Roadha Mihaaru
30 މީހުން ހަމަވެއްޖެ ނަމަ ރިސޯޓުތަކުގައި ވޯޓުލެވޭނެ

ރިސޯޓުތަކުގައި 30، ބޭރު ގައުމެއްގައި 150 މީހުން ތިބި ނަމަ ވޯޓުފޮށި ބަހައްޓާނެ

06 ފެބުރުއަރީ 2023

ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓުލުމަށް މަދުވެގެން 30 މީހުން އަދި ބޭރު ގައުމެއްގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓަރީ ކޮށްފި ނަމަ އެ ތަނެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓުލުމަށް މަދުވެގެން 30 މީހުން އަދި ބޭރު ގައުމެއްގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓަރީ ކޮށްފި ނަމަ އެ ތަނެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާރު" އަށް މިއަދު ވިދާޅުވީ ރިސޯޓުތަކުގައި ވޯޓުފޮށި ނުބަހައްޓާ ނަމަ އެހެން ރަށަކަށް ދަތުރުކުރުމަށް ފަހު، ވޯޓު ލުމަކީ ފަސޭހައެއް ނުވާނެ ކަމަށެވެ. އަދި ރާއްޖެ އިން ބޭރުގައި ތިބޭ މީހުންނަށް ވޯޓު ދިނުމުގެ ފުރުސަތު ފަހިކޮށްދޭއިރު، ރިސޯޓުތަކުގެ މުވައްޒަފުންނަށް ވޯޓު ދިނުމަކީ ހައްގެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ، އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވީހާ ވެސް ގިނަ ބަޔަކު ވޯޓު ލުމުގެ ފުރުސަތު ދިނުމަށް 30 މީހުން ރަޖިސްޓަރީ ކޮށްފި ނަމަ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމީ ކަމަށް އޭނާ ވިދާޅުވީ އެވެ.

މިއީ، ރިސޯޓުތަކުގައި ވޯޓުލުމަށް އެންމެ މަދު ބަޔަކު ރީ-ރަޖިސްޓްރޭޝަން ކޮށްގެން ވޯޓުފޮށި ބަހައްޓާ ފަހަރެވެ. މީގެ ކުރިން، އެ އަދަދު ގެންގުޅުނީ 50 އަދި 100 އިގަ އެވެ.

ހަބީބު ވިދާޅުވިގޮތުގައި، ރީ-ރަޖިސްޓްރޭޝަނަށް 30 މީހުން ހަމަވިޔަސް ރިސޯޓުތަކުން ހަމަޖައްސަންޖެހޭ އިންތިޒާމުތަކެއް ހުންނާނެ އެވެ. މުވައްޒަފުންނަށް ފަސޭހައިން ވޯޓު ލެވޭނެ ގޮތާއި އޮފިޝަލުންނަށް ވުމަށް ބައެއް މުވައްޒަފުން ހަމަޖެއްސުން ހިމެނެ އެވެ.

"އިލެކްޝަންސް އިން މަދުވެގެން 2-3 އޮފިޝަލުން ދާނެ ރިސޯޓަށް. އިތުރަށް 3-4 އޮފިޝަލުން ހަމަޖައްސަން ޖެހޭނީ ރިސޯޓުން. އެ އޮފިޝަލުންނަށް ތަމްރީނާއި އެލަވަންސް ދޭނެ،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ 150 މީހުން ހަމަވާ ގައުމުތަކުގައި އަދި ރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުންނަ ނަމަ އެވެ.

ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރަޖިސްޓަރީކުރަން އަންނަ ޖުލައި 16 އިން އޮގަސްޓް 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެ އިންތިހާބުގެ އެކި މަސައްކަތްތަކަށް 265 މުވައްޒަފުން ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.