Roadha Mihaaru
ބަހުރޭން އަތުން 292 ލަނޑުން ރާއްޖެ ބަލިވެއްޖެ

ބަހުރޭން އަތުން 292 ލަނޑުން ރާއްޖެ ބަލިވެއްޖެ

26 ފެބުރުއަރީ 2023

އޭސީސީ މެންސް ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ދެ ވަނަ މެޗުން މިއަދު ބަހުރޭން އަތުން ތަފާތު ބޮޑުކޮށް، 292 ލަނޑުން ބަލިވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭސީސީ މެންސް ޗެލެންޖާސް ކްރިކެޓް މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ދެ ވަނަ މެޗުން މިއަދު ބަހުރޭން އަތުން ތަފާތު ބޮޑުކޮށް، 292 ލަނޑުން ބަލިވެއްޖެ އެވެ.

ރާއްޖެ ވަނީ ފުރަތަމަ މެޗުން އިއްޔެ އީރާން އަތުން 27 ލަނޑުން މޮޅުވެފަ އެވެ.

ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި ކުޅުނު މިއަދުގެ މެޗުގައި ރާއްޖެ އަށް ޓޮސް ދިމާވުމުން ގަސްދުކުރީ ހޮވަން އަރާށެވެ. ބަހުރޭނުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 382 ލަނޑު ހެދި އެވެ. އެއާ އެކު ރާއްޖެ އަށް މޮޅުވާން، 381 ލަނޑު ހަދަން ޖެހުނެވެ. އެކަންވީ ރާއްޖެ އަށް ބޮޑު ޕްރެޝަރަކަށެވެ. ރާއްޖެ ކުޅެން އަރައި 31.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 88 ލަނޑެވެ.

ބަހުރޭނުގެ އިނިންގްސްގައި އެ ޓީމުގެ ތިން ކުޅުންތެރިއަކު ހާފް ސެންޗަރީ ހެދި އެވެ. އެގޮތުން ޝަހްބާޒް ބަދަރު 144 ބޯޅައިން 178 ލަނޑު ހެދިއިރު ޖުނައިދު އަޒީޒް 77 ބޯޅައިން 75 ލަނޑު ހެދި އެވެ. އަދި ހައިދަރު ބަޓް 29 ބޯޅައިން 50 ލަނޑު ހެދި އެވެ.

މި އިނިންގްސްގައި ރާއްޖޭގެ ހަސަން އިބްރާހިމް 81 ލަނޑަށް ތިން ވިކެޓް ނެގިއިރު، އިބްރާހިމް ނަޝާތު 27 ލަނޑަށް އެއް ވިކެޓު އަދި ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) 72 ލަނޑަށް އެއް ވިކެޓް ނެގި އެވެ.

ރާއްޖޭގެ އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 41 ބޯޅައިން 35 ލަނޑު ހެދި މުހައްމަދު މަހްފޫޒް އެވެ. އީރާން މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކެޕްޓަން އާދަޅޭ އަށް ހެދުނީ 11 ބޯޅައިން 12 ލަނޑެވެ. އަދި މުހައްމަދު ރިސްވާނަށް 21 ބޯޅައިން ހެދުނީ 10 ލަނޑެވެ.

ރާއްޖެ އާއި ބަހުރޭނާއި އީރާނުގެ އިތުރުން ބޫޓާން ހިމެނޭ މި ގްރޫޕުގައި ކޮންމެ ގައުމެއް ދެ މެޗު ވަނީ ކުޅެފަ އެވެ. ދެ މެޗުން މޮޅުވެ ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ބަހުރޭނެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ބޫޓާން އަތުން ހަތް ވިކެޓުން މޮޅުވެފަ އެވެ. ރާއްޖެ އަތުން އިއްޔެ ބަލިވި ނަމަވެސް މިއަދު އީރާން އަތުން 50 ލަނޑުން މޮޅުވެ ދެ ޕޮއިންޓާ އެކު އީރާން އޮތީ ދެ ވަނައިގަ އެވެ. ރާއްޖެ ވެސް އެއް މެޗުން މޮޅުވެ ދެ ޕޮއިންޓް ހޯދި ނަމަވެސް ރަން ރޭޓުން ރާއްޖެ އޮތީ ތިން ވަނައިގަ އެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ބޫޓާނެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެ ދުވަހު ދެން އޮންނާނީ އީރާނާއި ބަހުރޭނުގެ މެޗެވެ.

އަނެއް ގްރޫޕުގައި ހިމެނެނީ ތައިލެންޑާއި އިންޑޮނީޝިއާ އާއި މިޔަންމާ އަދި ސައޫދީ އަރަބިއާ އެވެ.

ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި ކްރޮސްކޮށް ސެމީ ފައިނަލް ކުޅުމަށް ފަހު، ފައިނަލް އޮންނާނީ އަންނަ މާޗު މަހުގެ 5 ވަނަ ދުވަހު އެވެ.

އޭޝިއަން ކްރިކެޓް ކައުންސިލް ކަމަށްވާ އޭސީސީ އިން އަލަށް ފެށި ކްރިކެޓް ކޮލިފިކޭޝަން ސައިކަލުގައި ހިމެނޭ ހަތަރު ވަނަ ފަންތީގެ މުބާރާތް ކަމަށްވާ، މި މުބާރާތުގެ ފައިނަލަށް ހޮވޭ ދެ ޓީމަށް، އޭސީސީ މެންސް ޕްރިމިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ. އެ މުބާރާތުގައި ވާދަކުރަނީ ޔޫއޭއީ، ނޭޕާލް، ކުވޭތު، ގަތަރު، އޮމާން، ހޮންކޮން، ސިންގަޕޫރު އަދި މެލޭޝިއާ އެވެ. އެ މުބާރާތުގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޓީމަށް މެންސް އެމާޖިން ޓީމްސް އޭޝިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ. އެއީ ދުނިޔޭގެ ކްރިކެޓުގެ އެންމެ ކުރީގައި ހިމެނޭ އިންޑިއާ، ޕާކިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝް ވާދަކުރާ މުބާރާތެކެވެ.

ޕްރިމިއާ ކަޕުގެ ޗެމްޕިއަން ޓީމަށް، މެންސް އޭޝިއާ ކަޕުން ވެސް ޖާގަ ލިބޭނެ އެވެ. އެ މުބާރާތުގައި ވާދަކުރާނީ އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ، ބަންގްލަދޭޝް އަދި އަފްގާނިސްތާނެވެ.

ރާއްޖޭން ވަނީ އޭސީސީ އިން ކުރިން ބޭއްވި އެމާޖިން ނޭޝަންސް މުބާރާތް 2005، 2006 އަދި 2010 ގައި ކާމިޔާބުކޮށް ސަރަހައްދީ ލެވެލްގައި ރަނގަޅު ހިސާބަކަށް ގޮސްފަ އެވެ.