Roadha Mihaaru
ކަރީމްގެ ރެކޯޑް މުގުރާލައި ލެބްރަން އެންމެ އުހަށް

ކަރީމްގެ ރެކޯޑް މުގުރާލައި ލެބްރަން އެންމެ އުހަށް

08 ފެބުރުއަރީ 2023

މުގުރާނުލެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބި، އެމެރިކާގެ ބާސްކެޓްބޯޅަ ލީގު (އެންބީއޭ) ގައި އެންމެ ގިނަ ޕޮއިންޓް އެޅުމުގެ ރެކޯޑް ލޮސް އެންޖެލްސް ލޭކާސްގެ ލެބްރަން ޖޭމްސް މިއަދު މުގުރާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މުގުރާނުލެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބި، އެމެރިކާގެ ބާސްކެޓްބޯޅަ ލީގު (އެންބީއޭ) ގައި އެންމެ ގިނަ ޕޮއިންޓް އެޅުމުގެ ރެކޯޑް ލޮސް އެންޖެލްސް ލޭކާސްގެ ލެބްރަން ޖޭމްސް މިއަދު މުގުރާލައިފި އެވެ.

އެމެރިކާގެ ކުރީގެ ކުޅުންތެރިޔާ ކަރީބް އަބްދުލް-ޖައްބާރު 38،387 ޕޮއިންޓް އަޅައިގެން ހެދި ރެކޯޑް ލެބްރަން މުގުރާލީ، އޮކްލަހޯމާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ތިން ވަނަ ކުއާޓާރުގެ ފަހުކޮޅު ވައްޓާލި ޕޮއިންޓުންނެވެ.

ލެބްރަން އޭނާގެ 20 އަހަރުވީ ކެރިއަރުގައި 38،387 ވަނަ ޕޮއިންޓް ވައްޓާލި މަންޒަރު ބަލަން، ކަރީމް ކޯޓުގައި ހުއްޓެވެ. އަދި ލެބްރަންގެ ކާމިޔާބީ ފާހަގަކުރަން ހިނދުކޮޅަކަށް މެޗު މެދުކަނޑާލުމުން، އޭނާ އަށް އެންމެ ކުރިން މަރުހަބާ ވީ ވެސް ކަރީމް އެވެ.

ކަރީމް 1560 މެޗުން ހެދި ރެކޯޑް ލެބްރަން މި މުގުރާލީ 1410 މެޗުންނެވެ. ލެބްރަން ވަނީ ކަރީމްގެ ހާޒިރުގައި އެ ރެކޯޑް މުގުރާލެވުމުން އެކަމާ ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.

"މި 20 އަހަރު އަހަރެންނާ އެކު މި ދަތުރުގައި ބައިވެރިވި އެންމެންނަށް ބުނެލަން އޮތީ ޝުކުރިއްޔާއޭ ސަބަބަކީ ތި އެންމެންގެ އެހީ ނެތި އަހަންނަށް މިހިސާބަށް ނާދެވުނީސް،" ލެބްރަން ބުންޏެވެ.

ކަރީމް ކުޅުނު ދުވަސްވަރުގެ ފޮޓޯއެއް.

ކަރީމް ކުޅުނު ދުވަސްވަރުގެ ފޮޓޯއެއް.

ގޯލްޑަން ސްޓޭޓްގެ ކޯޗު ސްޓީވް ކެރް ބުނީ، ބާސްކެޓްބޯޅައިގެ ގޭމް ކުރިއަރާފައިވާ މި ޒަމާނުގައި އެއްވެސް ކުޅުންތެރިޔަކަށް ކަރީމްގެ ރެކޯޑް މުގުރާލެވިދާނެ ކަމަށް ހީނުކުރާ ކަމަށެވެ.

"މިއީ އާދަޔާހިލާފު ކާމިޔާބެއް،" އޭނާ ބުންޏެވެ. "އެންމެ 20 އަހަރުގެ ތެރޭގައި އެ ރެކޯޑް މުގުރާލުމުން އެނގެނީ ހަމައެކަނި ލެބްރަންގެ ހުނަރުވެރިކަމެއް ނޫން. އޭނާ އެއް ފެންވަރެއްގައި ގިނަ އަހަރުތަކެއްގައި ކުޅުނުކަން މި ސާބިތުވީ."

އެންބީއޭގެ ރަންޒަމާނުގައި 1969-1989 އަށް ކުޅުނު ކަރީމް އަތުން ރެކޯޑް ގެއްލުނަސް އޭނާ ވެފައިވަނީ އެ ރެކޯޑް އެންމެ ގިނަ ދުވަހު ދެމެހެއްޓި ކުޅުންތެރިޔާ އަށެވެ. މިލްވޯކީ ބަކްސް އާއި ލޮސް އެންޖެލްސް ލޭކާސް އަށް ކުޅުނު ކަރީމް އަކީ އެންބީއޭގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ ވެސް މެ އެވެ. އޭނާ ހަ ފަހަރު އެ މަގާމް ހޯދި އެވެ. އަދި އެންބީއޭގެ ޗެމްޕިއަންކަން ވެސް ހަ ފަހަރު ހޯދި އެވެ.

ލެބްރަން އާއި ކަރީމްގެ ފަހަތުން މި ލިސްޓުގެ ތިން ވަނައިގައި އޮތީ 36،928 ޕޮއިންޓް ހޯދި ކާލް މެލޯނޭ އެވެ. ހަތަރު ވަނައިގައި އޮތީ 2020 ވަނަ އަހަރު މަރުވި ކޯބީ ބްރަޔަން އެވެ. އޭނާ 33،643 ޕޮއިންޓް ހޯދާފައިވެ އެވެ. އަދި ފަސް ވަނައިގައި އޮތީ 32،292 ހޯދި މައިކަލް ޖޯޑަން އެވެ. އޭނާ އަކީ، ގިނަ ބަޔަކު ދެކޭ ގޮތުގައި ބާސްކެޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.