Roadha Mihaaru
ވަހީދު އޮޅުވައިލެއްވިކަމަށް ބުނެ ކުއްލި މައްސަލައެއް

ވަހީދު އިތުރުފުޅު ހެއްދެވި ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

15 ޖޫން 2020

ކުރީގެ ރައީސް މުހައްމަދު ވަހީދަށް އިއްޔެ މީހަކު ހަމަލާ ދިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލަ އަކީ އޮޅުވައިލެއްވުމެއް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް މުހައްމަދު ވަހީދަށް އިއްޔެ މީހަކު ހަމަލާ ދިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލަ އަކީ އޮޅުވައިލެއްވުމެއް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ވަހީދާއި އަނބިކަނބަލުން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔައި ހެދި ކަމަށް ވަހީދު ފަހުން މީޑިއާގައި ވިދާޅުވި ނަމަވެސް އެ މަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލަ ދިން" ކަމަށެވެ. ނަމަވެސް އެއީ ގަޔަށް އަތްލުން ކަމަށް ދޭހަވާ ޓުވީޓެއް ކަމަށް ވުމުން ގިނަ ބަޔަކު ދަނީ އެ މައްސަލައިގައި ވެސް ވަހީދަށް ފާޑުކިޔަމުންނެވެ.

އެހެންވެ، އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ވަހީދާއި އާއްމު މީހަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ވަހީދަށާއި އަނބިކަނބަލުންނަަށް ހަމަލާދިން ކަމަށް ވިދާޅުވުމަކީ "ދޮގު ބުހުތާނެއް" ކަމަށެވެ.

ވަހީދުއާ ދެބަސްވުމެއް ހިނގި މީހާ [ޖައުފަރު] އަކީ އެމްޑީޕީގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުމުން ޖެހިގެން އައި ދުވަހު ކުރި މުޒާހަރާ އާއި އެ ނޫން ވެސް ގޮތް ގޮތުން އަނިޔާ ލިބިފައިވާ މީހެއް ކަމަށާއި އޭނާއާ ދެކޮޅަށް ވަހީދު ހުށަހެޅުއްވި މައްސަލަ އަކީ ނުހައްގުން ދޭ "އަނިޔާއެއް" ކަމަށް މެމްބަރު ވަހީދުގެ މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ..

އެހެންވެ، އެ މައްސަލަ ހުށަހެޅުއްވީ ސަރުކާރުގެ ސަމާލުކަމަށް އެ މައްސަލަ ގެންނަން ކަމަށް މެމްބަރު ވަހީދު ވިދާޅުވި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރުމަށް ފަހު، ބަހުސް މަރުހަލާގައި އޭނާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ވައްްޓައިލީ ބަޣާވާތަކުން ކަމަށާއި އެކަން ކުރީ ވަހީދު އިސްވެ ހުންނަވައިގެން ކަަމަށެވެ. މެމްބަރު ވަހީދު ވިދާޅުވި ގޮތުގައި، އެ ކަމުގެ ތެރޭގައި އެތައް ބަޔަކަށް އެތައް އަނިޔާއެއް ދިނެވެ. އެ އަަނިޔާތަކަށް އިންސާފު ހޯދައިދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި ކުއްލި މައްސަލަ އަކީ އޭގެ ބައެއް ކަމަަށް އޭނާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ވަހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ- ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ވަހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ- ފޮޓޯ: މަޖިލިސް

"މިދިޔަ އިންތިހާބުގައި ވީ ވައުދެއް އެެއީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހުން ފެށިގެން ރައްޔިތުންނަށް ލިބިފައި ހުރި ގިނަގުނަ އަނިޔާތައް ބަލައި އިންސާފު ގާއިމު ކޮށްދޭނަމޭ. އަޅުގަނޑު މި މައްސަލަ ލީ އެގޮތުން އަޅުގަނޑުމެން ވީ ވައުދެއް މީ،" މެމްބަރުވަހީދު ވިދާޅުވި އެވެ.

ވަހީދުގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށް، ހުތުރު އެއްޗެހި ކީ، ފޮޓޯގްރާފަރެއްގެ ގޮތުގައި ވެސް ބައެއް ފަހަރު މަސައްކަތް ކުރާ އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ޖައުފަރެވެ.

ވަހީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ، ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔަމުން، ޖައުފަރު އެ މަނިކުފާނުގެ ފަހަތުގައި އުޅުނު ކަމަށެވެ. ކަސްރަތު ނިންމަވާފައި ގެ އަށް ވަޑައިގަންނަވަން އުޅުއްވި ވަގުތު އަނބިކަނބަލުންނާ ވެސް ދިމާކޮށް، ހުތުރު އެއްޗެހި ކިޔަމުން ފަހަތުން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ފުލުހުން ބުނީ ވަހީދަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި، ފުރައްސާރަކުރި މައްސަލަ އިއްޔެ ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.