Roadha Mihaaru
ހައްޔަރު ކުރި އެމެރިކާ މީހާ ޑީޕޯޓްކޮށްލަނީ

ހައްޔަރު ކުރި އެމެރިކާ މީހާ ޑީޕޯޓްކޮށްލަނީ

19 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި، ގަވާއިދާ ހިލާފަށް ހުޅުމާލޭގައި ދިރިއުޅެމުން ދަނިކޮށް ހައްޔަރުކުރި އެމެރިކާ ފިރިހެނެއް ކަމަށްވާ ޖޯން ސޭފާޓް، ޑީޕޯޓްކޮށްލަން އިމިގްރޭޝަނުން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕާސްޕޯޓު ނެތި، ގަވާއިދާ ހިލާފަށް ހުޅުމާލޭގައި ދިރިއުޅެމުން ދަނިކޮށް ހައްޔަރުކުރި އެމެރިކާ ފިރިހެނެއް ކަމަށްވާ ޖޯން ސޭފާޓް، ޑީޕޯޓްކޮށްލަން އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 70 އަހަރުގެ ޖޯން ގެންދިޔައީ، ފުލުހުންނާ ގުޅިގެން އެ ތަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. ޖޯން ގަވާއިދާ ހިލާފުވި ކަމުގެ ތުހުމަތު ކުރާ އިރު، އޭނާގެ ގާތް މީހުން ބުނަނީ ދިވެހިންތަކެއް އޭނާ އަށް ލަނޑުދިނުމުން، ޕާސްޕޯޓު ނެތި އުޅެން މަޖުބޫރުވީ ކަމަށެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެނިކޮށް ހުޅުމާލެ އިން ހައްޔަރު ކުރި މީހުން ވަރަށް އަވަހަށް ފުރުވާލާނެ ކަމަށެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ ވަކިވަކި ބިދޭސީންގެ މައުލޫމާތު ހާމަ ނުކުރާ ކަމަށް ވިދާޅުވެ ޖޯންގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.

ގަވާއިދުތަކާ އެއްގޮތަށް އިމިގްރޭޝަންގެ އާއްމު އުސޫލަކީ، ހަލީލް ވިދާޅުވި ގޮތުގައި، މަގްބޫލު އުޒުރެއް ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުން މަދުވެގެން 10 އަހަރަށް ޑީޕޯޓްކުރުމެވެ.

ޖޯންގެ ގާތް މީހުން ބުނާ ގޮތުގައި މީގެ ހަތް އަހަރު ކުރިން އޭނާ ރާއްޖެ އަށް ދިރިއުޅުން ބަދަލުކުރީ ދިވެއްސަކާ އެކު ހުޅުމާލޭގައި ގެސްޓު ހައުސް ވިޔަފާރި ހިންގާށެވެ. އޭނާ ވެސް ފައިސާ ހޭދަ ކޮށްގެން ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ފަހު ވަކި ހިސާބަކުން އޭނާ ބޭރުކޮށްލީ ކަމަށް ބައެއް މީހުން ބުނެ އެވެ.

އެ ވިޔަފާރިން އޭނާ ބޭރުކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ ޖޯން އަށް ފައިސާދޭން އެ ވިޔަފާރީގެ އަނެއް ހިއްސާދާރަށް ހުކުމް ވެސް ކޮށްފަ އެވެ.