Roadha Mihaaru
2017 ގައި މެދުއިރުމަތީގެ މިސްރާބަކީ ކޮބާ؟

2017 ގައި މެދުއިރުމަތީގެ މިސްރާބަކީ ކޮބާ؟

18 ޖެނުއަރީ 2017

ޒަމާނުއްސުރެ ސަރަހައްދީ ކޯޅުންގަނޑެއްގެ ތެރޭގައި އޮތް މެދުއިރުމަތި، 2016 ވަނަ އަހަރަށް އަލްވަދާއު ކީ އަނދަމުން ދިޔަ އަލިފާންގަނޑުގެ ތެރެއަށް އިތުރަށް ދަރު އަޅާ ހާލުގަ އެވެ. އެހެންކަމުން 2017 ވަނަ އަހަރާ ކުރިމަތިލި އިރު، މެދުއިރުމަތީގެ ކޯޅުންގަނޑު އޮތީ އިޒްރޭލާއި ފަލަސްތީނުގެ އިން ފަހަނަޅައި އިތުރު ހަތަރު ގައުމަކަށް ފެތުރިފަ އެވެ. އިރާގާއި ސީރިޔާގެ އިތުރުން ލީބިޔާ އާއި ޔަމަނަށެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ޒަމާނުއްސުރެ ސަރަހައްދީ ކޯޅުންގަނޑެއްގެ ތެރޭގައި އޮތް މެދުއިރުމަތި، 2016 ވަނަ އަހަރަށް އަލްވަދާއު ކީ އަނދަމުން ދިޔަ އަލިފާންގަނޑުގެ ތެރެއަށް އިތުރަށް ދަރު އަޅާ ހާލުގަ އެވެ. އެހެންކަމުން 2017 ވަނަ އަހަރާ ކުރިމަތިލި އިރު، މެދުއިރުމަތީގެ ކޯޅުންގަނޑު އޮތީ އިޒްރޭލާއި ފަލަސްތީނުގެ އިން ފަހަނަޅައި އިތުރު ހަތަރު ގައުމަކަށް ފެތުރިފަ އެވެ. އިރާގާއި ސީރިޔާގެ އިތުރުން ލީބިޔާ އާއި ޔަމަނަށެވެ.

މި ކޯޅުންތައް ހިނގަނީ މެދުއިރުމަތީގެ އަރަބި ގައުމުތަކުގައި ކަމަށް ވިޔަސް، މި ކޯޅުންތަކުގެ ނުސީދާ އަސަރު މުޅި ދުނިޔެ އަށް ދަނީ ފޯރަމުންނެވެ. ޓެރަރިޒަމްގެ ނުރައްކާތެރި ވިއުގައިގެ ތެރެއިން މުޅި ދުނިޔެ މިހާރު ވަނީ އަރަބި ދުނިޔޭގައި ހިނގާ ހަނގުރާމަތަކާ ގުޅިފަ އެވެ. އަދި ރެފިއުޖީންގެ ސަބަބުން އަވައްޓެރި އެހެން ގައުމުތަކަށް ދަނީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ.

މި ދެންނެވި ހަތަރު ގައުމުގައި ހިނގާ ހަނގުރާމަ އިން ފާހަގަ ކޮށްލެވޭ އެއް ކަމަކީ، މިއިން ކޮންމެ ހަނގުރާމައެއްގައި ވެސް ވަކި އެއް ބަޔަކު ބައިވެރިވާ ކަމެވެ. އިސްލާމީ ދައުލަތް (އައިއެސް)ގެ ނަމުގައި އަރަބި ގައުމުތަކުގައި އުފެދިގެން އުޅޭ ޓެރަރިސްޓް ޖަމާއަތެވެ.

އިޒްރޭލުގެ އުދުވާނީ ހަމަލާގައި ޝަހީދު ކޮށްލި ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ޖަނާޒާގައި އިއްޔެ އެތައް ހާސް ބަޔަކު ބައިވެރިވަނީ. --ޖަޒީރާ

އިޒްރޭލުގެ އުދުވާނީ ހަމަލާގައި ޝަހީދު ކޮށްލި ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ޖަނާޒާގައި އިއްޔެ އެތައް ހާސް ބަޔަކު ބައިވެރިވަނީ. --ޖަޒީރާ

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަށް މި އަހަރުގެ ތެރޭގައި ވެސް އީޖާބީ ކުރިއެރުމެއް އަންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އެއީ އަންނަ ހުކުރު ދުވަހު އެމެރިކާގެ ރިއާސަތާ ހަވާލުވާ ޑޮނަލްޑް ޓްރަމްޕުގެ ހަރުކަށި ސިޔާސަތާއި އިޒްރޭލާ މެދު ހިތުގައި ކަނު ލޯތްބެއްގެ ސަބަބުންނެވެ. ކޮންމެ ފިޔަވަޅެއް އަޅައިގެން ވެސް އިޒްރޭލު ރުއްސުމަކީ ޓްރަމްޕުގެ ސިޔާސަތު ކަމަށް ވެއްޖެ ނަމަ، މިއަހަރަކީ ފަލަސްތީނު އިޒްރޭލު މައްސަލަ އިތުރަށް ގޯސްވާނެ އަހަރެކެވެ.

