Roadha Mihaaru
ރިޔާސީ އިންތިހާބު: އިންޓަވިއު އަށް 150 މީހުން!

ވަގުތީ މުވައްޒަފުންގެ އެއްބަސްވުން މަޖިލިހުގެ އިންތިހާބާ ހަމައަށް އިތުރު ކުރަން މަޝްވަރާ ކުރަނީ

20 މެއި 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވާލާ ޓާސްކް ފޯހަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިއަދު ފެށި އިންޓަވިއު އަށް މިރޭގެ ނިޔަލަށް ދިޔައީ 150 އެއްހާ މީހުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި އަހަރުގެ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވާލާ ޓާސްކް ފޯހަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިއަދު ފެށި އިންޓަވިއު އަށް މިރޭގެ ނިޔަލަށް ދިޔައީ 150 އެއްހާ މީހުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބީ މައި މަރުކަޒު ކަމަށް ކަނޑައަޅާފައިވާ ދަރުބާރުގޭގައި އެ އިންޓަވިއުތައް ތާވަލް ކޮށްފައި ވަނީ މިއަދުން ފެށިގެން މާދަމާ ރޭގެ 10 ޖަހަންދެންނެވެ. މާދަމާ ވެސް އިންޓަވިއުތައް ފަށާނީ ހެނދުނު 10 ޖަހާއިރެވެ. އިންޓަވިއު އަށް ދާއިރު އައިޑީ ކާޑާއި ވަޒީފާތަކުގެ ތަޖުރިބާ އާއި ސެޓްފިކެޓްތައް ގެންދަން ޖެހެ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިރޭގެ 8 ޖެހުމާ ހަމައަށް އިންޓަވިއު އަށް ދިޔައީ 150 އެއްހާ މީހުން ކަަމަށާއި އިންޓަވިއު ބާއްވަނީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި އިންޓަވިއު އަދި ޓެސްޓާ އެކު ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ އަދި މާދަމާ މި އަށް ވުރެ ތަރުހީބު ރަނގަޅު ވާނެ ކަމަށް. މާދަމާ ޕިކަޕެއް މާލެ ތެރެއަށް ނެރެ އިތުރަށް އިޝްތިހާރު ވެސް ކުރާނަން،" ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް އީސީން އެކުލަވައިލާ ޓާސްކް ފޯހުގެ އިންޓަވިއު އަށް މިއަދު ދިޔަ ބަޔަކަށް މައުލޫމާތު ފޯމެއް ފުރަނީ.---ފޮޓޯ: އީސީ

ރިޔާސީ އިންތިހާބަށް އީސީން އެކުލަވައިލާ ޓާސްކް ފޯހުގެ އިންޓަވިއު އަށް މިއަދު ދިޔަ ބަޔަކަށް މައުލޫމާތު ފޯމެއް ފުރަނީ.---ފޮޓޯ: އީސީ

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ޓާސްކްފޯހުގެ އިތުރުން އިންތިހާބަށް އޮފިޝަލުންގެ ގޮތުގައި ވެސް މުވައްޒަފުން ނެގުމަށް ވަނީ ނިންމައިފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި ޓާސްކް ފޯހަށް 296 މުވައްޒަފުން ބޭނުންވެ އެވެ. އޮފިޝަލުންގެ ގޮތުގައި ނަގަނީ 6،000 މީހުންނެވެ.

ޓާސްކް ފޯހަށް މުވައްޒަފުން ނަގާ މަގާމުތައް:

- ސޮފްޓްވެއާ ޑިވެލޮޕަރުން.

- އެސިސްޓެންޓް މާސްޓަ ޓްރެއިނަރުން.

- މެނޭޖަރުން.

- ގްރެފިކް ޑިޒައިނަރުން.

- ސީނިއާ އޮފިސަރުން / މީޑިއާ.

- ސީނިއާ އޮފިސަރުން.

- ޓެކް އޮފިސަރުން.

- މަސައްކަތު މީހުން.

- އޮފިސަރުން.

އެ މަގާމުތަކަށް މުވައްޒަފުންނާ އެކު އެއްބަސްވުން ހަދަން އީސީން ކުރިން ނިންމާފައި އޮތީ ރިޔާސީ އިންތިހާބުގެ ނިޔަލަށެވެ.

އެކަމަކު، ކޮމިޝަންގެ ހެޑް އޮފް ހިއުމަން ރިސޯސަސް، ފާތިމަތު ސައުޝަން މިރޭ ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމެންދެން އެއްބަސްވުން އިތުރު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ރިޔާސީ އިންތިހާބު ނިމުމާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާނަން. އެެހެންވެ، އިންތިހާބަށް މި ފަހަރު ނަގާ މުވައްޒަފުންނާ އެކު އެ މުއްދަތަށް ކޮންޓްރެކްޓް ހެދުމުގެ ފުރުސަތު އެބައޮތް،" ސައުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ފަހަރު މުވައްޒަފުން ނަގަނީ އެކި ފެންވަރުގެ މަސައްކަތް ހިމެނޭ މަގާމުތަކަށް ކަމަށް ވުމުން ކޮންމެ މަގާމަކަށް ދޭ މުސާރަ ތަފާތު ވާނެ ކަމަށެވެ. އަދި ވިދާޅުވީ މުސާރައިގެ އިތުރުން، އިތުރު ގަޑީގެ ފައިސާ ވެސް އެ މުވައްޒަފުންނަށް ދޭނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން އީސީން ނިންމާފައި ވަނީ ޖުލައި 23 އިގަ އެވެ. ކެންޑިޑޭޓުން ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް ތިނެކެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު އިއުލާން ކުރާނީ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. ކެމްޕެއިން ކުރުމުގެ މުއްދަތަކީ އޮގަސްޓް 10 އިން ސެޕްޓެމްބަރު 8 އެވެ.