Roadha Mihaaru
ސަމަދަށް މަލާމަތްކުރީ ބީޖޭޕީ ރުއްސަން: އިދިކޮޅު

މާރިޔާ، ސަމަދަށް މަލާމަތްކުރީ ބީޖޭޕީ ރުއްސަން: އިދިކޮޅު

18 ފެބުރުއަރީ 2023

އިންޑިއާ އިން ޑީޕޯޓްކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް، އަބްދުއްސަމަދަށް މަލާމާތް ރައްދުވާ ގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވާހަކަދެއްކެވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ ރުއްސަން ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ އިން ޑީޕޯޓްކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް، އަބްދުއްސަމަދަށް މަލާމާތް ރައްދުވާ ގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވާހަކަދެއްކެވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ ރުއްސަން ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި މާރިޔާ ދެއްކެވި ވާހަކަތައް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކުށްވެރިކޮށްފަ އެވެ. އެ ބަޔާނުގައި ބުނިގޮތުގައި، ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެފަދަ ވާހަކަތައް ދައްކަވަނީ އިންޑިއާ ސަރުކާރު ރުއްސަންވެގެންނެވެ.

ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާއީ ވަޒީރު ޖޯކު ޖައްސަވައި، މަލާމާތްކުރެއްވުން ދިވެހި ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ކިޔާ، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ވާހަކަތަކަށް، މާރިޔާ މާފަށް އެދިވަޑައިގަތުމަށް ވެސް އެ ބަޔާނުގައި ގޮވައިލި އެވެ.

އިދިކޮޅުން ބުނީ ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުންއަރާ ކޮންމެ ވަގުތެއްގައި ވެސް ގައުމު ސަލާމާތްކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާ ކުރިމަތިލާން ތައްޔާރަށް ތިބި ބަޔަކަށް ވާއިރު، އެއްވެސް އިރެއްގައި ސިފައިންގެ އާއި ފުލުހުންގެ ތެރޭގައި މަސައްކަތްކޮށްފައިވާ މީހަކު ގައުމަށް ހަރާންކޯރު ނުވާނެ ގައުމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެހެންކަމުން، ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނޑިންތަކެއް ކަމަށް ސިފަކުރައްވާ، ޖޯކު ޖައްސަވައި، އާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާއީ ވަޒީރުކަމުގައި ހުންނެވުން އެއީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގުވަޒަން ކުރާ މިންވަރު ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަދީ، އިންޑިއާއިން ބޭނުންވާހާ ގޮތަށް ރާއްޖޭގެ ރަށްތަށް ދީ، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އެ ގައުމުގެ ކުންފުނިތަކުން ރާއްޖެ އެތެރެ ކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި އަދި ނުއަގުގައި ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީ ވެސް ރައްޔިތުންނަށް އޮޅުވާލައިގެން މި ސަރުކާރުން ކުރަމުން އަންނަ ކަންކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި މާރިޔާ ވަނީ ސަމަދަކީ "ފިނޑިއެއް" ކަމަށް ސިފަކުރައްވައިފަ އެވެ. އަދި ދިވެހި ސިފައިން މިއަދު މި ތަމްރީނުކުރަނީ އެކަހަލަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާ އެގޮތަށް ވިދާޅުވީ ސަމަދު އަކީ ކުރިން ފުލުސް އޮފީހުގައި މަސައްކަތްކުރި މީހަކަށް ވާތީ އެވެ.

އެއީ މާރިޔާ، ސަމަދަށް ކުރެއްވި ވަރަށް ބޮޑު "މަލާމާތެއް" ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެހެން ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއީ ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި މާރިޔާ ދައްކައިގެންވާނެ ފެންވަރުގެ ވާހަކައެއް ނޫނެވެ. މާރިޔާގެ އެ ވާހަކަތަކާ ގުޅިގެން އެކި ބޭފުޅުން ވެސް ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅޭ ސަމަދު، މި މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓީ އޭނާ ބޭސްފަރުވާއަށް އާއިލާއާ އެކު ބެންގަލޫރަށް ގޮސް އުޅެނިކޮށެވެ. އޭގެ ދެ ދުވަސް ފަހުން އިންޑިއާއިން އޭނާ ޑީޕޯޓްކޮށްލީ އެވެ. ރާއްޖެ އައިސް މީޑިއާއަށް ދިން އިންޓަވިއުގެއްގައި އޭނާ ބުނީ ދެން އިންޑިއާއަށް ހިނގައްޖެ ނަމަ، ޖަލަށް ލާނެ ކަމަށް އެ ގައުމުގެ އިމިގްރޭޝަނުން ބުނެފައިވާ ކަމަށެވެ.