Roadha Mihaaru
ނޮޅިވަރަމުގައި ޓާފް ރޯލުތަކެއްގައި ރޯކޮށްލައިފި

ނޮޅިވަރަމް ދަނޑުގައި އަޅަން ބަހައްޓާފައިވާ ޓާފުތަކެއްގައި ރޯކޮށްލައިފި

31 ޖެނުއަރީ 2023

ހދ. ނޮޅިވަރަމްގައި ހަދަމުންދާ ޓާފް ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، ގެއްލުންތަކެއް ވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހދ. ނޮޅިވަރަމްގައި ހަދަމުންދާ ޓާފް ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، ގެއްލުންތަކެއް ވެއްޖެ އެވެ.

ނޮޅިވަރަމް ކައުންސިލުގެ ރައީސް ޔޫސުފް މޫސާ "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ ޓާފް ދަނޑު ކައިރީގައި ބަހައްޓާފައި ހުރި ޓާފް ރޯލުތަކެއްގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށެވެ.

ޔޫސުފް ވިދާޅުވީ އެއީ އަމިއްލަ ޒާތުގައި އަލިފާން ހިފާ ކަހަލަ އެއްޗަކަށް ނުވާތީ މިހާތަނަށް ބެލެވެނީ ޓާފްތަކުގައި ރޯކޮށްލީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލިފާނުގެ ސަބަބުން ގެއްލުންވެފައި ވަނީ ދެ ޓާފް ރޯލަކަށެވެ. ބޮޑަށް އަލިފާން ހިފާފައި ވަނީ ވެސް ޓާފްގެ އަޑީގައި ބަހައްޓާ ކަޅު ރަބަރު ކޮޅުތަކުގައި ކަމަށް ވިދާޅުވި އެވެ.

އެ ކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ، ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ތައްޔާރުކޮށްފައި ހުރި ޓާފްގައި ރޯކޮށްލީ އެ ޓާފް އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.

އެކަން ކުރީ ބަޔަކު ގަސްދުގައި ކަމަށް ވިދާޅުވެ، މަހުލޫފު އެކަން ކުށްވެރި ކުރެއްވި އެވެ.

"އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ، ގަސްތުގައި ރަށުގެ ތަރައްގީ އަށް ހުރަސް އެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް." މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހެނދުނު މަހުލޫފު ކުރެއްވި ޓްވީޓު

ކައުންސިލުގެ ރައީސް ޔޫސުފް ވިދާޅުވި، ގޮތުގައި ނޮޅިވަރަމުގެ ޓާފް ދަނޑުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ދަނީ ކުރިއަށެވެ. ޒުވާނުންނަށް ދަނޑު ބޭނުން ކުރެވޭނެ ވަރު ކުރުމަށް، އެ ތަނުގެ މަސައްކަތް އަވަހަށް ނިންމޭތޯ މިހާރުގެ ކައުންސިލުން ވެސް ޔޫތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެ ތަނުގައި މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، ޔޫސުފް ވިދާޅުވިގޮތުގައި ސްޕީޑް ވަރަށް ލަހެވެ.