ދެން އޮތީ އަރަބި އެހެން ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ހާއްސަ ގޮތެއްގައި ފާހަގަ ކޮށްލަން ޖެހެނީ ސީރިޔާގައި ކުރަމުންދާ ހަނގުރާމަ އެވެ. ޔަމަނާއި އިރާގާއި ލީބިޔާގައި ކުރަމުންދާ ހަނގުރާމައާ، ސީރިޔާގެ ހަނގުރާމަ މުޅިން ތަފާތެވެ.

ސީރިޔާގައި ވެސް ކުރަނީ ދާޚިލީ ހަނގުރާމައެކެވެ. ނަމަވެސް މިއަދު އެ ގައުމަކީ ދުނިޔޭގެ އެންމެ ބޮޑު ދެ ބާރުން، އެ ބައެއްގެ ކުޅަދާނަ ކަމާއި ހެވިކަމުގެ ހުނަރު ދައްކަމުންދާ ހަނގުރާމައިގެ މައިދާނެކެވެ. ސީރިޔާ ސަރުކާރުގެ ދިފާއުގައި ރޫސީ ވިލާތް ހަނގުރާމަ ކުރަމުންދާ އިރު، ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ގޮތުން ހަނގުރާމަ ކުރަމުން ދަނީ އެމެރިކާ އާއި ނޭޓޯގެ ބައެއް ގައުމުތަކެވެ.

ސީރިޔާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކު ރެފިއުޖީ ފޭލިގެތަކެއްގައި. --ފޮޓޯ އަލް ޖަޒީރާ

ސީރިޔާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކު ރެފިއުޖީ ފޭލިގެތަކެއްގައި. --ފޮޓޯ އަލް ޖަޒީރާ

މީގެ އިތުރުން ސީރިޔާ އާއި ޔަމަނާއި އިރާގުގައި ހިނގާ ހަނގުރާމައަކީ އިސްލާމީ މުޖްތަމައުގެ ބޮޑު ކަންބޮޑުވުމަކަށް ވާ އިތުރު އެހެން ސަބަބެއް އެބަ އޮތެވެ. އެއީ މި ތިން ގައުމުގެ ހަނގުރާމައިގެ ނާރެހަކީ ދީނީ އަދި މަޒްހަބީ ޚިލާފުތަކަކަށް ވުމެވެ. ސުންނީންނާއި ޝީއީންނާ ދެމެދު ކުރެވޭ ހަނގުރާމަކަށް ވުމެވެ.

ސީރިޔާ ސަރުކާރުގެ ދިފާއުގައި ޝީއީންގެ އެންމެ ބޮޑު ގައުމު ކަމަށްވާ އީރާން ބައިވެރިވެ އެވެ. ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވަނީ ސައޫދީގެ އިސްނެގުމުގެ މަތިން ސުންނީ އަރަބި ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރެވެ. ޔަމަންގެ އިދިކޮޅު ހޫތީ ހަނގުރާމަވެރިންނާ އެކުގައި އީރާން ބައިވެރިވެ އެވެ. ޔަމަން ސަރުކާރަށް ވާގިވެރިވުމުގައި ސައޫދީގެ ޒައާމަތުގައި ސުންނީ އަރަބި ގައުމުތައް ބައިވެރިވެ އެވެ.

ވޭތުވެ ދިޔަ އަހަރުތަކެކޭ ވެސް އެއް ގޮތަށް މި އަހަރު ވެސް މެދުއިރުމަތީގެ ސުލްހަ އަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުން ދާނެ އެވެ. ޓްރަމްޕުގެ ސަރުކާރުން ވެސް ކޮންމެވެސް މަސައްކަތްތަކެއް ކުރާނެ އެވެ. އޭގެ އިތުރުން މެދުއިރުމަތީގެ ސުލްހައިގައި އިސް ދައުރެއް އަދާ ކުރާނެ ކަމަށް ބެލެވެނީ، އައިއެސް ޖަމާއަތުގެ އަމާޒަކަށް ވެފައިވާ ފަރަންސޭސި ވިލާތެވެ.

ޔަމަންގެ އިދިކޮޅު ހޫތީ ހަނގުރާމަވެރިންނަށް ހަަމަލާ ދިނުމަށް ޔަމަން ސަރުކާރުގެ ސިފައިންގެ މީހަކު ބޮޑުބަޑިއެއް ކައިރީގައި ތައްޔާރީ ހާލަތުގައި. --އަލް ޖަޒީރާ

ޔަމަންގެ އިދިކޮޅު ހޫތީ ހަނގުރާމަވެރިންނަށް ހަަމަލާ ދިނުމަށް ޔަމަން ސަރުކާރުގެ ސިފައިންގެ މީހަކު ބޮޑުބަޑިއެއް ކައިރީގައި ތައްޔާރީ ހާލަތުގައި. --އަލް ޖަޒީރާ

