Roadha Mihaaru
ފަޅުރަށެއްގައި ބަޔަކު ވެލާ ހިފި މައްސަލައެއް ބަލަނީ

ބ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު ވެލާތަކެއް ހިފައި ކައްކަން އުޅުނު މައްސަލައެއް ބަލަނީ

04 ފެބުރުއަރީ 2023

ބ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫގައި ބަޔަކު ވެލާތަކެއް ފަޅައި، ކައްކަން އުޅުނު މައްސަލައެއް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫގައި ބަޔަކު ވެލާތަކެއް ފަޅައި، ކައްކަން އުޅުނު މައްސަލައެއް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރެވެ. އެހެންވެ، އެ ރަށަށް ފުލުހުން ގޮސް އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތު އީޕީއޭ އާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކަމަކު އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.

އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި މި ވަގުތު އީޕީއޭ އާއި ފުލުހުންގެ ޓީމެއް ވެސް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާ ކުރުން ވަނީ މަނާކޮށްފަ އެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި އެ ކައި ހަދާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެ އެވެ.