މި އަހަރުގެ ޖެނުއަރީން ފެށިގެން އޭނާ އަށް މުސާރަ ނުދޭ ކަމަށް ބުނެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
11 ސެޕްޓެމްބަރ 2022
މި އަހަރުގެ ޖެނުއަރީން ފެށިގެން އޭނާ އަށް މުސާރަ ނުދޭ ކަމަށް ބުނެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މައްސަލަ ދިމާވީ ޕޯޗުގަލް އަށް ނިސްބަތްވާ ސިމާއޯ އަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި މިދިޔަ ދެ އަހަރު މަސައްކަތް ކުރި ނެދަލެންޑްސްގެ ދެ ކޯޗުން ކަމަށްވާ މާޓިން ކޫޕްމަން އާއި ރެނޭ ހިޑިންކް ވެސް ވަނީ، އެ ދެ ކޯޗުންނާ މެދު އެފްއޭއެމް އަމަލު ކުރި ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފީފާ އަށް އެ މައްސަލަ ހުށަހެޅުމުން، އެ ޖަމިއްޔާ އިން ވަނީ އެ ދެ ކޯޗުންގެ ހައްގުތައް އަދާ ކުރުމަށް އެފްއޭއެމް އަށް އަންގައިިފަ އެވެ.
ގައުމީ ޓީމުގެ މިހާރުގެ ހެޑް ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ގައުމީ ޓީމުގައި މަސައްކަތް ކުރަން ފެށި ސިމާއޯ ބުނީ، މާލީ ގޮތުން އޮތް ހާލަތު އޭނާ އަށް ވިސްނޭތީ ކެތްތެރި ކަމާއެކު މަސައްކަތް ކުރި ކަމަށެވެ.
"މުސާރައެއް ނުލިބި އަހަންނަށް ވީ އެންމެ ބޮޑަކަށް ކެތްތެރި ވެވޭތޯ ބެލިން. ހާލަތު ވިސްނައިގެން ކުރިއަށް ދެވޭތޯ އަަހަރެން ބެލިން. ޖެނުއަރީ 2022 ން ފެށިގެން އަހަންނަށް މުސާރައެއް ނުލިބޭ،" ސޯޝަލް މީޑީއާގައި ސިމާއޯ ލިޔެފައި ވެއެވެ.
ސިމާއޯގެ ސޯޝަލް މީޑިއާ ޕޯސްޓް
އިޓަލީގެ ލެކްސީ އަށް ކުޅުނު ކުރީގެ މިޑްފީލްޑަރު ބުނީ ގިނަ ދުވަސްތަކެއް ވީއިރު ވެސް އޭނާގެ މުސާރަ އާ ބެހޭގޮތުން އެފްއޭއެމުން އޭނާ އަށް އެއް ވެސް އެއްޗެއް އަންގާފައި ވެސް ނުވާ ކަމަށެވެ.
ބައްސާމް އާއި ސިމާއޯ ކޮސްޓާ: އޭނާ ވަނީ އެފްއޭއެމް އާ މެދު ކަންބޮޑުވުން ފާޅުކޮށްފަ --- ފައިލް ފޮޓޯ: އެފްއޭއެމް
ކޯޗެއްގެ ގޮތުގައި ސްވިޒަލެންޑްގެ އެފްސީ ބެރޯޝޭ ގޮރްގިއާގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރި ސިމާއޯ ބުނީ އޭނާ މަސައްކަތް ކުރީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި އޭނާ ކޮށްފައިވާ ތަޖުރިބާތަކެއްގެ އަލީގައި ރާއްޖޭގެ ޓީމު ބިނާ ކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އޭނާގެ މަސައްކަތާ މެދު އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެހެން ފަރާތްތަކުން ވެސް ހިތްހަމަޖެހުން ފާޅު ކޮށްފައިވާ ކަމަށް ސިމާއޯ ބުންޏެވެ.
