Roadha Mihaaru
ސްކޫލުތަކަށް އަނެއްކާވެސް ޑޭޓާ އެލަވަންސް ދެނީ

އުރީދޫ އާއި ދިރާގުން ސްކޫލުތަކަށް އަނެއްކާވެސް ޑޭޓާ އެލަވަންސް ދެނީ

06 ޖެނުއަރީ 2021

މި އަހަރުގެ ފުރަތަމަ ތިން މަހަށް އުރީދޫ އާއި ދިރާގުން ރާއްޖޭގެ ސްކޫލުތަކަށް ޑޭޓާ އެލަވަންސް ދޭން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ތިން މަހަށް އުރީދޫ އާއި ދިރާގުން ރާއްޖޭގެ ސްކޫލުތަކަށް ޑޭޓާ އެލަވަންސް ދޭން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންނަ ހަފްތާގައި ސްކޫލުތަކުގެ ދެވަނަ ޓާމް ކިޔެވުން ފެށޭ އިރު ޓީޗަރުންއި ދަރިވަރުންނަށް ޑޭޓާ އެލަވަންސް ދޭން އުރީދޫ އާއި ދިރާގުން ވެސް ވަނީ އެއްބަސްވެފަ އެވެ.

ޓީޗަރުންނަށް ދެނީ 10 ޖީބީގެ ޑޭޓާ އެލަވަންސް އެވެ. ދަރިވަރުންނަށް 5 ޖީބީގެ ޑޭޓާ އެލަވަންސް ލިބޭނެ އެވެ. ޑޭޓާ އެލަވަންސް ލިބޭ މީހުންގެ އަދަދު ގާތްގަނޑަކަށް 25،000 އަށް އަރާނެ ކަމަށްވެ އެވެ.

ބެލެވޭ ގޮތުގައި ކުރިއަށް އޮތް ތިން މަހަށް ހިލޭ ދޭ ޑޭޓާ އެލަވަންސަށް އުރީދޫ އާއި ދިރާގުން މަހެއްގެ މައްޗަށް 4.5 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އަލުން ހިލޭ ޑޭޓާ އެލަވަންސް ދޭން ރާއްޖޭގެ މުވާސާލާތީ މައި ދެ ކުންފުނިން ނިންމީ ކޮވިޑްގެ ހާލަތު މުޅިން ރަނގަޅު ނުވާތީ ސްކޫލުތަކުން އޮންލައިން ކޮށް ބައެއް ކްލާސްތައް ގެންދަން ޖެހޭނެތީ އެވެ.

ސްކޫލުތަކަށް ޑޭޓާ ދޭން ފެށީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑްގެ ހާލަތާ ގުޅިގެން ގޭގައި ތިބެގެން އޮންލައިން ކްލާސްތައް ހިންގަން ފެށުމުންނެވެ. އޮންލައިންކޮށް އެންމެ ގިނަ ދުވަސް ވަންދެން ކިޔަވައިދިނީ މާލެ ސަރަހައްދުގެ ސްކޫލްތަކާއި ކޮލެޖް/ޔުނިވަސިޓީތަކުންނެވެ.