Roadha Mihaaru
އިންތިހާބުގެ އޮފިޝަލުންނަށް ވާން ހުށަހެޅީ 1000މީހުން

އިންތިހާބުގެ އޮފިޝަލުންނަށް ވުމަށް ހުށަހެޅީ 1،000 މީހުން، އިތުރަށް 4،600 ބޭނުންވޭ

02 މެއި 2023

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް މިހާތަނަށް ފޯމު ހުށަހެޅީ 1،000 މީހުން ކަމަށާއި އަދި 4،600 މީހުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް މިހާތަނަށް ފޯމު ހުށަހެޅީ 1،000 މީހުން ކަމަށާއި އަދި 4،600 މީހުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އީސީ އަށް 5،600 އޮފިޝަލުން ބޭނުންވެ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "މިހާރު" އަށް ވިދާޅުވީ އިންތިހާބުގެ އޮފިޝަލަކަށް ވުމުގެ ފޯމު އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.

އިންތިހާބުގައި އޮފިޝަލުންނަށް ދޭ މުސާރައިގެ ތަފުސީލް:

- ވޯޓުލާ މަރުކަޒުގެ ވެރިއާ އަށް 1،500ރ.

- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ އަށް 1،200ރ.

- ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް 1،000ރ.

- ރިޒާވް އޮފިޝަލަށް 500ރ.

އެ ފައިސާ ދޭނީ ހަމައެކަނި ވޯޓުލާ ދުވަހު އެވެ. މުސާރައިގެ އިތުރުން ވޯޓުލާ ދުވަހުގެ ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސާނެ އެވެ. ވޯޓުލާ މަރުކަޒުގެ ވެރިއަކަށް ހަމަޖައްސައިފި ނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100ރ. ލިބޭނެ އެވެ. އީސީން ވަނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އެކި ރަށްރަށުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 80 މީހުން ހޯދަން ވެސް އިއުލާނު ކޮށްފަ އެވެ.

އޮފިޝަލަކަށް ވުމަށް ފޯމު ހުށަހަޅާނީ އޮންލައިންކޮށް އެޕްލިކޭޝަން މެދުވެރިކޮށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އީސީން ހުޅުވައިލާނީ ޖުލައި 25 ގަ އެވެ. ސުންގަޑިއަކީ އޮގަސްޓް 13 އެވެ.