"އަހަރެންގެ މަސައްކަތާ މެދު އެފްއޭއެމްގެ ފަރާތުން އަބަދުވެސް ލިބުނީ ހިތްހަމަޖެހޭ ކަމުގެ ވާހަކަތަކެއް. އެންމެން ވެސް ތިބީ އަހަރެންގެ މަސައްކަތާ މެދު ހިތްހަމަ ޖެހިފަ. އެފްއޭއެމްގެ ރައީސް [ބައްސާމް] ވެސް ވަނީ ޑިސެމްބަރު 2022 ގެ ނިޔަލަށް އަހަރެންގެ އެއްބަސްވުން އާ ކުރުމަށް ޝައުގުވެރިކަން ވެސް ފާޅު ކޮށްފަ،" ދެކުނު ކޮރެއާގެ ޑެޖާއޯން ސިޓަޒަން އަށް ކުޅެ އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާތަކެއް ހޯދި ސިމާއޯ ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި އޭނާގެ ދައުރު ނިންމާލީ ފީފާގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
މިދިޔަ ހަތް މަހު މުސާރައިގެ ގޮތުގައި އޭނާ އަށް ދޭން ޖެހެނީ ކިހާ ފައިސާއެއް ކަމެއް ސިމާއޯ ހާމަކޮށްފައެއް ނުވެ އެވެ.
ޖޫން މަހު ބޭއްވި ކޮންގްރެސްގައި ބައްސާމް ވިދާޅުވެފައި ވަނީ އޭގެ ހަފުތާއެއް ފަހުން އެފްއޭއެމްގެ މާލީ ހާލަތު ރަނގަޅު ވެގެންދާނެ ކަމަށެވެ. ނަމަވެސް މިދިޔަ މަހު އެފްއޭ ކަޕުގެ ފައިނަލު މެޗަށް ފަހު ބައްސާމް ވަނީ އަދި ވެސް އެފްއޭއެމްގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އެފްއޭގެ މަލީ ދަތިތަކާ ހެދި ތަންކޮޅެއް އުނދަގޫ ދުވަސްތަކެއް މިދަނީ،" މިދިޔަ މަހު ކުޅުނު އެފްއޭ ކަޕުގެ ފައިނަލު މެޗަށް ފަހު މިޑީއާ އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވި އެވެ.
ކޫޕްމަން އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދި ރެނޭ ހިޑިންކް ދެ ކޯޗުންނަށް ވެސް ބަދަލު ދޭޏް އެފްއޭއެމް އަށް ޖެހުނު --- ފައިލް ފޮޓޯ: މިހާރު
މި އަހަރަކީ ކުރީގެ ދެ ކޯޗުންނަށް އެފްއޭއެމުން ގިނަ ފައިސާތަކެއް ދޫކޮށްލަން ޖެހުނު އަހަރެކެވެ. އެގޮތުން ކުރީގެ އެސިސްޓެންޓް ކޯޗު އަދި ފަހުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި ރޭނޭ އާއެކު ހެދި އެއްބަސްވުމާ ހިލާފަށް އޭނާ މަގާމުން ވަކި ކުރުމުން ފީފާގެ ފުޓްބޯޅަ ޓްރައިބިއުނަލް އިން ވަނީ ބަދަލުގެ ގޮތުގައި 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން އަންގައިފަ އެވެ.
ގައުމީ ޓީމުގެ ކުރީގެ ހެޑް ކޯޗު ކޫޕްމަންގެ މައްސަލަ ފީފާގެ އެ ކޮމިޓީން ބެލުމަށް ފަހު ޖޫން މަހު ނިންމާފައި ވަނީ ކޫޕްމަން އަށް ވެސް ބަދަލު ދިނުމަށެވެ. ކޫޕްމަން އަށް ވެސް ގާތްގަނޑަކަށް 180،000 ޑޮލަރު ދޭން އަމުރު ކުރި އެވެ.
ކޫޕްމަން އާއި ރެނޭ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ނުދައްކައިފިނަމަ ފީފާގެ ޑިވެލޮޕްމެންޓްގެ ބަޖެޓުން އެފްއޭއެމް އަށް ދޫކުރާ ފައިސާއިން އެބައި އުނި ކުރާނެ ކަމަށް ވެސް އަންގާފައިވެ އެވެ.
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
މަހިބަދޫގައި ޕެލޭ ސްޓޭޑިއަމް ހުޅުވައިފި
ސިމާއޯ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދައްކައިފި
ސިމާއޯއަށް 40000 ޑޮލަރު ދޭން އެފްއޭއެމަށް ޖެހިއްޖެ
ކޫޕްމަން ވަކިކުރީ ގޯސްކޮށް، ބަދަލުދޭން އަންގައިފި
އެފްއޭއެމްގެ މައްސަލަ ކޫޕްމަން ފީފާއަށް ހުށަހަޅައިފި
ރެނޭއަށް 2.9 މިލިއަން ރުފިޔާ ދައްކަން އަންގައިފި
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟
ރޭންކިންގައި ރާއްޖެ އަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް