Roadha Mihaaru
ކުއާޓާގެ ޖާގަ ހޯދައި ޕޮޓާގެ ޝުކުރު ސަޕޯޓަރުންނަށް

ޑޯޓްމަންޑް ކަޓުވާލުމަށް ފަހު ކުއާޓާގެ ޖާގަ ހޯދައި ޕޮޓާގެ ޝުކުރު ސަޕޯޓަރުންނަށް

08 މާޗް 2023

ލަންޑަން (މާޗު 8) - ދެވަނަ ލެގުގައި 2-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، އެގްރިގޭޓް 2-1 ގެ ނަތީޖާއާއެކު ޗެލްސީން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދުމާ އެކު، ޗެލްސީގެ ސަޕޯޓަރުންނަށް ކޯޗު ގްރަހަމް ޕޮޓާ ޝުކުރު އަދާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗު 8) - ދެވަނަ ލެގުގައި 2-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، އެގްރިގޭޓް 2-1 ގެ ނަތީޖާއާއެކު ޗެލްސީން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދުމާ އެކު، ޗެލްސީގެ ސަޕޯޓަރުންނަށް ކޯޗު ގްރަހަމް ޕޮޓާ ޝުކުރު އަދާކޮށްފި އެވެ.

ރޭގެ މެޗުގައި ވެސް ޗެލްސީ ނުރައްކާކޮށް ފެނުނުއިރު، ފުރަތަމަ ހާފް ނިމެނިކޮށް ލީޑް ނަގައިދިނީ ރަހީމް ސްޓާލިން އެވެ. ދެވަނަ ހާފް ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ލިބުނު ޕެނަލްޓީ ކައި ހަވާޓްޒް ފޮނުވާލުމުން އަމާޒު ވީ ދަނޑިއަށެވެ. ނަމަވެސް ޑޯޓްމަންޑްގެ ކުޅުންތެރިއަކު ޕެނަލްޓީ ފޮނުވާލުމުގެ ކުރިން އޭރިއާ ތެރެއަށް ވަނުމުން އަލުން ޖެހި ޕެނަލްޓީ އޭނާ ކާމިޔާބު ކުރި އެވެ. ޗެލްސީ އަށް ޕެނަލްޓީ ދިނުމުގެ އިތުރުން އަލުން ޕެނަލްޓީ ޖެހުވީ ވެސް ދިގު ވީއޭއާރު ރިވިއު އަކަށް ފަހު އެވެ.

ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގުގައި މޮޅަށް ކުޅެގެން ވެސް ޗެލްސީ 1-0 އިން ބަލިވުމުން ސަޕޯޓަރުންގެ ފަރާތުން ކޯޗަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ވި އެވެ. ނަމަވެސް ރޭގެ މޮޅާ އެކު ޕޮޓާ ވެސް ވަނީ ނަތީޖާ ނުނެރެވުމުގެ ހާސްކަން ފިލުވާލައި ދަނޑުގައި ޓީމަށް ހިތްވަރުދިން ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ޗެލްސީން ޖެހި ފުރަތަމަ ގޯލަށް ފަހު ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ޖެހި ފުރަތަމަ ގޯލަށް ފަހު ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ސަޕޯޓަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން. އެ މީހުންގެ ފަރާތުން ލިބުނީ ފުރިހަމަ ސަޕޯޓެއް. ހޮނިހިރު ދުވަހުގެ ރޭ [ލީޑްސް ޔުނައިޓެޑާ ދެކޮޅަށް] ވެސް ސަޕޯޓަރުންގެ އެހީ ލިބުނު. މިއީ ކްލަބާ ގުޅިފައިވާ ހުރިހާ ފަރާތްތަކަށް އުފާވެރި ވަގުތުކޮޅެއް،" ޕޮޓާ ބުންޏެވެ.

މި މޮޅަކީ ޗެލްސީގެ އިތުރުން ޕޮޓާ އަށް ވެސް މުހިއްމު މެޗެކެވެ. މެޗުން ނާކާމިޔާބު ވި ނަމަ އަންނަ ސީޒަނުގައި ޗެލްސީ ޔޫރަޕުގައި ކުޅެވޭނެ ކަމުގެ އުންމީދު ވަރަށް ފަނޑެވެ. ޕޮޓާ ބުނީ އެއްވެސް ކަމެއް އަބަދު ގޯސްކޮށް ނޯންނާނެ ކަމަށާއި ނަމަވެސް ގޯސް ވަގުތުތަކުގައި އަމިއްލަ ނަފްސަށް ވެސް ބައެއް ފަހަރު އެންމެ ގޯސް ހާލަތަށް ވިސްނާލެވޭ ކަމަށެވެ.

