Roadha Mihaaru
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 86 ބޭފުޅަކަށް ދީފި

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 86 ބޭފުޅަކަށް ދީފި

16 ފެބުރުއަރީ 2023

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 86 ބޭފުޅަކަށް ގައުމީ އިނާމު މިރޭ އަރުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 86 ބޭފުޅަކަށް ގައުމީ އިނާމު މިރޭ އަރުވައިފި އެވެ.

ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަން ކުރުމަށް އެ އިނާމު ދެއްވީ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެނީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށެވެ.

މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދައުލަތަށް ބައި ގަރުނަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި މއ. ބޮޑުގަލު މާފަތްގެ، ސޯބިރާ ވަހީދު ހިމެނެ އެވެ. އޭނާ ވަނީ ދައުލަތަށް 50 އަހަރާއި 8 މަސް ހިދުމަތް ކުރައްވައިފަ އެވެ.

ދައުލަތަށް ދެވަނަ އަށް އެންމެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރެއްވި ހިދުމަތް ކުރެއްވި ބޭފުޅަކީ ހ. އިރުވައި، އިސްމާއިލް ރަޝީދެވެ. އޭނާ ވަނީ ހަ އަތޮޅެއްގެ އަތޮޅުވެރިކަން ކުރައްވައި ދައުލަތަށް 49 އަހަރު ހިދުމަތް ކުރެއްވި އެވެ. އޭނާ މިހާރު ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމުގަ އެވެ.

އިނާމް ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޝަރުއީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކުގައި އަދި އެހެނިހެން ދާއިރާތަކުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނެ އެވެ.

މިރޭ ދިން 86 އިނާމާއެކު މިހާތަނަށް 309 ބޭފުޅަކަށް ވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު ދީފަ އެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމެއް ދީ، އަގު ވަޒަން ކުރަން ނިންމީ މި ސަރުކާރުންނެވެ.

އެ އިނާމް ދިނުން ދެ ބުރަކަށް ބަހާލައިގެން އެންމެ ފުރަތަމަ ދިނީ 2021 ވަނަ އަހަރު އެވެ. ނަމަވެސް މިދިޔަ އަހަރު އެ އިނާމު ދިނުމުގެ ޖަލްސާ ނުބާއްވަ އެވެ.