Roadha Mihaaru
ގޯލެއް ޖެހިޔަ ނުދީ ޑޯޓްމަންޑުން ޗެލްސީ ހާސްކޮށްލައިފި

ގޯލެއް ޖެހިޔަ ނުދީ ޑޯޓްމަންޑުން ޗެލްސީ ހާސްކޮށްލައިފި

16 ފެބުރުއަރީ 2023

ޑޯޓްމަންޑް (ފެބްރުއަރީ 16) - ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ބޮޑު ހަރަދުތަކެއްކުރި ޗެލްސީން ޗެމްޕިއަންސް ލީގު ނޮކްއައުޓް ބުރުގައި ރޭ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 1-0 އިން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޑޯޓްމަންޑް (ފެބްރުއަރީ 16) - ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ބޮޑު ހަރަދުތަކެއްކުރި ޗެލްސީން ޗެމްޕިއަންސް ލީގު ނޮކްއައުޓް ބުރުގައި ރޭ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 1-0 އިން ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ޑޯޓްމަންޑް މޮޅުވީ މެޗުގެ 63 ވަނަ މިނިޓުގައި ކައުންޓާ އެޓޭކެއްގައި ޒުވާން ފޯވާޑް ކަރީމް އަޑެޔެމީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ކައިރިން ނައްޓާފައި ކާމިޔާބު ކުރި ގޯލުންނެވެ.

ޗެލްސީ އިން މެޗު ފެށީ ވަރުގަދަކޮށެވެ. ސޯޅަ މިނިޓުގައި ތިއާގޯ ސިލްވާ ގޯލެއް ކާމިޔާބު ކުރި ނަމަވެސް އޭނާ އަތުން ބޯޅައިގައި ޖެހުނު ކަމަށް ބަލައި ރެފްރީ އެ ގޯލު ބަލައެއް ނުގަނެ އެވެ. މި ހާފުގައި ޗެލްސީގެ ޔާއޯ ފެލިކްސް އަށް ގޯލު ޖަހަން ދެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ހަމަލާ ގޯލާ އަމާޒު ނުވި އިރު ދެން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

އަޑެޔެމީ (ވ) ޑޯޓްމަންޑް މޮޅުކޮށްދޭން ގޯލު ޖެހުމުގެ ކުރިން ކެޕާ (ކ) ކައިރިން ނައްޓަނީ-- ފޮޓޯ: އޭއެފްޕީ

އަޑެޔެމީ (ވ) ޑޯޓްމަންޑް މޮޅުކޮށްދޭން ގޯލު ޖެހުމުގެ ކުރިން ކެޕާ (ކ) ކައިރިން ނައްޓަނީ-- ފޮޓޯ: އޭއެފްޕީ

ފަހު ހާފުގައި ކަލިދޫ ކުލިބާލީގެ ހަމަލާއެއް ގޯލު ރޮނގު މަތިން ދިފާއު ކުރީ އެމްރޭ ކޭން އެވެ. މީގެ އިތުރުން އިނގިރޭސި ރެކޯޑް ޓްރާންސްފާއެއްގައި ޕޯޗުގަލްގެ ބެންފީކާއިން ގެނައި އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ގެ ހަމަލާ ޑޯޓްމަންޑްގެ ކީޕަރު ގްރޭގޯ ކޯބެލް ވަނީ ދިފާއު ކޮށްފަ އެވެ.

ގަދަ 16 ގެ ފުރަތަމަ ލެގުގައި އެންޒޯ އާއެކު ވެސް ޗެލްސީ އަށް މޮޅު ނުވެވުނު ނަމަވެސް ބެންފީކާ ވަނީ ރޭ ރަށުން ބޭރުގައި 2-0 އިން ބެލްޖިއަމްގެ ކްލަބް ބުރޫޖް ބަލިކޮށް ކުއާޓާ ފައިނަލްގެ އުއްމީދު ބޮޑުކޮށްފަ އެވެ.

ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ މެޗުގެ ބޮޑު ބައިގައި ޗެލްސީން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މަދުވީ ޗެލްސީގެ ފަރާތުން ގޯލެއް ކަމަށެވެ. ނަމަވެސް ނަތީޖާ ނުނެރެވުމުން ދެން އޮތީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ތައްޔާރުވުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން ކޮޅަށް ވަނީ ވަރަށް އާދައިގެ ގޯލެއް. މިއަށް ވުރެ ރަނގަޅުކުރަން ޖެހޭ. މަސައްކަތް ވެސް ކުރެވޭ، އަހަރެމެން މޮޅަށް ކުޅުނީ ވެސް. ކުޅުންތެރިންނަށް އެނގޭނެ ކޮޅަށް ވަން ގޯލުގައި އެއަށް ވުރެ ރަނގަޅަށް ހުއްޓުވަން މަސައްކަތް ކުރެވޭނެކަން. އެކަމަކު އަހަރެމެންގެ ފޯކަސް އޮތީ ޕޮޒިޓިވް ކަންތައްތަކަށް، މިއީ ވެސް ކުރިއަށް އެޅުނު ފިޔަވަޅެއް،" މެޗަށް ފަހު ކޯޗު ޕޮޓާ ބުންޏެވެ.

"ޓީމުގެ ރޫހު އެބަހުރި. އަހަރެމެން ނަސީބު ވެސް ބޭނުންވޭ، އަދި މިރޭ ކުޅުނު ލެވެލްގައި ކުޅެން ވެސް ޖެހޭނެ. ދެން އޮތީ އިތުރަށް ރަނގަޅު ކުރަން މަސައްކަތް ކުރުން."

ރޭގެ ނަތީޖާއާ އެކު ޗެލްސީ ވަނީ މި އަހަރު އެޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލި ވެފަ އެވެ. އިނގިރޭސި ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗާ އެކު، ހަތަރު މެޗުން އެއްވަރު ވެފައި ވާއިރު މޮޅުވީ އެންމެ މެޗަކުންނެވެ.