Roadha Mihaaru
ޔުނައިޓެޑް ދެން ވެސް ކުޅޭނީ ސްޕެއިން ޓީމަކާ ދެކޮޅަށް

ޔުނައިޓެޑް ދެން ވެސް ކުޅޭނީ ސްޕެއިން ޓީމަކާ ދެކޮޅަށް

24 ފެބުރުއަރީ 2023

މެންޗެސްޓާ (ފެބްރުއަރީ 24) - ބާސެލޯނާ ކަޓުވާލައި ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ދަތުރު ކުރި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް އަނެއްކާ ވެސް މުބާރާތުގައި ސްޕެއިންގެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ފެބްރުއަރީ 24) - ބާސެލޯނާ ކަޓުވާލައި ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ދަތުރު ކުރި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް އަނެއްކާ ވެސް މުބާރާތުގައި ސްޕެއިންގެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މުބާރާތުގެ ގަދަ 16 ގައި ޔުނައިޓެޑް ވާދަ ކުރާނީ ރެއާލް ބެޓިސް އާ ދެކޮޅަށެވެ. މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ފަސް ވަނަ ހޯދި ބެޓިސް މިވަގުތު ވެސް ލީގުގައި އޮތީ ފަސް ވަނައިގަ އެވެ. ޔޫރޮޕާ ލީގު ގަދަ 16 އިން ބެޓިސް ޖާގަ ހޯދީ އިޓަލީގެ ރޯމާއާ އެއް ގްރޫޕެއްގައި ވާދަކޮށް އެންމެ މެޗަކުން ވެސް ބަލި ނުވެ ގުރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ.

ފުރަތަމަ ލެގުގައި ޔުނައިޓެޑުން ބެޓިސްއާ ދެކޮޅަށް ނުކުންނާނީ އަމިއްލަ ދަނޑުގަ އެވެ. މި މެޗު ކުޅޭނީ މާޗު 9 ވާ ބުރާސްފަތި ދުވަހުގެ ރެ އެވެ. ދެ ވަނަ ލެގު ކުޅޭނީ މާޗު 16 ވަނަ ދުވަހުގެ ރެއެވެ.

ގުރޫޕް ސްޓޭޖުގައި ޔުނައިޓެޑް ދެވަނައަށް ފޮނުވާލި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް ވާދަ ކުރަން ޖެހޭނީ ރޯމާއާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ގަދަ 16 ގައި ވާދަކުރަން ޖެހެނީ ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށެވެ. ޔޫރޮޕާ ލީގުގައި ގުރޫޕްގެ އެއް ވަނަ ހޯދުމުން އާސެނަލް އަށް ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅޭކަށް ނުޖެހުނެވެ.

ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމު، ހަ ފަހަރުގެ ޗެމްޕިއަން ސްޕެއިންގެ ސެވިއްޔާ ވާދަ ކުރަން ޖެހޭނީ ތުރުކީގެ ފެނަބާޗޭއާ ދެކޮޅަށެވެ. އަދި އިޓަލީގެ ޔުވެންޓަސް ކުޅޭނީ ޖަރުމަން ލީގުގެ ފްރެއިބާގާ ދެކޮޅަށެވެ.

ސެވިއްޔާ އާއި ޔުވެންޓަސް އަކީ ވެސް ޗެމްޕިއަންސް ލީގުގައި ގުރޫޕްގެ ތިން ވަނަ ލިބިގެން ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅުނު ދެ ޓީމެވެ.

ޔޫރޮޕާ ލީގުގެ އަށް ގުރޫޕުން ވެސް އެއް ވަނަ ހޯދި ޓީމުތައް ވަނީ ގަދަ 16 ގެ ސީދާ ޖާގައެއް ހޯދައިފަ އެވެ. ދެ ވަނަ ހޯދި ޓީމުތައް ޖެހުނީ، ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ތިން ވަނަ ހޯދި ޓީމުތަކާ ދެކޮޅަށް ޕްލޭއޮފް ކުޅޭށެވެ.

ޔޫއެފާ ކޮންފަރެންސް ލީގުގެ ގަދަ 16 ގައި އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑް ވާދަކުރަން ޖެހެނީ ސައިޕްރަސްގެ އޭއީކޭ ލާނަކާއާ ދެކޮޅަށެވެ. އިޓަލީގެ ފިއޮރެންޓީނާ، ތުރުކީގެ ސިވާސްޕޯއާ ދެކޮޅަށް ކުޅޭއިރު ލާޒިއޯ ކުޅޭނީ ނެދަލެންޑްސްގެ އޭޒެޑް އަލްކަމާއާ ދެކޮޅަށެވެ. އަދި ސްޕެއިންގެ ވިޔަރެއާލް ކުޅޭނީ ބެލްޖިއަމްގެ އެންޑަލެޗްޓާ ދެކޮޅަށެވެ.