މެޗު ނިމުމާ އެކު، ދަނޑުގައި މެޗު ބަލަން އިން ޗެލްސީގެ ކޯ އޯނަރު ޓޮޑް ބޯލީ އާ ބައްދަލު ކުރި ކަމަށް ވެސް ޕޮޓާ ބުންޏެވެ. ނަތީޖާތަކާ ގުޅިގެން ތަފާތު ފާޑުކިޔުންތައް އަމާޒު ވެފައިވާ ޕޮޓާ ބުނީ އޭނާ އަދިވެސް ހުރީ ޗެލްސީގެ ކޯޗުގެ މަގާމުގައި ކަމަށެވެ.

ޑޯޓްނަމްޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އުފާވެފައި ހުރި ޗެލްސީގެ ކޯ އޯނަރު ބޯލީ (މ).-- ފޮޓޯ: އޭއެފްޕީ

ޑޯޓްނަމްޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އުފާވެފައި ހުރި ޗެލްސީގެ ކޯ އޯނަރު ބޯލީ (މ).-- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑް އަތުން ހޯދި މޮޅަކީ މިދިޔަ އަހަރު 5.2 ބިލިއަން ޑޮލަރަށް ޗެލްސީ ގަތް ކްލަބުގެ އާ ވެރިންގެ ހިންގުމުގެ ދަށުން ހޯދި އެންމެ މުހިއްމު މޮޅެވެ. އާ ވެރިން ވެސް ވަނީ ޗެލްސީ ހިންގުމާ ހަވާލުވެ މި ވީ 10 ވަރަކަށް މަސް ތެރޭގައި ކުރީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އެކޭ އެއްގޮތަށް ކުޅުންތެރިން ގަންނަން ބޮޑު ހޭދައެއް ކޮށްފަ އެވެ.

ފާއިތުވި ދެ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ކުޅލުންތެރިން ގަންނަން 600 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރި އެވެ. ނަމަވެސް ރޭގެ މެޗުގެ ކުރިން ވެރިންނަށް އެ މީހުން ކުރި ހޭދައާ އެއްވަރުގެ ނަތީޖާއެއް ލިބިފައެއް ނުވެ އެވެ.

އިނގިރޭސި ލީގުގައި 10 ވަނައިގައި އޮތް ޗެލްސީ އަށް ގަދަ 4 ގެ ޖާގައަކާ އެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ވަނީ މުޅިންހެން ގެއްލިފަ އެވެ. އަދި އިނގިރޭސި ލީގް ކަޕާއި އެފްއޭ ކަޕުން ވެސް ވަނީ ވަރަށް ކުރީ ބައިގައި ކަޓައިފަ އެވެ.

ލީގުގައި އެންމެ ފަހުން ލީޑްސް އާ ވާދަކޮށް 1-0 އިން މޮޅުވި މެޗުގެ ކުރިން ކުޅުނު 15 މެޗުގެ ތެރެއިން ކާމިޔާޞު ކުރެވުނީ އެންމެ 15 މެޗެވެ. އެ މެޗުތަކުގައި ޗެލްސީ އަށް ވަނީ ގޯލު ޖެހުމުގައި ވެސް އުނދަގޫތަކަކާ ކުރިމަތި ލައިފަ އެވެ.

ޗެލްސީ އަށް 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ތޯމަސް ޓުޗެލް މަގާމުން ދުރު ކުރުމަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު ގެނައި ޕޮޓާ އިތުރަށް ބުނީ މިދިޔަ އަހަރުގެ ފަހުކޮޅު ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަތައް ކުރިމަތި ވުމުން އޭނާ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައި ވާކަމަށެވެ.

ޗެލްސީގެ އިތުރުން ޕޯޗުގަލްގެ ބެންފީކާ ވަނީ 7-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބެލްޖިއަމްގެ ކްލަބް ބުރޫޖް ގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ފުރަތަމަ ލެގު 2-0 އިން ކާމިޔާޞު ކުރި ބެންފީކާ އިން ރޭ ކުޅުނު ދެވަނަ ލެގު ކާމިޔާބު ކުރީ 5-1 އިންނެވެ.