Roadha Mihaaru
މާލާގެ މައްސަލަ އިމިގްރޭޝަނުން ބަލައި ފިޔަވަޅު އަޅަނީ!

މާލާގެ މައްސަލަ އިމިގްރޭޝަނުން ބަލައި ފިޔަވަޅު އަޅަނީ!

14 ފެބުރުއަރީ 2023

ބީރު މީހުން ރަނގަޅުކޮށްދޭ ކަމަށް މަޝްހޫރު މާލާ އަލީއާ ގުޅޭ މައްސަލަ މޯލްޑިވްސް އިމިގްރޭޝަނުން ބަލައި އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބީރު މީހުން ރަނގަޅުކޮށްދޭ ކަމަށް މަޝްހޫރު މާލާ އަލީއާ ގުޅޭ މައްސަލަ މޯލްޑިވްސް އިމިގްރޭޝަނުން ބަލައި އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

އުފެދުމުގައި، އަދި އޭގެ ފަހުން ދިމާވި އެކި މައްސަލަތަކުގައި ވެސް ބީރުވެފައި ތިބި މީހުންނާއި މަންމަނު މީހުން ރަނގަޅު ކުރާ ކަމަށް މަޝްހޫރު އިރާގުގެ "ޑޮކްޓަރަކު" ރާއްޖެ އައީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. ނަމަވެސް، ހުއްދަ ނެތި ފަރުވާ ދިން ކަމަށް ބުނެ، ހެލްތު މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ. އެކަމަކު އޭރު ވަނީ އޭނާ ރާއްޖެ އިން ފުރައިގެން ގޮސްފަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) "މިހާރު" އަށް ވިދާޅުވީ، މާލާ އަށް ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. އެ ކަމުގެ ތަފުސީލް ނުދެއްވިޔަސް އެނގިފައިވާ ގޮތުގައި މާލާ އަށް ދެން ރާއްޖެ އެތެރެ ނުވެވޭނެ ގޮތް ހެދުމަކީ ވަރަށް ކައިރި ކަމެކެވެ.

ހެލްތް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ، އެ މިނިސްޓްރީގެ ހުއްދަ ނުނަގައި މާލާ ރާއްޖެ އައިސް ފަރުވާދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭނާ ރާއްޖެ އައުމުގައި ދިވެހިންތަކެއް ހިމެނޭތީ އެކަން ވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިންތަކެއްގެ ޝަމިލްވުން އޮތް ކަމަށް ބެލެވެނީ. އެ ކަމުގައި ދިވެއްސަކު ޝާމިލުވެފައި ވޭތޯ ބަލައި، އޮތް ނަމަ ފިޔަވަޅު އަޅާނެ. އޭނާ އަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް މިހާރު ވާނީ އިމިގްރޭޝަނަށް ވެސް ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.

މާލާ ރާއްޖެ އައިސް ފަރުވާދިން އެއްވެސް މީހަކު ރަނގަޅު ނުވާ ކަމަށް އެ އާއިލާތަކުން ބުނެފައި ވެ އެވެ.

މާލާ އަކީ މިގޮތަށް މީހުންނަށް ފަރުވާ ދޭ ކަމަށް ބުނެ އޮޅުވާލައިގެން އެކި ކަންކަން ކުރާ ކަމުގެ ތުހުމަތު އެކި ގައުމުތަކުން ކޮށްފައިވާ މީހެކެވެ. އޭނާ ވަނީ މީގެ ކުރިން ސައޫދީ އަރަބިއްޔާގައި ހައްޔަރު ވެސް ކޮށްފަ އެވެ.