Roadha Mihaaru
ވެލާ އަރާ ގާދޫ ބެލެހެއްޓުމަށް އެއްބަސްވުމެއް ހަދައިފި

ވެލާ އަރާ ގާދޫ ބެލެހެއްޓުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއް ހަދައިފި

14 ޖޫން 2023

ރާއްޖޭގައި އެންމެ ގިނައިން ވެލާ އަރާ އެއް ރަށް ކަމަށްވާ ލ. ގާދޫގެ ވެލާހޭޅި ބަލަހައްޓައި ރައްކާތެރިކުރުމުގެ މަސައްކަތްކުރުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއް މިއަދު ހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި އެންމެ ގިނައިން ވެލާ އަރާ އެއް ރަށް ކަމަށްވާ ލ. ގާދޫގެ ވެލާހޭޅި ބަލަހައްޓައި ރައްކާތެރިކުރުމުގެ މަސައްކަތްކުރުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއް މިއަދު ހަދައިފި އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެޖެންސީ އާއި ރާއްޖޭގައި ވެލާކަހަނބު ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ، އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) ގުޅިގެން، ގާދޫގެ ވެލާހޭޅި ސަރަހައްދު ބަލަހައްޓައި ހިމާޔަތްކުރުމުގެ ގޮތުން ލ. އަތޮޅު ކައުންސިލާއި އެ އަތޮޅު ފޮނަދޫ ކައުންސިލް އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ގާދޫގައި ވެލާކަހަނބު ބިސްއަޅާ މިންވަރާއި ބިސްވަޅުތަކުން ބިސް ވަގަށް ނަގާ މިންވަރު ދިރާސާކޮށް، ވެލާކަހަނބާ މެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ މުވައްޒަފެއް ވެސް ހުންނާނެ ކަމަށް އީޕީއޭ އިން ބުންޏެވެ. ލ. އަތޮޅުގައި ވެލާކަހަނބާ ބެހޭ ތައުލީމާއި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފޮނަދޫ އަދި ގަމަށް ހާއްސަކޮށްގެން ހިންގުމަށް ރޭވިފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން؛

• ގާދޫގައި ވެލާ ހިފުމާއި ވެލާ ބިސް ނެގުން ހުއްޓުވުމަށް ރައްޔިތުންނާއެކު ހާއްސަ މަސައްކަތްތަކެއްކޮށް، ތިމާވެށީގެ ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ މަސައްކަތް ކުރާނެ.

• އީޕީއޭ އާއި އޯއާރުޕީގެ ފަރާތުން ޒަމާނުއްސުރެ ގާދޫގައި ވެލާހޭޅި ބަލަހައްޓަމުން އައި ގޮތުގެ ތާރީހީ ދިރާސާއެއްކުރާނެ.

• ގާދޫގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓައި މެނޭޖުކުރުމުގައި އެ ރަށުގެ ކުރީގެ ރަށްވެހިންގެ ހިޔާލު ވެސް ހޯދާނެ.

ލ. ގާދޫގެ އަތިރިމަތީގައި އޮތް ކުޑަ ވެލައެއް: ވެލާ އަރާ ގާދޫ ބެލެހެއްޓުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއް ވަނީ ހަދައިފައި.-- ފޮޓޯ: ލިއޭނާ ކްރޯލީ

ލ. ގާދޫގެ އަތިރިމަތީގައި އޮތް ކުޑަ ވެލައެއް: ވެލާ އަރާ ގާދޫ ބެލެހެއްޓުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއް ވަނީ ހަދައިފައި.-- ފޮޓޯ: ލިއޭނާ ކްރޯލީ

އީޕީއޭ އިން ބުނީ މިއީ ޔޫއެންޑީޕީގެ "ޖެފް ސްމޯލް ގްރާންޓްސް" އާއި ލ. އަތޮޅު ސިކްސް ސެންސަސް ރިސޯޓްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ގާދޫގައި ކުރިން ދިރިއުޅުނު މީހުން 2015 ވަނަ އަހަރު ފޮނަދު އަށް ބަދަލުކުރި ހިސާބުން ފެށިގެން އެ ރަށް ބަލަހައްޓަމުން އައީ ލ. އަތޮޅު ކައުންސިލާއި އަތޮޅުގެ ބައެއް ޖަމިއްޔާތައް ގުޅިގެންނެވެ. ނަމަވެސް 2021 ވަނަ އަހަރު އެ ރަށް ވަނީ ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފެއްދި ކުންފުނި، އެގްރޯ ނެޓަށް ދީފަ އެވެ.

އެ ރަށުގެ ތިމާވެށީގެ ހާއްސަ ސިފަތަކާއި ތާރީހީ ހާއްސަ ކަމަށް ރިއާޔަތްކޮށް ރަށުގެ ވެލާހޭޅި އާއި ވަށައިގެންވާ މޫދުވިނައިގެ ސަރަހައްދާއި އެ ރަށުގެ ކުޅީގެ ސަރަހައްދު ވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ އަހަރު ޑިސެމްބަރު 23 ގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް ކަނޑައަޅައިފަ އެވެ.

އޯއާރުޕީން 2018-2019 އަހަރު ކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، އެ މުއްދަތުގައި ގާދުއަށް 130 އަށް ވުރެ ގިނަ ވެލާ ބިސް އެޅުމަށް އެރި އެވެ.