Roadha Mihaaru
ބޫޓާން އަތްދަށުވެ ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓައިފި

ބޫޓާން އަތްދަށުވެ ކްރިކެޓް ޓީމު ގްރޫޕް ސްޓޭޖުން ކަޓައިފި

28 ފެބުރުއަރީ 2023

ބޫޓާން އަތުން ހަތަރު ވިކެޓުން ބަލިވެ އޭސީސީ މެންސް ޗެލެންޖާސް ކްރިކެޓް ކަޕުގެ ގްރޫޕް ސްޓޭޖުން ދިވެހިރާއްޖެ މިއަދު ކަޓައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބޫޓާން އަތުން ހަތަރު ވިކެޓުން ބަލިވެ އޭސީސީ މެންސް ޗެލެންޖާސް ކްރިކެޓް ކަޕުގެ ގްރޫޕް ސްޓޭޖުން ދިވެހިރާއްޖެ މިއަދު ކަޓައިފި އެވެ.

ތައިލެންޑުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ދިޔައީ ހަތަރު ޓީމު ވާދަކުރި ގްރޫޕް އޭ ގެ ފުލަށެވެ. މި ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިޔައީ ތިން މެޗުން މޮޅުވެގެން ހަ ޕޮއިންޓާ އެކު ބަހުރޭނެވެ. އަދި ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ އެއް މެޗުން މޮޅުވެ ދެ ޕޮއިންޓާ އެކު ބޫޓާނެވެ.

އެންމެ މެޗަކުން މޮޅުވި، އީރާނާއި ރާއްޖެ އަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބުނެވެ. އެކަމަކު ބޫޓަނަށް ކުރި ލިބުނީ ލަނޑުގެ ރޭޓުންނެވެ. ލަނޑުގެ ރޭޓުން އީރާން ދިޔައީ ތިން ވަނަ އަށެވެ.

އޭޝިއަން ކްރިކެޓް ކައުންސިލް ކަމަށްވާ އޭސީސީ އިން އަލަށް ފެށި ކްރިކެޓް ކޮލިފިކޭޝަން ސައިކަލުގައި ހިމެނޭ ހަތަރު ވަނަ ފަންތީގެ މުބާރާތުގެ ފައިނަލަށް ދާ ދެ ޓީމަށް އޭސީސީ މެންސް ޕްރިމިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ. އަދި އެ މުބާރާތުގެ ތެރެއިން ލާފައި، އެމާޖިން ޓީމްސް އޭޝިއާ ކަޕުން ފުރުސަތު ހޯދިދާނެ އެވެ. އެއީ ދުނިޔޭގެ ކްރިކެޓުގެ އެންމެ ކުރީގައި ހިމެނޭ އިންޑިއާ، ޕާކިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝް ވާދަކުރާ މުބާރާތެކެވެ.

އެހެންވެ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމާ އެކު ރާއްޖެ އަށް ގެއްލުނީ ކުރިއަށް ދިއުމަށް ލިބިފައި އޮތް ރަނުގެ ފުރުސަތެކެވެ. ރާއްޖޭން ފުރަތަމަ މެޗުން އީރާން އަތުން 27 ލަނޑުން މޮޅުވެ ރަނގަޅު ފެށުމެއް ހޯދި ނަމަވެސް މައްސަލަ ދިމާވީ ދެ ވަނަ މެޗުން ބަހުރޭން އަތުން ތަފާތު ބޮޑުކޮށް، 292 ލަނޑުން ބަލިވުމުންނެވެ.

ލިމިޓެޑް އޯވަރަށް ކުޅޭ މި މުބާރާތުގައި ރާއްޖެ އާއި ބޫޓާން މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބޫޓާން ނިންމީ ހޮވަން އަރާށެވެ. ރާއްޖޭން ކުޅެން އަރައި 42.2 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން ހެދުނީ 105 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 23 ލަނޑު ހެދި ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ.

ބޫޓާން މޮޅުވީ 28.1 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 106 ލަނޑު ހަދައިގެންނެވެ. މި އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ ފަސް އޯވަރު 11 ލަނޑަށް ހަތަރު ވިކެޓް ނެގި ލީމް ޝަފީގެވެ.

ރާއްޖޭން ވަނީ އޭސީސީ އިން ކުރިން ބޭއްވި އެމާޖިން ނޭޝަންސް މުބާރާތް 2005، 2006 އަދި 2010 ގައި ކާމިޔާބުކޮށް ސަރަހައްދީ ލެވެލްގައި ރަނގަޅު ހިސާބަކަށް ގޮސްފަ އެވެ.