Roadha Mihaaru
މާދަރީބަހުގެ ދުވަހަށް ޝަފީގާގެ ހަދިޔާއެއް

މާދަރީބަހުގެ ދުވަހަށް ޝަފީގާގެ ހަދިޔާއެއް

22 ފެބުރުއަރީ 2023

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފާތިމަތު ޝަފީގާގެ ލަވައެއް މާދަރީ ބަހުގެ ދުވަހަށް ހާއްސަކޮށް އިއްޔެ ނެރެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފާތިމަތު ޝަފީގާގެ ލަވައެއް މާދަރީ ބަހުގެ ދުވަހަށް ހާއްސަކޮށް އިއްޔެ ނެރެފި އެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ގެ މަންމަ، ޝަފީގާގެ މި ލަވަ އަށް ދީފައިވާ ނަމަކީ "ދިވެހިންގެ ބަސް" އެވެ.

މި ލަވަ ރިލީޒްކުރީ އުނޫޝާގެ ފޭސްބުކްގަ އެވެ. އެ ލަވަޔާ އެކު ކޮށްފައިވާ ޕޯސްޓްގައި އުނޫޝާ ލިޔެފައިވަނީ މިއީ މާދަރީ ބަހުގެ ދުވަހުގެ ހަދިޔާއެއް ކަމަށެވެ.

"އަޅުގަނޑުގެ މަންމަ އަކީ އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ދިމާވި އެންމެ ހިތްވަރު ގަދަ، އެންމެ އެހީ ވެދެއްވި ފަރާތް. ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާނެކަމަށް އުންމީދު ކުރަން،" އުނޫޝާ ލިޔެފައިވެ އެވެ.

އެ ލަވައިގައި ދިވެހިންގެ އެއްބައިވަންތަކަން އުފެއްދުމުގައި ދިވެހި ބަހުގެ މުހިންމުކަމުގެ ވާހަކަ ކިޔައިދެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ތަފާތު ބަހުރުވަތަކާއި ބަހުގެ ހަމަތައް ދަސްކޮށް، ދިވެހި ބަސް ކުރި އަރުވަން ވެސް ނަސޭހަތްދީފައިވެ އެވެ.

ލަވައިގެ ޅެން ހެދީ، މުހައްމަދު އާމިރު (ފަރެސް) އެވެ. ލަވައިގެ ބެކް ވޯކަލްސް، އުނޫޝާ ކިޔާފައިވައިރު، ރާގު ހެދީ ވެސް އުނޫޝާ އަދި 'ބާޗީ' ސައީދެވެ.

ސައުންޑް ސްކޮޑް ސްޓޫޑިއޯސް އިން ރެކޯޑިންގެ އަދި މިކްސިންގެ މަސައްކަތް ބާޗީ ކޮށްފައިވާ މި ލަވަ ޕްރޮޑިއުސްކުރީ އުނޫޝާ އާއި އޭނާގެ ފިރިމީހާ އިބްރާހިމް ހަމީޝެވެ.

ޝަފީގާގެ މި ލަވަ، ފޭސްބުކާއި، ސައުންޑްކްލައުޑް އަދި އިންސްޓަގްރާމުން ވެސް އަހައިލެވޭނެ އެވެ.