Roadha Mihaaru
ޗުއްޓީ އިތުރުކޮށް ނުދިނުމުން ދަރިފުޅާ އެކު އޮފީހަށް!

ޓްރައިބިއުނަލްގެ މެމްބަރެއްގެ ކަންބޮޑުވުން: ޗުއްޓީ ނުދީ، ހައްގަށް ހުރަސްއަޅަނީ!

03 ފެބުރުއަރީ 2023

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު، މަރިޔަމް ޝަމްހާ ދެކެވަޑައިގަންނަވާ ގޮތުގައި މަޖުބޫރީ ހާލަތްތަކުގައި ވިހެއުމުގެ ޗުއްޓީ އިތުރުކޮށްދޭން ޖެހެ އެވެ. ގާނޫނަށް ގެނެސްފައިވާ ބަދަލާ އެކު ހަ މަހުގެ މެޓާނިޓީ ލީވް ނުލިބޭ މުވައްޒަފުންނަށް ވެސް އެ އުސޫލަށް ބަލައި ލުއި ދެވެން އެބައޮތެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު، މަރިޔަމް ޝަމްހާ ދެކެވަޑައިގަންނަވާ ގޮތުގައި މަޖުބޫރީ ހާލަތްތަކުގައި ވިހެއުމުގެ ޗުއްޓީ އިތުރުކޮށްދޭން ޖެހެ އެވެ. ގާނޫނަށް ގެނެސްފައިވާ ބަދަލާ އެކު ހަ މަހުގެ މެޓާނިޓީ ލީވް ނުލިބޭ މުވައްޒަފުންނަށް ވެސް އެ އުސޫލަށް ބަލައި ލުއި ދެވެން އެބައޮތެވެ.

އޭނާ ވިހެއުމަށް ފަހު ދިމާވި ހާލަތާ ހެދި ދެ މަސް ފަހުން އޮފީހަށް ނުކުމެވެން ނެތީ އެވެ. އެހެންވެ އެދިވަޑައިގަތީ ޗުއްޓީ އިތުރުކޮށްދެއްވުމަށެވެ. އެކަމަކު ވަޒީފާއަދާކުރުމުގައި ދިމާވާ މައްސަލަތަކުގައި ހައްގު ހޯދައިދޭން ތިބި އެ ޓްރައިބިއުނަލް އިން އެ ހައްގު ނުލިބުމަކީ އޭނާގެ ކަންބޮޑުވުމެކެވެ. ވާހަކަ ދައްކައިގެން ހައްލެއް ނުލިބުމުން އޭނާއަށް އިއްޔެ ޖެހިވަޑައިގަތީ ދެ މަހުގެ ދަރިފުޅާ އެކު އޮފީހަށް ނުކުންނަވާށެވެ.

އެކަމަކު ކުއްލި މެމޯއަކުން އެކަން ވެސް މަނާކޮށްފައިވާ ކަމަށް ޝަމްހާ ވިދާޅުވި އެވެ. އެހެންވެ އޭނާއަށް ޖެހިވަޑައިގަތީ، އެތައް ބަޔަކަށް ދިމާވާ މި ތަކުލީފުގެ ވާހަކަ ސޯޝަލްމީޑިއާގައި ހިއްސާކުރާށެވެ.

ޝަމްހާ ވިދާޅުވީ އެނބުރި މަސައްކަތަށް ނުކުންނަން އޭނާއަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އިރު ދެ ވަނަ ދަރިފުޅު ވިހެއިތާ ދެ މަސް ނުވާ ކަަމަށެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ ކޮންމެ އަންހެނަކަށް ވެސް ވިހެއުމަށް ފަހު ހަ މަހުގެ ޗުއްޓީ ލިބެ އެވެ. އެކަމަކު މި ސަރުކާރުން އެކުލަވާލި އެ އުސޫލު އޮންނަ ގޮތުން، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަކަށް އެ ފުރުސަތެއް ނުލިބެ އެވެ. ނަމަވެސް، އެ މުއައްސަސާގެ އެތެރެއިން، އަމިއްލައަށް އެކަން ކުރުމުގެ އިހުތިޔާރު އޮވެ އެވެ. އެގޮތަށް ބައެއް މުއައްސަސާތަކުން މިހާރު އަމަލު ވެސް ކުރެ އެވެ.

ދަރިފުޅުގެ ހާލު މިވަގުތު ހުރިގޮތުން އެންމެ ދެ މަހުގެ ޗުއްޓީއަކުން އޭނާއަށް ނުވާނެތީ ޝަމްހާ އެދިވަޑައިގަތީ ޗުއްޓީ އިތުރުކޮށްދެއްވުމަށެވެ. އެކަމަކު، މަސައްކަތް ކުރާތާ ނުވަ އަހަރުވެފައިވާ ޓްރައިބިއުނަލުން އޭނާއަށް އެ ފުރުސަތު ދޭން ދެކޮޅު ހެދީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަރިފުޅު ރޭގަނޑު ވަރަށް ބޮޑަށް ރޮއެ ހަދާ، ޑޮކްޓަރަށް ދެއްކީމަ ބުނީ ކޮންމެވެސް ވަރަކަށް ކޮލިކްއޭ. ދަރިފުޅު ރިފްލަކްސް ވެސް ހުންނާތީވެ ތަންކޮޅެއް އަވަސް އަވަހަށް ފީޑްކުރަން ވެސް ޖެހޭ،" ޝަމްހާ ވިދާޅުވި އެވެ.

