Roadha Mihaaru
ސަމަދަށް ނިސްބަތްކުރި ވާހަކައަށް މާރިޔާއަށް ފާޑުކިއުން!

ސަމަދަށް ނިސްބަތްކޮށް މާރިޔާ ދެއްކެވި ވާހަކައަށް ފާޑުކިޔުން އަމާޒުވެއްޖެ

18 ފެބުރުއަރީ 2023

އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ދެ ދުވަހު ބެހެއްޓުމަށް ފަހު ޑީޕޯޓްކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދުއާ ގުޅޭގޮތުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ދެ ދުވަހު ބެހެއްޓުމަށް ފަހު ޑީޕޯޓްކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދުއާ ގުޅޭގޮތުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި މާރިޔާ ވަނީ ސަމަދަކީ "ފިނޑިއެއް" ކަމަށް ސިފަކުރައްވައިފަ އެވެ. އަދި ދިވެހި ސިފައިން މިއަދު މި ތަމްރީނުކުރަނީ އެކަހަލަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާ އެގޮތަށް ވިދާޅުވީ ސަމަދު އަކީ ކުރިން ފުލުސް އޮފީހުގައި މަސައްކަތްކުރި މީހަކަށް ވާތީ އެވެ.

އެއީ މާރިޔާ ސަމަދަށް ކުރެއްވި ވަރަށް ބޮޑު "މަލާމާތެއް" ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަދި އެހެން ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއީ ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި މާރިޔާ ދައްކައިގެންވާނެ ފެންވަރުގެ ވާހަކައެއް ނޫނެވެ.

އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް [ސިފައިންނާއި ފުލުހުން] ރޮއެއް ނުގަންނާނެ. ހެދެނީ ނުހެދެނީ ކޮން ބައެއްކަން ނޭނގޭ ބައެއް ނޫން އަޅުގަނޑުމެން ތައްޔާރު މި ކުރަނީ: މާރިޔާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ކާނިވަލުގައި ބޭއްވި ޖަލްސާ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ކާނިވަލުގައި ބޭއްވި ޖަލްސާ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެންނަށް ފެނުނީ މޫނުގަ އަތް އަޅުއްވައި, އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނުހެން. ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ފުލުހުންނާއި ސިފައިންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ، އިމިގްރޭޝަނުގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން،" މާރިޔާ ވިދާޅުވި އެވެ.

"އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް [ސިފައިންނާއި ފުލުހުން] ރޮއެއް ނުގަންނާނެ. ހެދެނީ ނުހެދެނީ ކޮން ބައެއްކަން ނޭނގޭ ބައެއް ނޫން އަޅުގަނޑުމެން ތައްޔާރު މި ކުރަނީ."

ސަމަދުގެ ވާހަކަ މާރިޔާ ދެއްކެވީ ޕީޕީއެމްގެ ވެރިކަމުގެ ހާރިޖީ އަދި އަސްކަރީ ސިޔާސަތު ގެންދިޔަ ގޮތަށް ފާޑުވިދާޅުވެ މިހާރު ވެސް އެ ޕާޓީ އިސްވެ އޮވެ ވަކި ގައުމަކާ ދެކޮޅަށް ކެމްޕޭން ހިންގައި އޮންނަ ޚާރިޖީ ގުޅުމަށް ބުރޫއަރުވައި އެކަމުގެ ގެއްލުން ގައުމާއި ރައްޔިތުންނަށް ދެމުންދާ ކަމުގެ ކަންބޮޑުވުންފާޅުކުރައްވަމުންނެވެ. މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި އެއްވެސް ގައުމަކާ ގުޅުން ކަނޑާލައިގެން ނުތިބޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާރިޔާ ރޭ ދެއްކެވި ވާހަކައަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ހެނދުނު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާގެ ވާހަކަތައް ދިފާއުކުރައްވައިފަ އެވެ.

"އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ ގައުމުތަކޭ، ހިތުހުރި އެއްޗެއް ނުގޮވާށޭ ބުނެ ބުނެ ތިއްބައި، ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ގައުމަށް އެރީމައި، އެ ތަނުން ފޮނުވާލީމާ އެ ރޯން ޖެހޭ ރޮވުން ފެނި، އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި ވެސް އެވާހަކަ ދައްކަން ޖެހޭ،" އެ ޓުވީޓްގައިވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން މާރިޔާއަށް ރައްދުދެއްވި، ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝްގެ ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕޯޑިއަމެއްގައި އާންމުންގެ މީހަކަށް ހަޖޫޖެހުމުން ހަމައެކަނި ލަދުގަންނަވާލެވުނީ އޭނާއެއް ނޫން ކަމަށެވެ. މިއީ އާންމުންނަށް މާރިޔާގެ ޝަހުއްސިއްޔަތުގެ ވަރުގަދަ ކަމާ މެދު ސުވާލު އުފެއްދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ [ވަރުގަދަ ޝަހުސިއްޔަތަކަށް ވުމަކީ] މިނިސްޓަރަކަށް، ވަކިން ހާއްސަކޮށް ޑިފެންސް މިނިސްޓަރުގެ ކިބައިގައި ހުންނަން ޖެހޭ ބޭސިކް ކޮލިޓީއެއް،" ފައިރޫޝް ވިދާޅުވި އެވެ.

އެ މައްސަލާގައި، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން، އަލީ އިހުސާން ވިދާޅުވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރަކަށް މާރިޔާ ހުންނަވައި ދިވެއްސަކަށް މަލާމާތްކޮށް، ބޭރު ގައުމެއްގެ އަސްކަރިއްޔާއަށް ސަނާ ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ތިޔައީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު. އިންޑިއާގެ ޑިފެންސް މިނިސްޓަރެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވިގޮތުގައި، ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ވިޔަސް، ދިވެއްސަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ދިނުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެކެވެ. އޭގެ ބަދަލުގައި ފުރައްސާރަކޮށް، މަލާމާތްކުރުމުން އެނގެނީ މި ސަރުކާރުގެ ބައެއް މިނިސްޓަރުންގެ ފެންވަރެވެ.

"މިވަރުގެ މީހުން ވަޒީރުކަމުގައި ބައިތިއްބަން ހެޔޮނުވާނެ،" އޭނާ ވިދާޅުވި އެވެ.

ސަމަދު ޑީޕޯޓްކޮށްލުމުން، އެއީ ގާނޫނު އަސާސީން ދިވެހީންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ޒާތީ ގޮތެއްގައި ފިޔަވަޅު އަޅަނީ ކަމަށް ބުނެ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފުތާގައި ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު މަޖިލީހުން އެ މައްސަލަ ބަލައެއް ނުގަތެވެ.

އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅޭ ސަމަދު، މި މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓީ އޭނާ ބޭސްފަރުވާއަށް އާއިލާއާ އެކު ބެންގަލޫރަށް ގޮސް އުޅެނިކޮށެވެ.

ސަމަދު ބުނެފައިވާ ގޮތުގައި އިމިގްރޭޝަނުން އޭނާ ގެންދިޔައިރު ދޮގު ހެދި ކަމަށާއި ގެންދާ ސަބަބެއް ކަމަށް އާއިލާ އަށް އަންގާފައި އޮތީ އިނގިލީގެ ނިޝާނުގެ މައްސަލައެއް އުޅޭތީ އެވެ. އޭނާ އިމިގްރޭޝަންގެ އެއާޕޯޓް އޮފީހަށް ގެންގޮސް 18 ގަޑިއިރު ވަންދެން އެއްވެސް އެއްޗެއް ނާހައި އެ ތަނުގައި ބޭންދި ކަމަށް ވެސް ބުނި އެވެ.

ފޯނު އަތުލައި، ކާ އެއްޗެއް ނުދީ، މާލެ ފޮނުވާލަން ދެން ވަރަށް ފިނި ކޮޓަރިއެއްގައި އޭނާ ބޭންދި ކަމަށް ވެސް ސަމަދު ބުންޏެވެ.

އޭނާ ދެން އިންޑިއާއަށް ހިނގައްޖެ ނަމަ، ޖަލަށް ލާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް ވެސް ސަމަދު ބުންޏެވެ.