Roadha Mihaaru
ސީރިޔާ-ތުރުކީއަށް ރާއްޖެއިން އެއް މިލިއަން މަސް ދަޅު

ސީރިޔާ-ތުރުކީއަށް ރާއްޖެއިން އެއް މިލިއަން މަސް ދަޅު ހަދިޔާކުރަން ނިންމައިފި

10 ފެބުރުއަރީ 2023

ބިން ހެލުމުގައި ހާލުގައި ޖެހިފައިވާ ސީރިޔާ އަދި ތުރުކީއަށް ރާއްޖޭގެ ފަރާތުން އެއް މިލިއަން މަސް ދަޅު ހަދިޔާކުރަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިން ހެލުމުގައި ހާލުގައި ޖެހިފައިވާ ސީރިޔާ އަދި ތުރުކީއަށް ރާއްޖޭގެ ފަރާތުން އެއް މިލިއަން މަސް ދަޅު ހަދިޔާކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދެ ގައުމުގެ ރައީސުންނަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހިންގެ ފަރާތުން، ކޮންމެ ގައުމަކަށް 500،000 މަސް ދަޅާއެކު ޖުމުލަ އެއް މިލިއަން މަސް ދަޅު ހަދިޔާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރިއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އައި ބާރުގަދަ ބިން ހެލުމުގައި 20،000 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތުރުކީއަށެވެ.

އިމާރާތްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދި ވެސް ކުރަމުން އަންނައިރު، އެ ގައުމަށް އެހީތެރިކަން ދިނުމަށް އދ. އިން ވަނީ ގައުމުތަކަށް ގޮވާލައިފަ އެވެ. އެ ގޮވާލުމަށް އިޖާބަދިނުމަށް އެކި ގައުމުތަކުން އަންނަނީ ތުރުކީ އަދި ސީރިޔާއަށް އެހީތެރިކަން ދެމުންނެވެ.

އެންމެ ބޮޑު ގެއްލުމެއް ލިބުނު ތުރުކީގައި މި ވަގުތު 14 ދިވެހިން އެބަތިއްބެވެ. ނަމަވެސް، އެއިން އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސީރިޔާ-ތުރުކީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން އެއް މިލިއަން މަސް ދަޅު ހަދިޔާކުރަން ނިންމިއިރު، ކޮވިޑު ފެތުރި ޗައިނާ އަށް ކުރިމަތިވި ދަތި ހާލުގައި އެ ގައުމަށް އެހީވުމަށް ރާއްޖޭން އެ ގައުމަށް އެއް މިލިއަން މަސް ދަޅު ހަދިޔާކުރި އެވެ.