Roadha Mihaaru
ރަޝިޔާ އަށް އެހީނުވުމަށް އެމެރިކާ އިން އިންޒާރުކޮށްފި

ރަޝިޔާ އަށް އެހީނުވުމަށް އެމެރިކާ އިން އިންޒާރުކޮށްފި

19 ފެބުރުއަރީ 2023

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުން ދާ ހަނގުރާމައިގައި ރަޝިޔާ އަށް އެހީތެރި ނުވުމަށް އެމެރިކާ އިން ޗައިނާ އަށް އިއްޔެ އިންޒާރުކޮށްފި އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުން ދާ ހަނގުރާމައިގައި ރަޝިޔާ އަށް އެހީތެރި ނުވުމަށް އެމެރިކާ އިން ޗައިނާ އަށް އިއްޔެ އިންޒާރުކޮށްފި އެވެ.

މި މައްސަލައިގައި އެމެރިކާ އިން ޗައިނާ އަށް އިންޒާރު ކުރީ، ޖަރުމަން ވިލާތުގެ މިޔުނިކްގައި މިހާރު ކުރިއަށް ދާ ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި، ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އާއެކުގައި އެމެރިކާގެ ޚާރިޖީ ވަޒީރުން އެންޓޮނީ ބްލިންކެން އިއްޔެ ބޭއްވި މަޝްވަރާތަކުގަ އެވެ. އޭގެ އިތުރުން، ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެ އުޅުނު މައްސަލައިގައި ވެސް، ބްލިންކެން ވަނީ ވަންގް ޔީ އަށް އިންޒާރު ކުރައްވައިފަ އެވެ.

ޖާސޫސީ ފުއްޕާހަމެއް ކަމަށް އެމެރިކާ އިން ތުހުމަތުކުރި ޗައިނާގެ މޫސުމީ ދިރާސާތަކާ ބެހޭ ފުއްޕާހަން، އެމެރިކާގެ ވައިގެ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން މިސައިލް ހަމަލާއެއްގައި ވައްޓައިލީ، މި މަހުގެ 4 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވެސް، އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއިން ފެނުނު ގޮތް ނޭނގޭ ތިން އުޅަނދެއް، އެމެރިކާ ސިފައިން ދިން ހަމަލާތަކެއްގައި ވަނީ ވައްޓާލައިފަ އެވެ.

އެމެރިކާގެ ޓީވީ ޗެނަލެއް ކަމަށްވާ އެންބީސީ ނިއުސް އިން މިއަދު ދައްކާ "މީޓް ދަ ޕްރެސް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ ބާރުގަދަ ނުރައްކާތެރި ހަތިޔާރުތައް ރަޝިޔާ އަށް ދިނުމަށް ޗައިނާ އިން ވިސްނަމުން ދާތީ، އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން އެފަދަ ހަތިޔާރެއް ޗައިނާ އިން ރަޝިޔާ އަށް ފޯރުކޮށްދީފި ނަމަ، އެކަމުގެ ސަބަބުން އެމެރިކާ އާއި ޗައިނާގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ފޯރަފާނެ ކަމަށް، އޭނާ ވާނީ ޗައިނާގެ ޚާރިޖީ ވަޒީރަށް ދަންނަވައިފަ އެވެ.

"ވަރަށް ނުރައްކާތެރި އަދި ފުރާނަ އަށް ގެއްލުން ލިބޭ ފަދަ އެހީތަކެއް ރަޝިޔާ އަށް ފޯރުކޮށްދިނުމަށް އެމީހުން އަންނަނީ ވިސްނަމުން، އޭގެ ތެރޭގައި މީހުން މަރައިލެވޭ ފަދަ ނުރައްކާތެރި ހަތިޔާރުތައް ވެސް ހިމެނޭ. އެ ކަމާ ބެހޭ ތަފްސީލުތައް އެމެރިކާ އިން ވަރަށް އަވަހަށް ހާމަ ކުރާނެ،" ބްލިންކެން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ޗައިނާ އާއި ރަޝިޔާއާ ދެމެދު ވަނީ، އެންމެ ފުޅާ ދާއިރާގައި ގުޅުން ދެމެހެއްޓުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އަސްކަރީ ދާއިރާގެ އިތުރުން ވިޔަފާރި އާއި އިގްތިސާދީ ދާއިރާ ވެސް ހިމެނެ އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށުމާ ގުޅިގެން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އިން ނިންމުމުން އެމެރިކާ ވަނީ ރުޅި ގަދަވެފަ އެވެ. ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހިންގަމުން ދަނީ އުދުވާނެއް ކަމަށް ހުޅަނގުގެ ގައުމުތަކުން ސިފަކޮށްފައިވާ އިރު، ޗައިނާ އިން މިހާތަނަށް ރަޝިޔާއާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

މިޔުނިކް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އިއްޔެ ވިދާޅުވި ގޮތުގައި ޗައިނާ އިން މަސައްކަތް ކުރަމުން އަންނަނީ ސުލްހަވެރި ގޮތެއްގައި ޔޫކްރޭން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށެވެ. އަދި ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ގޮތަކާ މެދު ހަމަޖެހިލައިގެން ވިސްނުމަށް ވެސް ވާންގް ވަނީ ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ބޭނުންވާ ސުލްހައިގެ ވާހަކަތައް ކާމިޔާބުވާން ނޭދޭ ބަޔަކު ތިބިކަން ފާހަގަކުރެވެ އެވެ. އަދި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް އަންނަން ބޭނުން ނުވާ ބަޔަކު ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނުވަތަ ކޮން ގައުމުތަކެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.