Roadha Mihaaru
އުނޫޝާގެ "ތެމުނަސް ހެވޭ" އާ އެކު ޗެލެންޖެއް

އުނޫޝާގެ "ތެމުނަސް ހެވޭ" އާ އެކު ޗެލެންޖެއް

12 ސެޕްޓެމްބަރ 2016

ބޮޑު އީދާ އެކު ލަވަ ކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލި ވީޑިއޯ ލަވަ "ތެމުނަސް ހެވޭ" އާ އެކު އާންމުންނަށް ޗެލެންޖެއް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮޑު އީދާ އެކު ލަވަ ކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލި ވީޑިއޯ ލަވަ "ތެމުނަސް ހެވޭ" އާ އެކު އާންމުންނަށް ޗެލެންޖެއް ހުޅުވާލައިފި އެވެ.

ލަވަ ރިލީޒް ކުރަން ރޭ ބޭއްވި ހަފުލާގައި އުނޫޝާ ވަނީ "ތެމުނަސް ހެވޭ" ގައި ދައްކާ ގޮތަށް ފެންކުޅީގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ފަހު، ވީޑިއޯ ފޮޓޯ ސޯޝަލް މީޑިއާގައި ދައްކާލަން އެދިފަ އެވެ. މިކަން ހާއްސަވާ އެއް ސަބަބަކީ އެފަދަ ހަރަކާތެއް ކުރިއަށް ގެންދަން ޖެހެނީ އުމުރުން ދުވަސް މީހަކު ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ބައިވެރިކޮށްގެންނެވެ.

ބޭނުމަކީ އީދުގެ އުފަލުގައި އެ މީހުން ބައިވެރިކޮށް، ހިއްސާ ކުރުމެވެ. އުނޫޝާ ވެސް ވަނީ މި ޗެލެންޖް އަމިއްލަ އަށް އެފަދަ ފަރާތްތަކާ އެކު ތަޖުރިބާކޮށްފަ އެވެ.

އޭނާ ވަނީ "މޯލްޑިވިއަން އައިޑޮލް" ގެ ގަދަ ތިން ބައިވެރިން ކަމަށްވާ ލައިޝާ ޖުނައިދާއި ޝަލަބީ އިބްރާހީމް އަދި އަހުމަދު އިޝާންގެ އިތުރުން ފިރިމީހާ އިބްރާހީމް ހަމީޝް އާއި ޑިސެއޭބިލިޓީ އެންބެސެޑަރު މުހައްމަދު ހިޝާން އަދި ފުޓްބޯޅަ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އަދި އަންހެން ބާސްކެޓް ބޯޅަ ޓީމާ އެކު ފެންކުޅީގެ ޗެލެންޖް ކުރިއަށް ގެންގޮސްގަ އެވެ.

އުނޫޝާގެ ހާއްސަ މެސެޖެއް އަދި ޗެލެންޖް

"ތެމުނަސް ހެވޭ" ލަވައިން ވެސް، ނުކުޅެދުންތެރިންކަން ހުންނަ ބައެއް ކުދިން ވެސް ފެނިގެން ދެ އެވެ. އެހެންވެ އެފަދަ ފަރާތްތަކަށް ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އުނޫޝާ ހުޅުވާލި ޗެލެންޖެކެވެ.

"އަޅުގަނޑު ބުނަލަން ބޭނުންވޭ މުޖުތަމައުގަ އެކަކު އަނެއްކަކަށް އެހީތެރިވެ ދިނުން މިހާރަށް ވުރެ ބޮޑަށް އަށަގަންނަވާށޭ، މިކަމުގައި ވަރަށް ގިނަ މީހުން ބައިވެރި ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" އޭނާ ބުންޏެވެ. "ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެއް، ނުކުޅުދުންތެރިކަން ހުންނަ ހުރިހާ ކުދިންނަށް ވެސް ކިޑީ ދައްތަ ބުނެލަން ބޭނުންވަނީ ވަރަށް ވަރަށް ލޯބިވެ އޭ."

އުނޫޝާގެ އީދު ލަވަ "ތެމުނަސް" އަކީ އުފާވެރިކަން ގެނުވައިދޭ ލަވައެކެވެ. އީދުގެ މަޖަލާއި ބައިވެރިވުން ދައްކުވައިދޭ ލަވައެކެވެ.