Roadha Mihaaru
މަގު ކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ކޯޓުން ބަލައިނުގަތް

މަގު ކޮނުމުގެ ފީ ބޮޑުކުރި އުސޫލު ބާތިލްކުރުމުގެ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

07 ފެބުރުއަރީ 2023

މާލޭގެ މަގު ކޮނުމުގެ ފީ ބޮޑުކޮށް މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ މަގު ކޮނުމުގެ ފީ ބޮޑުކޮށް މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މާލޭގެ މަގުތަކުގެ މަސައްކަތް ކުރުމާ ބެހޭ އުސޫލާއި މަގު ކޮނުމާބެހޭ އުސޫލެއް އެކުލަވާލައި، އެ މަސައްކަތުގެ ފީތައް ބޮޑުކުރަން ސިޓީ ކައުންސިލުން ނިންމި މައްސަލާގައި އެ ދެ އުސޫލު ބާތިލް ކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅީ އެއީ ގާނޫނާ ހިލާފު އުސޫލުތަކެއް ކަމަށް ބުނެ އެވެ.

ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ވަނީ ގާނޫނަކުން ބާރު ލިބިގެންވާ ހަދާފައިވާ ގަވާއިދެއް ނުވަތަ އުސޫލެއް ގާނޫނާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި އެކަމުގެ ސަބަބުތައް ތަފުސީލުކޮށް ބަޔާން ކުރަން ޖެހޭއިރު، ސްޓެލްކޯ އިން އެ މައްސަލާގައި އެ ސަބަބުތައް ތަފްސީލުކޮށް ބުނެދީފައި ނުވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

އާ އުސޫލުގެ ދަށުން މަގު ކޮނުމުގެ ފީ 154 ޕަސެންޓް ބޮޑު ކޮށްފައި ވިޔަސް، ސިޓީ ކައުންސިލުން ބުނާގޮތުން އާންމު ހިދުމަތްތަކަށް މަގު ކޮންނައިރު ފީ ނުނަގާނެ އެވެ.

ސިޓީ ކައުންސިލްގެ ދަށުގައި ހުރި ތަންތަނުގެ ކަރަންޓް ބިލް ނުދައްކާތީ އެ ތަންތަނުން ކަރަންޓް ކަނޑާލުމުން ސްޓެލްކޯ އާއި ސިޓީ ކައުންސިލާ ދެމެދު ވަނީ މައްސަލަތަކެއް ފެންމަތިވެފަ އެވެ. ސިޓީ ކައުންސިލުން ބުނާގޮތުން ސްޓެލްކޯގެ އިމާރާތްތަކަށް ދައްކަންޖެހޭ ކުލި ވެސް ނުދައްކަ އެވެ. އެކަމަކު ސްޓެލްކޯއިން އެކަން ދޮގު ކުރެ އެވެ. އަދި ސްޓެލްކޯގެ ޓްރާންސްފޯމަރު ބަހައްޓަން ސިޓީ ކައުންސިލުން ބިން ދޫ ނުކުރާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ. އެކަމަކު ސިޓީ ކައުންސިލުން ބުނަނީ ލިޔުމުން ނޫނަސް އެ ހުއްދަ ސްޓެލްކޯ އަށް ވާނީ ދީފައި ކަމަށެވެ.