Roadha Mihaaru
ދައުލަތަށް ހިދުމަތްކުރުން އުފަލަކަށް ހަދަންޖެހޭ: ރައީސް

ޒުވާނުން ދައުލަތަށް ހިދުމަތްކުރުމަކީ އުފަލަކަށް ހަދަން ރައީސް ގޮވައިލައްވައިފި

29 ޖުލައި 2023

ތަރައްގީގައި ރާއްޖެ މިހާ ހިސާބަށް އައީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންގެ އަގު ހުރި މަސައްކަތުން ކަމަށާއި އެހެންވެ މިއަދުގެ ޒުވާނުން ވެސް ދައުލަތަށް ހިދުމަތްކުރުމަކީ އުފަލަކަށް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވައިލައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތަރައްގީގައި ރާއްޖެ މިހާ ހިސާބަށް އައީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންގެ އަގު ހުރި މަސައްކަތުން ކަމަށާއި އެހެންވެ މިއަދުގެ ޒުވާނުން ވެސް ދައުލަތަށް ހިދުމަތްކުރުމަކީ އުފަލަކަށް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވައިލައްވައިފި އެވެ.

ދައުލަތަށް ދިގު މުއްދަތައް ހިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ރާއްޖޭގެ ތަރައްގީގައި އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅުން ކަމަށެވެ.

އެ ބޭފުޅުން މަސައްކަތް ފެއްޓެވި ޒަމާނަކީ ޑިޖިޓަލް ހިދުމަތްތައް އޮންނަ ޒަމާނެއް ނޫން ކަމަށާއި މިއަދުގެ ޒުވާނުންނަށް އެ ދުވަހު އެ ބޭފުޅުން އުފުއްލެވި ބުރަ ތަސައްވަރު ނުކުރެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިހާރު މަސައްކަތްކުރާ ގޮތް އޭރާ ތަފާތު ނަމަވެސް އޭރު ވެސް ދުވަހުން ދުވަަހަށް ނިންމަންޖެހޭ މަސައްކަތްތައް ބަރާބަރަށް ނިންމަވައި، އެތައް އަހަރެއް އެ ބޭފުޚުން ހިދުމަތުގައި ހޭދަކުރައްވާފައި ވާތީ އެކަމުގެ އަގު ވަޒަންކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބޭއްވި ޖަލްސާގައި އިނާމް ލިބިވަޑައިގެންނެވި ބޭފުޅަކު، ފުރޮޅުލީ ގޮނޑިއާ އެކު ސްޓޭޖަށް އަރުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެހީތެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

"ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ފަރާތުން ޒުވާނުން ނަމޫނާ ލިބިގަންނަން ޖެހޭ. ތަރައްގީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަތެއްގައި ހިދުމަތްކުރެއްވި ހިދުމަތްތެރިންގެ ގުރުބާނީ އާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުން." ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޒުވާނުންވެސް އެ ކަންކަމުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމަށް ޚިދުމަތްކުރުމަށް ޒުވާނުންނަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގައި ގިނަ އަދަދެއްގެ ޒުވާނުން މިހާރު ވެސް އެބަތިބި ކަމަށެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުން އިނާމު ދޭން ފެށީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު 309 ބޭފުޅަކަށް މި އިނާމު ދީފައިވެ އެވެ. މިއަދު ބޭއްވި ޖަލްސާގައި 148 ބޭފުޅަކަށް އިނާމު ދިން އިރު މިހާތަނަށް މުޅި ޖުމްލަ 457 ބޭފުޅަކަށް މި އިނާމު ދީފައިވެ އެވެ.