ރޫސީ ވިލާތުގެ މޮސްކޯގައި ސުލްހައިގެ މަޝްވަރާތަކެއް ފެށުމަށް ވަރަށް ފަހުން ވެސް ރޫސީ ވިލާތުން ވަނީ ފަލަސްތީނާއި އިޒްރޭލުގެ ވެރިންނާ އެކު ވާހަކަތަކެއް ދައްކައިފަ އެވެ. އިސްލާމި ދުނިޔެއެކޭ އެއްފަދައިން ހުޅަނގުގެ ގައުމުތަކުން ވެސް ގަބޫލުކުރާ ގޮތުގައި މެދުއިރުމަތީގެ ކޯޅުންތަކަށް ހައްލެއް ގެނެސް، ބައިނަލްއަގުވާމީ މުޖްތަމައަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތައިލަން ބޭނުމިއްޔާ ފުރަތަމަ ހައްލު ކުރަންޖެހޭނީ ފަލަސްތީނުގެ މައްސަލަ އެވެ.

ވެއަތުވެ ދިޔަ ތަޖުރިބާ އަށް ބަލާއިރު ފަލަސްތީނު މައްސަލަ އަށް ހައްލެއް ހޯދަން ބޭނުން ނަމަ، އަރަބި ގައުމުތަކުން އިސް ނަގައިގެން ބާއްވާ ސުލްހައިގެ ވާހަކަތަކެއް ކާމިޔާބު ވޭތޯ ބެލުން މުހިންމެވެ. އެހެނީ މިހާތަނަށް ބޭއްވި ސުލްހައިގެ ވާހަކަތަކުން ވެސް އެންމެ ބޮޑު ތަރުހީބެއް ލިބުނީ، ސައޫދީ އަރަބިއްޔާގެ އަބްދުﷲ ރަސްގެފާނު އިސްނަންގަވައިގެން 2002 ވަނަ އަހަރު ބޭއްވި ސުލްހައިގެ މަޝްވަރާތަކެވެ.

ޖެނުއަރީ 20، 2017 ގައި އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު: ބައިނަލްއަގުވާމީ މުޖްތަމައުގެ ގޮވުންތައް އަޑު އިވޭކަމަކަށް ނުވޭ. ޖަޒީރާ

ޖެނުއަރީ 20، 2017 ގައި އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު: ބައިނަލްއަގުވާމީ މުޖްތަމައުގެ ގޮވުންތައް އަޑު އިވޭކަމަކަށް ނުވޭ. ޖަޒީރާ

ލީބިޔާ، އިރާގު އަދި ސޫރިޔާ އާއި ޔަމަންގައި ހިނގާ ހަނގުރާމަ ހުއްޓައިލަން އެދޭ ނަމަ، ބައިނަލްއަގުވާމީ މުޖްތަމައުން ފުރަތަމަ ކުރަންޖެހޭ ކަމަކީ އިޚްލާސްތެރި ނިޔަތަކާ އެކު ގުޅިފައިވާ ގޮތެއްގައި ޓެރަރިޒަމާ ކުރިމަތިލައި ޓެރަރިސްޓް ޖަމާއަތްތައް ނައްތައިލުމެވެ. ޓެރަރިސްޓް ޖަމާއަތްތައް ނައްތައިލެވުނަސް، މި ގައުމުތަކަށް ހަމަޖެހުމެއް އަންނާނީ، އެ ގައުމުތަކުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ކުރެވޭ ސުލްހައިގެ މަޝްވަރާތަކުން ހޯދޭ ސިޔާސީ ހައްލަކުންނެވެ.

މިއިން އެއްވެސް ގައުމެއްގައި މިހާރު އުފެދިފައިވާ ކޯޅުމަށް ޖާގައެއް ދިނުމުގެ ބަދަލުގައި ގައުމީ އެއްބައިވަންތަކަން ގަބޫލު ކުރެވިގެން މެނުވީ ހަމަޖެހުމެއް ނުހޯދޭނެ އެވެ. އިރާގުގައި ޝީއީންނާއި ސުންނީންނާއި ކުރުދީން ކުރެ ކޮންމެ ބަޔަކަށް ވަކި ވެރިކަމެއް ގާއިމުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޔަމަންގައި ހޫތީންނަށް ވަކި ވެރިކަމެއް ގާއިމެއް ނުކުރެވޭނެ އެވެ. ލީބިޔާގައި ގައްޒާފީގެ ސަޕޯޓަރުންނަށް ވަކި ވެރިކަމެއް އިދިކޮޅު ހަނގުރާމަވެރިންނަށް ވަކި ވެރިކަމެއް ގާއިމެއް ނުކުރެވޭނެ އެވެ. ހަމަ އެ ފަދައިން ސޫރިޔާގައި އައިއެސް ޖަމާއަތަށް، ޝީއީންނަށް އަދި ސުންނީންނަށް ވަކި ދައުލަތެއް އުފެއްދުމުގެ ޚިޔާލު ދޫކޮށްލަން ޖެހެ އެވެ.