"މިގޮތަށް ހާލަތު ހުރުމުން، މި ހާލަތު ބަޔާންކޮށްފައި އޮފީހަށް ސިޓީއެއް ފޮނުވީ ޗުއްޓީ ހަމަވާން ކައިރީވިމަ، ޗުއްޓީ އިތުރުކޮށްދޭން. އަސްލުގައި އެހެން މުއައްސަސާތަކުގައި ވެސް މިގޮތަށް ހަމަޖައްސައިދެއެއްނުންހޭ، ހަ މަހުގެ މެޓާނިޓީ ލީވް، އެގޮތަށް އެބައޮތްތޯއޭ ހަމަޖައްސައިދެވެން."

ޝަމްހާ ވިދާޅުވީ ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ވެސް ވިހެއުމުން ހަ މަހުގެ ޗުއްޓީ ދޭ ކަމަށެވެ. ދެ މަހުގެ ޗުއްޓީ ދެނީ ހަމައެކަނި މެމްބަރުންނަށެވެ. ހަ މަހުގެ ޗުއްޓީއެއް ދެވެން ނެތް ނަމަ ހަތަރު މަހުގެ ޗުއްޓީއެއް ދޭން ވެސް އޭނާ އެދިވަޑައިގަތެވެ. ނަމަވެސް އެކަމެއް ވެސް ނުވި އެވެ. އިހުތިޔާރެއްގެ ގޮތުގައި ދިނީ މުސާރަ ނުހިނގާ ގޮތަށް ގޭގައި މަޑުކުރުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗުއްޓީ އިތުރުކޮށް ދެވެން ނެތް ސަބަބެއްގެ ގޮތުގައި ޓްރައިބިއުނަލުން ދެއްކީ މެމްބަރަކު އޮފީހަށް ނައިސް ގިނަ ދުވަސްވެއްޖެ ނަމަ އެތަނުން ބަލާ މައްސަލަތައް ނުބެލި ދިގުލައިގެން ދިއުމެވެ.

ޓްރައިބިއުނަލުން ޗުއްޓީ އިތުރުނުކޮށްދިނުމުން ޝަމްހާ ރައީސް އޮފީހަށް ވެސް ސިޓީއެއް ފޮނުވި އެވެ. އެ އޮފީހުން ދިން ޖަވާބުގައި ބުނީ އެ މުއައްސަސާއަކުން އަމިއްލައަށް އެކަމާ މެދު ގޮތެއް ނިންމޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިފުޅު ގޮވައިގެން އިއްޔެ އޮފީހަށް ދިޔައީ އެއްވެސް ގޮތެއް ނެތިގެންނެވެ. އެކަމަކު، އެކަމަށް ވެސް މިހާރު އޮތީ ޓްރައިބިއުނަލުން ހުރަސްއަޅާފައިވާ ކަމަށާއި ދަރިންގެ ގޮވައިގެން އޮފީސް މަސައްކަތަށް ނުނިކުމެވޭނެ ކަމަށް އަންގާ އިއްޔެ މެމޯއެއް ފޮނުވި ކަމަށް ޝަމްހާ ވިދާޅުވި އެވެ.

އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެ ހުރިހާ ކަމަކީ ވެސް އެ އޮފީހުން "ޒާތީ ގޮތުން" އޭނާއާ މެދު ބަހައްޓާ ތަފާތުކުރުންތަކެކެވެ. މީގެ ކުރިން އެ އޮފީހުގެ އެހެން ބައެއް މެމްބަރުން ދަރިން ގޮވައިގެން އޮފީހަށް ދާ ކަމަށާއި އެކަމަކު ކުރިން އެކަން މަނާ ނުކުރާ ކަމަށް ވިދާޅުވި އެވެ. އަދި އެތަނުގެ އެހެން މުވައްޒަފުންނަށް ވަޒީފާގެ ލުއިތައް ހަމަޖައްސައިދީފައި ހުއްޓަސް، އޭނާއަށް އެ ފުރުސަތު ނެތެވެ.

ހަތް މެމްބަރުން ތިއްބަވާ ޓްރައިބިއުނަލުގައި ފަސް މެމްބަރުންނަކީ އަންހެނުންނެވެ. ރައީސް އަކީ ވެސް އަންހެން ބޭފުޅެކެވެ. މިދިޔަ އަހަރުން ފެށިގެން، އެ އޮފީހުގެ މާހައުލު ގޯސްވެ، ރައީސް އޮފީހަށް ވެސް އެކި ފަހަރު މަތިން މެމްބަރުން ހާޒިރުކޮށްފައިވާ ކަމަށް ޝަމްހާ ވިދާޅުވި އެވެ.

"ވަޒީފާގެ ހައްގު ހޯދައިދޭ ތަނުން ވަޒީފާގައި އަޅުގަނޑާ މެދު ތަފާތުކޮށްފައި މި އޮތީ،" އޭނާ ވިދާޅުވި އެވެ.