Roadha Mihaaru
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރީ ޕީޕީއެމް މީހެއް!

އެމްޑީޕީގެ ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރި މަންދޫބަކީ ޕީޕީއެމް މީހެއް!

29 ޖެނުއަރީ 2023

އެމްޑީޕީގެ ޕްރައިމަރީގައި ގދ. ރަތަފަންދޫގައި ބެހެއްޓި ފޮށި ފަޅާލައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ މީހެއް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްޑީޕީގެ ޕްރައިމަރީގައި ގދ. ރަތަފަންދޫގައި ބެހެއްޓި ފޮށި ފަޅާލައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ މީހެއް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ރަތަފަންދޫގައި އޭނާ ހަރަކާތްތެރިވީ ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގަ އެވެ. ވޯޓުލުން ކުރިއަށް ދަނިކޮށް ނުރުހުންފާޅުކޮށް ހުރަސްއަޅައި ވޯޓު ފޮށި ފަޅާލި މައްސަލާގައި އޭނާ އެތަނުން ހައްޔަރުކޮށް ފަހުން ދޫކޮށްލި އެވެ. މި މައްސަލާގައި ނަޝީދުގެ ފެކްޝަނުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ބައެއް ރަށްތަކުގައި ވޯޓު ފޮށިތަކަށް ގެއްލުން ދިނުމުގެ މައްސަލަ ދިމާވި ކަމަށާއި އެކަމުގައި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ބައެއް މީހުންނަށް ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް، ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އެމްޑީޕީ ނޫން މީހަކު ހަރަކާތްތެރިވި ކަން މައްސަލަ ބެލިއިރު މިއަދު ވަނީ އިންތިހާބާ ބެހޭ ކޮމިޓީއަށް ސާފުވެފަ އެވެ.

މައްސަލަ ޖެހުނު ރަތަފަންދޫ ފޮށީގެ ތަފްސީލުތައް ބެލިއިރު، އެތަނުގައި ހަރަކާތްތެރިވި އެކަކު ނިސްބަތްވަނީ ޕީޕީއެމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރު އިބްރާހިމް ވަހީދު (އިބުރޭ) އެ މައްސަލަ ފެންމަތިކުރެއްވީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ޓްވީޓަކާ އެކުގަ އެވެ. ދެ މީހެއްގެ އައިޑީކާޑުގެ ފޮޓޯއާ އެކު އީވާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރަތަފަންދޫގައި ނަޝީދުގެ ފަރާތުން ތިބި ދެ މަންދޫބުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން އިބްރާހިމް ވަހީދު ވިދާޅުވީ އޭގެތެރެއިން އެކަކު ނިސްބަތްވަނީ ޕީޕީއެމަށް ކަމަށާއި އެއީ ކެންޑިޑޭޓުންގެ ފަރާތުން އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓުންނަށް ފަސޭހަކޮށްދިނުމަށް މަންދޫބުންގެ ގޮތުގައި އެ ޕާޓީގެ ކޮންމެ މެމްބަރެއް ވެސް ބެހެއްޓިދާނެ ކަމަށް އެންގި އެވެ. އެކަމަކު އެ ޕާޓީ ނޫން އިތުރު އެހެން ޕާޓީއެއްގެ މީހަކު ނުބެހެއްޓޭނެ ކަމަށް ވެސް ކެންޑިޑޭޓުންގެ ކެމްޕޭނަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ގަވާއިދުގައި ބުނާ ކެންޑިޑޭޓްގެ މަންދޫބެއް ނޫން،" ޕީޕީއެމް މެމްބަރުގެ ތަފްސީލް އާއްމުކުރައްވައި އޭނާ ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވެފައި ވަނީ ނަޝީދުގެ މަންދޫބެއް ކަމަށް ވިދާޅުވެ އީވާ އާންމުކުރެއްވި ފޮޓޯގައިވާ އަދި ރަތަފަންދޫން ހައްޔަރުކުރި އީމާން އަހުމަދަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށް އިލެކްޝަން ކޮމިޝަނުގެ މައުލޫމާތުތަކުން ދައްކާތީ އެވެ.

އެ އިންތިހާބުގެ ނަތީޖާ ގަބޫލުކުރުމަށް ނަޝީދުގެ ޓީމުން ދެކޮޅު ހަދާފައި ވަނީ ބައެއް ފޮށިތަކުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވުރެ ވޯޓު ލީ މީހުންގެ އަދަދު ގިނަ ކަމަށް ބުނާ މައްސަލަތަކަކާ ހުރެ އެވެ. ނަޝީދުގެ ކެމްޕެއިން ޓީމުން ނަތީޖާ ގަބޫލު ނުކުރި ނަަމަވެސް އެމްޑީޕީން ބުނެފައި ވަނީ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އަންނާނެ އެއްވެސް ޝަކުވާއެއް ނުލިބޭ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކު ހޮވަން ބޭއްވި އެ އިންތިހާބު، 24،572 ވޯޓުން ކާމިޔާބުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނާ ވާދަކުރެއްވި ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.