Roadha Mihaaru
ތުރުކީގައި 14 ދިވެހިން، އެންމެންގެ ހާލު ރަނގަޅު

ތުރުކީގައި 14 ދިވެހިން އެބަތިބި، އެންމެންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

09 ފެބުރުއަރީ 2023

ބާރުގަދަ ބިން ހެލުން އެރި ތުރުކީގައި މި ވަގުތު 14 ދިވެހިން އެބަތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބާރުގަދަ ބިން ހެލުން އެރި ތުރުކީގައި މި ވަގުތު 14 ދިވެހިން އެބަތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ ސަފާތު އަހުމަދު ޒާހިރު ވިދާޅުވީ، ތުރުކީ އަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އެރި ބާރުގަދަ ބިން ހެލުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

މިނިސްޓްރީ އަދި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި މިހާތަނަށް 14 ރަޖިސްޓަރީ ކޮށްފައި ވެ އެވެ. އެ މީހުންނަށް ގުޅައި ހާލު ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންވާ ނަމަ އެ މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅުމަށް އެދެ އެވެ. ތުރުކީގައި ތިބި މީހުންގެ ތެރެއިން ރަޖިސްޓަރީ ނުވާ މީހުން ވެސް ވީ އެންމެ އަވަހަކަށް ރަޖިސްޓަރީ ކުރުމަށް އެދުނެވެ.

ތުރުކީއަކީ މިހާރު ގިނަ ދިވެހިން ޗުއްޓީ ހޭދަކުރުމަށް އަންނަ ގައުމެކެވެ. އަދި މަތީ ތައުލީމު ހާސިލްކުރަން ވެސް ގޮސް އުޅެ އެވެ.

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިން ހެލުމުގައި މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިމާރާތްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދި ވެސް ކުރަމުން އަންނައިރު، އެ ގައުމަށް އެހީތެރިކަން ދިނުމަށް އދ. އިން ވަނީ ގައުމުތަކަށް ގޮވާލައިފަ އެވެ.