Roadha Mihaaru
ޕީއެސްއެމް އިން 80 މިލިއަން ނުދައްކާ އެބައޮތް:ޝަރީފު

ޕީއެސްއެމް އިން 80 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: ޝަރީފު

01 ފެބުރުއަރީ 2023

ކަރަންޓަށް އެންމެ ގިނައިން ފައިސާ ދައްކަން ޖެހޭ ޕީއެސްއެމްގެ ނުދައްކާ ހުރި ކަރަންޓް ބިލްތަކަށް 80 މިލިއަން ރުފިޔާ އަރާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކަރަންޓަށް އެންމެ ގިނައިން ފައިސާ ދައްކަން ޖެހޭ ޕީއެސްއެމްގެ ނުދައްކާ ހުރި ކަރަންޓް ބިލްތަކަށް 80 މިލިއަން ރުފިޔާ އަރާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ، ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކުން ކަރަންޓް ބިލް ނުދައްކާ ކަމަށާއި އެ މައްސަލަތައް ހައްލު ކުރަން އެކި އިދާރާތަކާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ސަރުކާރުގެ މިނިސްޓްރީތަކުން ބިލް ދައްކައިފަ ޕޯޓަލް އަށް ރިކުއެސްޓް ކޮށްފައި އޮންނަ ކަމަށް މި އަންނަނީ. އެހެންވީމަ އަޅުގަނޑުމެންގެ ކޭޝް ފްލޯ ތާށިވާ ވަރަކަށް ދޭތެރެ ދޭތެރެއިން ފިނޭންސް މިނިސްޓްރީން އެ ބިލްތައް ރިލީޒް ކުރަމުން އަންނަނީ. އޭތި [މިނިސްޓްރީތަކުން] ލަހުން ނަމަވެސް ބަރާބަރަށް ލިބޭ،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ޕީއެސްއެމްގެ އިތުރުން އާރްޑީސީ އާއި އެފްއޭއެމް ފަދަ ތަންތަނުން ބޮޑެތި އަދަދުތައް ދައްކަން ހުރި، ސަރުކާރުގެ ކުންފުނިތަކުން ވެސް ކަރަންޓު ބިލްތައް ނުދައްކާ އެބަހުރި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބިލްތައް ނުދައްކާތީ، ސްޓެލްކޯއިން ވަނީ މި މަހު ކުރީކޮޅު އެ ކައުންސިލްގެ ގިނަ އިމާރާތްތަކަކުން ކަރަންޓު ކަނޑާލައިފަ އެވެ. ސިޓީ ކައުންސިލުގެ އެކި އިމާރާތްތަކުން ކަރަންޓު ބިލްތަކަށް 21 މިލިއަން ރުފިޔާ ނުދައްކާ އެބަ ހުއްޓެވެ.

ޝަރީފު ވިދާޅުވީ، ބިލްތަކުގެ މައްސަލަތައް ހައްލު ކުރަން އާރްޑީސީއާ އެކު ވެސް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްއާރްޑީސީގެ ނަމުގައި ހުރި ބިލްތަކެއްގެ މައްސަލަ އަށް ހައްލު ހޯދަން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރަން. އަދި އެހެން މުއައްސަސާތަކާ އެކު ވެސް މީޓިންތައް ބާއްވައިގެން އަޅުގަނޑުމެންނަށް ރިކަވާ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ސިޓީ ކައުންސިލް ގެ އޮފީސްތަކުން ކަރަންޓް ކަނޑާލަން ޖެހުނީ، ބިލްތައް ދެއްކުމުގައި އެކަން ހައްލު ކުރަން ކައުންސިލުން އެއްބާރުލުން ނުދިނުމުން ކަމަށެވެ.