް ރައީސަކު ވަޑައިގެންފި ނަމަ މަރުހަބާ ދެންނެވުމުގެ ކަންކަން ކުރިއަށް ގެންދާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތާ މި ތިބީ ހަމައެކަނި އެމްޑީޕީ މީހުންނެއް ނޫން. މީގެ ކުރިން ވެސް އެހެން ރައީސުން އައީމާ ކެމްޕެއިނަށް އަޔަސް މަރުހަބާ ކިޔާނީ ހަމަ ސަގާފީ ކަންކަން ދައްކާލަމުން. މިއީ ވަރަށް ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއް. ރަށު އެންމެން ވެގެން ކުރާނީ ހުރިހާ ކަމެއް ވެސް. ކުދިބޮޑު އެންމެން އުޅޭނެ މި ކަމުގައި،" ފަޒްލާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ބައްދަލުވުމަށް ދަނގެތިން ދިޔަ ބައެއް މީހުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ބައްދަލުވުމަށް ދަނގެތިން ދިޔަ ބައެއް މީހުން.

އެހެން ރަށްރަށުގައި ނަމަ ރައީސަށް މާބޮނޑި އެރުވުމަށް ގަސްގަހުގެ ތަކެތި ބޭނުންކުރިޔަސް ދަނގެތި އެ ކަމުގައި ވެސް ތަފާތެވެ.

"ރަށުގަ ލިބެން ހުންނަ އެއްޗެހި ބޭނުންކޮށްގެން ހަދާނީ. ރަށު މީހުން މި ހަދާނީ ވެސް އަތުން، ރިބަނާއި ފަން ކަހަލަ ރުކުގެ ބައިތައް ބޭނުންކޮށްގެން،" އެކަމުގައި ހަރަކާތްތެރިވި މީހަކު ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ދަނގެތިން ދައްކާލި ސަގާފީ ހަރަކާތުގައި އެ ރަށުގެ އުމުރުން ދުވަސްވީ މީހުންތަކެއް ބައިވެރިވަނީ.--- ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ދަނގެތިން ދައްކާލި ސަގާފީ ހަރަކާތުގައި އެ ރަށުގެ އުމުރުން ދުވަސްވީ މީހުންތަކެއް ބައިވެރިވަނީ.--- ފޮޓޯ: މިހާރު

އެއީ ރަށުގައި އުފެދިފައިވާ ޒަމާންވީ އާދައެއް ކަމުން އެކަން ދިރުވައި އާލާކުރުމަށް ވެސް ދަނގެތީގެ މީހުން މަސައްކަތް ކުރެ އެވެ. މި ރަށާ ކައިރި ރިސޯޓުތަކަށް ސަގާފީ ހަރަކާތް ދައްކާލަން ދިއުމާއި އެ ކަންކަން އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަށް ކުދިންނަށް ދަސްކޮށްދޭ ކަމަށް ވެސް ދަނގެތީގެ މީހުން ބުންޏެވެ.

މިތާ މި ތިބީ ހަމައެކަނި އެމްޑީޕީ މީހުންނެއް ނޫން. މީގެ ކުރިން ވެސް އެހެން ރައީސުން އައީމާ ކެމްޕެއިނަށް އަޔަސް މަރުހަބާ ކިޔާނީ ހަމަ ސަގާފީ ކަންކަން ދައްކާލަމުން. މިއީ ވަރަށް ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއް."

"ކާބަފައިންގެ ދިރިއުޅުން މިއީ. އެހާ ސާދާ ރީތި ދިރިއުޅުމެއް. ސިޔާސީ ކަންކަން އެއްފަރާތްކޮށް، ދަރިންނަށް ވެސް ދަސްކޮށްދޭން ވާނެ އަހަރެމެންގެ ކާބަފައިން އުޅުނު ގޮތް. އެއީ ނަމޫނާ އަކީ،" ދަނގެތިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ފަހަރުގެ ކެމްޕެއިނަށް ވަޑައިގެންނެވި ރަށްތަކުން ދަނގެތި ހަމަ ތަފާތީ އެވެ. ސިޔާސީ ކަންކަން އެއްފަރާތް ކޮށް، މި ރަށުން ދެއްކީ އެކުވެރިކަމާއި ޒަމާނުއްސުރެ މަރުހަބާ ކިޔަން ގެންގުޅޭ އާދަކާދަ އެވެ. ވަކި ޕާޓީއަކަށް ނުބަލަ އެވެ. މިއީ މެދުކެނޑުމެއް ނެތި ދަނގެތިން ދައްކާނެ ރީތި ނަމޫނާއެކެވެ. އެމްޑީޕީގެ އެތެރޭގެ ބޮޑު ކޯޅުމަކާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން މިހާ ބޮޑަށް ދެބައި ވެފައިވާއިރު ވެސް ދަނގެތިން ދެއްކީ ސިޔާސީ ގޮތުން ގައުމީ ރޫހެވެ.