Roadha Mihaaru
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ

31 ޖެނުއަރީ 2023

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުން ރާއްޖެއަށް ކުރިއެރުމެއް ނުލިބި، އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުން ރާއްޖެއަށް ކުރިއެރުމެއް ނުލިބި، އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ބުނެފި އެވެ.

ސީޕީއައި ނުވަތަ ކޮރަޕްޝަން އޮތް ކަމަށް މީހުން ގަބޫލުކުރާ މިންގަނޑުގައި ރާއްޖެ އޮތީ 40 ޕޮއިންޓާ އެކު 185 ގައުމުގެ ތެރެއިން 85 ވަނައަށެވެ.

މި މިންގަނޑު ކަނޑައަޅަނީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އަށް ބަލައިގެންނެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި ދައުވާކުރުމާއި ގާނޫނުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ މީހުންނާއި ސަރުކާރުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

އޭގައި ބުނެފައިވަނީ ސީޕީއައިގެ މެދުމިނުގެ ގިންތީގައި ހިމެނިފައިވުމުން އަންގައިދެނީ ވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތަކާއި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ބައެއް މީހުން އާންމުންނަށް ގެއްލުންވާގޮތަށް ނުހައްގުން މަންފާ ހޯދުމުގެ މައްސަލަ އޮތުން ކަމަށެވެ.

"މިދިޔަ އަހަރުގެ ސީޕީއައި ޝިއާރުން އެނގޭ ގޮތުގައި ކޮރަޕްޝަންގެ ސަބަބުން ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ލޮޅުންތައް އަރައި، ގައުމުގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ބުރޫއަރަ އެވެ. ހަމަ އެހެންމެ ކޮރަޕްޝަނުގެ ސަބަބުން އޯގަނައިޒްޑް ކްރައިމާއި ވައިލަންޓް ކޮންފްލިކްޓް އިތުރުވާ ފަދަ މާހައުލެއް ގާއިމްވެ އެވެ. އެއީ ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ ބައެއް ކޮރަޕްޓް މީހުން ނުފޫޒުގެ ބޭނުންކޮށްގެން ކުށްކުރާ ފަރާތްތަކަށް ކުށްކުރުމަށް ފުރުސަތު ދޭތީ އެވެ." ބަޔާނުގައި ބުންޏެވެ.

ކޮރަޕްޝަން ކުޑަކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި؛

▪ ސިޔާސީ މީހުންނާއި ސަރުކާރުގެ މުވައްޒަފުން ޒިންމާދާރުކުރުވަން އެސްޓް ޑިކްލަރޭޝަން ބިލް ފާސްކޮށް ނުހައްގުން މުއްސަނދި ވުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓުގަތުން ހުއްޓުވުމަށް މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމެއް އެކުލަވާލުން.

▪ ކޮރަޕްޝަނާއި ރައްޔިތުންގެ ފައިސާ އާއި ވަސީލަތްތައް ހަރަދުކުރާ ގޮތާއި ބޭނުންކުރާ ގޮތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފަސޭހަކަމާ އެކު ލިބެން ހުންނާނެގޮތް ހެދުން. އަދި އެކަށީގެންވާ ވަގުތުގެ ތެރޭގައި މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވުމަށް ބޭނުންވާ ގާބިލުކަމާއި ވަސީލަތްތައް ދައުލަތުގެ މުއައްސަސާތަކުގައި އިތުރުކުރުން.

▪ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކޮށް ވިސްލްބްލޯކުރާ މީހުން ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކޮށް، އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނަށް އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުން، ސަރުކާރު ހިމެނޭހެން، ޒިންމާދާރުކުރެވޭނެ ގޮތްތައް މަގުފަހިކުރުން.

އެ ޖަމިއްޔާއިން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދާއިރު، ޒިންމާދާރުކުރުމާއި އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ކޮރަޕްޝަނާ މެދު ސިޔާސީގޮތުން ކުރަމުންގެންދާ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮރަޕްޝަން ހިންގާ މީހުން ހިމާޔަތްކުރުން ހުއްޓާލައި، ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ތަހުގީގުކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސިޔާސީ މީހުންނަށް ވަޒީފާގެ ކުރިއެރުމާއި އިތުރު ކުރިއެރުންތަކާއި ބާރުތައް ދިނުމުގެ ބަދަލުގައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ގޮވާލައިފަ އެވެ.